Roadha Mihaaru

ހުޅުމާލޭގައި މަރުވި ޒުވާން އަންހެން ކުއްޖާ ކޮވިޑަށް ޕޮޒިޓިވް

ރޭ ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ޒުވާން އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް، އެޗުޕީއޭ އިން މިއަދު ބުނެފި އެވެ.

ހުޅުމާލޭގައި މަރުވި ޒުވާނާ ކޮވިޑަށް ޕޮޒިޓިވް

ރޭ ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ޒުވާން އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް، އެޗުޕީއޭ އިން މިއަދު ބުނެފި އެވެ.

އުމުރުން 21 އަހަރުގެ ފާތުމަތު ޒަހާ އަހުމަދު ޝަކީލް، ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައީ، ރޭ 11:42 ހާއިރު އެވެ.

ފުލުހުން ބުނާ ގޮތުގައި އޭނާ ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ. އެކަމަކު އޭނާ ގެންދިޔައީ ގެއިން ކަމެއް ނުވަތަ އެހެން ތަނަކުން ކަމެއް ފުލުހުން ނުބުނެ އެވެ.

މައުލޫމާތު ހުރި ބައެއް މީހުން ބުނާ ގޮތުގައި ޒަހާ ހޮސްޕިޓަލަށް ގެންދިޔައީ ހުޅުމާލޭގެ ގެސްޓް ހައުސްއަކުންނެވެ. އޭނާއާ އެކު އެ ގެސްޓް ހައުސްގައި އިތުރު އަންހެނުންތަކެއް ވެސް އުޅުނު ކަމަށްވެ އެވެ.

ހދ. މަކުނުދު އަށް އުފަން ޒަހާގެ މަރާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެކަމަކު އޭނާ މަރުވި ފަހުން ހެދި ޓެސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށް، އެޗުޕީއޭއިން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް އެއީ ކޮވިޑްގެ މަރެއްގެ ގޮތުގައެއް އެޗުޕީއޭއަކުން ނުބަލަ އެވެ.

ޒަހާ ވަޒީފާ އަދާކުރަމުން އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އުރީދޫ އޮފީހުގަ އެވެ. އިއްޔެ ހެނދުނު އޭނާ ޑިއުޓީ އަށް ވެސް ނުކުތެވެ.

ޒަހާގެ މަރުގެ ހިތާމައިގައި އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ ޑިސެމްބަރު 2019 ގައި އެ ކުންފުންޏާ ގުޅުނު ފަހުން، އޭނާ އަކީ އުރީދޫގެ އެއާޕޯޓް ވިޔަފާރީގެ މުހިންމު މުވައްޒަފެއް ކަމަށެވެ.

"އޭނާ ނެތުމުގެ އުނިކަން ވަރަށް ބޮޑަށް އިހުސާސް ކުރެވޭނެ އެވެ،" އުރީދޫގެ މެސެޖްގައި ލިއެފައިވެ އެވެ.

އެއާޕޯޓްގައި ވަޒީފާ އަދާކުރުމުގެ ކުރިން ބައެއް މީޑިއާތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުން ވެސް ޒަހާ މަސައްކަތް ކުރި އެވެ.

ވަޒީފާގައި އުޅެމުން ގައުމީ ޔުނިވަސިޓީގައި ލެބޯރެޓަރީ ސައިންސްގެ ދާއިރާ އިން ޒަހާ އައީ ކިޔަވަމުންނެވެ.

މީގެ ދެ އަހަރު ކުރިން ވެސް ހުޅުމާލޭގައި ވަނީ ޒުވާނުންތަކެއްގެ ކުއްލި މަރުގެ ހިތާމަވެރި ހާދިސާއެއް ހިނގައިފަ އެވެ. ސެޕްޓެމްބަރު 28، 2017 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި މަރުވީ ޒުވާން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.