Roadha Mihaaru
ކޮވިޑް ޖެހިގެން އައިސީޔޫގައި އޮތް މީހަކު މަރުވެއްޖެ

ކޮވިޑު ޖެހިގެން އައިސީޔޫގައި ފަރުވާދިން މީހަކު މަރުވެއްޖެ

13 ސެޕްޓެމްބަރ 2020

ކޮވިޑް-19 ގައި ރާއްޖެ އިން އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 ގައި ރާއްޖެ އިން އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ)ން މިއަދު ބުނީ މަރުވި 58 އަހަރުގެ މީހާ އަށް ފަރުވާދެމުން އައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގަ އެވެ. މިއީ، މި ބަލީގައި މަރުވި 32 ވަނަ މީހާ އެވެ.

ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު ވަނީ 9،000 އަށް އަރައިފަ އެވެ. މާލޭގައި ވަރަށް ބޮޑަށް ފެތުރިފައި އޮތްއިރު، މި ބަލި ޖެހިފައި ތިބި މީހުން 28 ރަށެއްގައި އެބަތިއްބެ އެވެ. އެކަމަކު އެއްވެސް ރަށެއްގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތެވެ.

ގިނައިން ޕޮޒިޓިވް ކޭސްތައް ފެނިފައި ވަނީ ކަރަންޓީންގައި ތިއްބަ އެވެ. ރަށަކުން މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ގދ. ހޯނޑެއްދޫންނެވެ. އެ ރަށުގައި ޕޮޒިޓިވް އަދަދު އުޅެނީ 38 ގަ އެވެ.

އެޗްއީއޯސީގެ ހިސާބުތަކުން ދައްކާ ގޮތުގައި މި ބަލި ޖެހިފައިވާ 1،960 އަށް ވުރެން ގިނަ މީހުން މިވަގުތު އަންނަނީ ކޮވިޑް-19 އަށް ފަރުވާ ހޯދަމުންނެވެ. އޭގެ ތެރެއިން 116 މީހަކު ފަރުވާ ހޯދަމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑުގައި ޕޮޒިޓިވްވާ އަދަދު މިދިޔަ މަހު ވަރަށް ބޮޑަށް އިތުރުވާން ފެށުމުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ނަތީޖާ ފެންނަން ފަށައި މިހާރު ވަނީ ކޭސްތައް މަދުވާން ފަށައިފަ އެވެ. ކުރިން ޕޮޒިޓިވްވާ އަދަދު 100 އިން މަތީގައި އުޅުނަސް މިހާރު ވަނީ ދެ އަކުރަށް ދަށްވާން ފަށައިފަ އެވެ.

މިއަދަދުގައި ހިފެހެއްޓޭނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އެންމެން އަމަލުކޮށްގެން ކަން ސިއްހީ ތަޖުރިބާކާރުން އަންނަނީ ހަނދާންކޮށްދެމުންނެވެ. ބޭރު ތެރެއަށް މާސްކް ނާޅާއި ނުނިކުތުމާއި އަބަދުވެސް ގައިދުރުކަން ބެހެއްޓުމާއި ގިނަގިނައިން އޮތް ދޮވެ، މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަކީ މި ބަލީގެ އެންމެ މުހިއްމު ފަރުވާ ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.