ޕެންޝަން ނިޒާމުގެ ތެރެއިން ބޭސިކް ޕެންޝަނަށް ކޮންމެ މަހަކު 100 މިލިއަން ރުފިޔާ ހޭދަވާ ކަމަށާއި 2030 ވަނަ އަހަރު އެ އަދަދު ހަތް ޕަސެންޓަށް އިތުރުވުމުން، ދައުލަތަށް އެ ހަރަދު ކުރަން އުނދަގޫވާނެ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
21 އެޕްރީލް 2025
ޕެންޝަން ނިޒާމުގެ ތެރެއިން ބޭސިކް ޕެންޝަނަށް ކޮންމެ މަހަކު 100 މިލިއަން ރުފިޔާ ހޭދަވާ ކަމަށާއި 2030 ވަނަ އަހަރު އެ އަދަދު ހަތް ޕަސެންޓަށް އިތުރުވުމުން، ދައުލަތަށް އެ ހަރަދު ކުރަން އުނދަގޫވާނެ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޑަބަލް ޕެންޝަން ދިނުމާއި ސަރުކާރުގެ ވަކި ވަކި އިދާރާތަކުން ހިންގާ ޕެންޝަން ސްކީމްތައް ހުއްޓުވުމަށްޓަކައި މާލިއްޔަތު ކޮމިޓީން އިސްނަގައިގެން ފެށި މަސައްކަތާ އެކު، މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ވިދާޅުވީ، ޕެންޝަން ގާނޫނު ވުޖޫދަށް އައިތާ 15 އަހަރުވީ އިރު، އެ ސްކީމުގެ ބޭރުން ވަކި ވަކި މުއައްސަސާތަކުން ހިންގާ ސްކީމުތަކުން ދޭ ފައިދާތައް އުވާލާ އިރު، ކުއްލިއަކަށް އުވާލުމުގެ ބަދަލުގައި މެދުމިނުގެ ހައްލުތަކެއް ހޯދަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ބަޔަކަށް ލިބެމުންދާ އެއްޗެއް ހުއްޓާލާ އިރު، އެކަމުގައި އަމަލު ކުރާނެ ގޮތްތަކެއް ކަނޑައަޅައި، އެކަން ހުއްޓޭނެ ތާރީހެއް ކަނޑައެޅުން ވަރަށް މުހިއްމު ކަމަށެވެ.
ޝުޖާތާ ވިދާޅުވީ، ޕެންޝަން ގާނޫނުގެ ބޭރުން ހިންގާ ސްކީމުތަކާ ގުޅިގެން، އެކަމަށް ކުރަން ޖެހޭ ހޭދަ ބޮޑުވެ، ތަފާތު ކުރުން ބޮޑު ނިޒާމެއް އުފެދިފައި އޮތުމަކީ އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ. އަދި ކޮންޓްރިބިއުޓް ކުރެވޭ ނިޒާމެއް އުފައްދާފައި އޮތް އިރު އޭގެ ބޭރުން އެއްވެސް ކޮންޓްރިބިއުޝަނަކާ ނުލައި ހިންގާ ސްކީމުގެ ސަބަބުން، ޕެންޝަން ގާނޫނުގެ ތެރެއިން ހިންގާ ސްކީމުގައި ބައިވެރިވަން ބޭނުންވާ މީހުން މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ބައެއް ބޭފުޅުންނަށް އެބަ އެނގިލައްވާ އެބަ ލިބޭކަން ޑިފައިންޑް ބެނިފިޓެއް. ވަޒީފާ އިން ވަކިވާ ހިނދު. އަނެއްކާ ވެސް އެ ފޯލް ވަނީ ސަރުކާރުގައި އުޅޭ މުވައްޒަފުންނަށް. އެހެންވީމަ އެބަ އުޅޭ އިކުއިޓީގެ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
ޝުޖާތާ ވިދާޅުވީ، 2030 ވަނަ އަހަރަށް ދާއިރު 65 އަހަރުގެ އާބާދީ ހަތް ޕަސެންޓަށް އިތުރުވާނެ ކަމަށެވެ.
"އެހެންވީމަ މިހާރު މި ހުރި ވަރުގައި އިނާޔަތްތައް ބެހެއްޓި ކަމުގައިވީ ނަމަވެސް ވަރަށް ބޮޑަށް ހަރަދު ބޮޑުވެގެންދާނެ. މިހާރު މި ހުރިވަރުގައި ވެސް އިނާޔަތްތައް ނުވެސް ބެހެއްޓޭނެ ކަން ވިސްނާލަން ޖެހޭ. ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލުގެ ސަބަބުން، އިންފްލޭޝަން ޓެސްޓު ކުރެވިގެން ބަދަލުތައް ގެންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިއަދުގެ ކޮމިޓީގައި މެންބަރުން ވަނީ، ވަކި ވަކި އިދާރާތަކުން ޕެންޝަން ސްކީމުތައް ހިންގުމުގެ ބަދަލުގައި އެ ހުރިހާ ބާރެއް ޕެންޝަން ގާނޫނުގެ ތެރެއިން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ހަވާލު ކުރަން، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތްތައް ރާވާނެ ގޮތުގެ ޓައިމްލައިނެއް ހިއްސާކުރުމަށް އެ އިދާރާއަށް އެދިފަ އެވެ. އެކަމުގައި ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަނާ އެކު މަޝްވަރާތައް ކުރުމަށް ވަނީ ރާވައިފަ އެވެ.
ވަކިވަކި ޕެންޝަން ސްކީމުތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް އޮތްއިރު އެ މުއައްސަސާތަކުގެ ވަކިވަކި ޕެންޝަން ސްކީމަށް މި އަހަރުގެ ބަޖެޓުން 272 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރު ޑަބަލް ޕެންޝަނަށް 266 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޑަބަލް ޕެންޝަނަށް 70 މިލިއަނެއްހާ ރުފިޔާ ވަނީ އިތުރުވެފަ އެވެ.
ރިޓަޔާކުރަން ބޭނުންވާ އުމުރު މައްޗަށް
ޕެންޝަން ބޯޑަށް ސަރުވަޝް އާއި މާޖިދު
ދުވަސްވީ އާބާދީ އިތުރުވާތީ ތައްޔާރުވާންޖެހޭ: މިނިސްޓަރު
ވަކިކުރި ސީއީއޯ ވަޒީފާ އަނބުރާ ހޯދަން ޓްރައިބިއުނަލަށް
ޕެންޝަންގެ ބައެއް ހިދުމަތްތައް އިސާއިން ބަލައިގެންފި
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ހުޅުވާލައިފި
ކޮރަޕްޝަން ނައްތާލައިގެން ވިޔަފާރި ފުޅާވާނެ: އަމީރު
ޑައުން ޕޭމަންޓް ދައްކަން ސީބީއެމްއާ އެކު ސޮއިކޮށްފި
ޕެންޝަންގެ ބޯޑު ޗެއާމަނަކަށް ކުރިމަތިލާން ހުޅުވާލައިފި
ނުހައްގުން ހޯދާ ފައިސާއިން ހުޅުމާލެއިން ފްލެޓާއި ބިން!