Roadha Mihaaru

މާލީބާޒާރަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޯޕަރޭޓް ސެކްޓާ ރަނގަޅަށް ފަހުމުވާ ޖުޑީޝަރީއެއް ނެތުން: އިނާޒް

ރާއްޖޭގައި ފައިނޭންޝަލް އިންސްޓްޓިއުޓްތައް ރަނގަޅަށް ހިންގަން އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފުރިހަމައަށް ކޯޕަރޭޓް ސެކްޓާ ރަނގަޅަށް ފަހުމުވާ ހޭލުންތެރި ފަނޑިޔާރުގެއެއް ނެތުން ކަމަށް ޕެންޝަން އޮފީހުގެ ޗެއާމަން އަދި ކުރީގެ ފިނޭންސް މިނިސްޓަރު ޑރ.އަހުމަދު އިނާޒް މިއަދު ވިދާޅުވެއްޖެ އެވެ.

"މާލީ ބާޒާރަށް ހަރުދަނާ ފަނޑިޔާރުގެއެެއް މުހިއްމު"
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

10 ސެޕްޓެމްބަރ 2025

ރާއްޖޭގައި ފައިނޭންޝަލް އިންސްޓްޓިއުޓްތައް ރަނގަޅަށް ހިންގަން އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފުރިހަމައަށް ކޯޕަރޭޓް ސެކްޓާ ރަނގަޅަށް ފަހުމުވާ ހޭލުންތެރި ފަނޑިޔާރުގެއެއް ނެތުން ކަމަށް ޕެންޝަން އޮފީހުގެ ޗެއާމަން އަދި ކުރީގެ ފިނޭންސް މިނިސްޓަރު ޑރ.އަހުމަދު އިނާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ޕެޝަން އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި "ދަ މޯލްޑިވްސް ފައިނޭންސް ފޯރަމް 2025" ގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިނާޒް ވިދާޅުވީ ފައިނޭންޝަލް އިންސްޓްޓިއުޓްތަކަށް ވުރެ ކުރިއަރާފައިވާ ނުވަތަ އެއް ހަމައެއްގައިވާ ތަނަކަށް ފަނޑިޔާރުގެ ވާން ޖެހޭ ކަމަށެވެ.

ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ ކޯޕަރޭޓް ސެކްޓާ ރަނގަށް ފަހުމްވާ ފަނޑުޔާރުގެއެއް ނެތުން އެއީ ރާއްޖޭގައި އެޑްރެސްކުރަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ. އެ ފޯރަމްގައި ކުރި ސުވާލުގައި އެހީ " ފައިނޭންޝަލް އިންސްޓްޓިއުޝަންތަކަށް ރާއްޖޭގައި މިހާރު ކުރިމަތިވާ މައިގަނޑު ރެގިއުލޭޓަރީ ގޮންޖެހުންތަކަކީ ކޮބައިތޯ" އާއި " މާލީ ބާޒާރު ފުޅާކުރުމަށްޓަކައި އެޑްރެސް ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވަނީ ކޮންކޮން ކަންތައްތަކަށްތޯ" އެވެ.

"ކޯޕަރޭޓް ސެކްޓާ ރަނގަޅަށް ފަހުމްވާ، ވަރުގަދަ ވެލް އެޑިއުކޭޓެޑް ޖުޑީޝަރީއެއް [ނެތުން] އެއީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންނަށް ކުރިމަތިވާ މައިގަނޑު އެއް ގޮންޖެހުމަކީ. އަޅުގަނޑަށް ފެންނަ ގޮތުގައި ބާޒާރު ތަރައްގީވާ ވަރަކަށް ޖުޑީޝަރީ އަޅުގަނޑުމެންނަށް ވުރެ ކުރިއަރައިފައި އޮންނަން ޖެހޭނީ، ނުވަތަ އެންމެ ކުޑަމިނުން އަޅުގަނޑުމެންނާ ބައިވެރިވެގެން މަސައްކަތް ކުރަން ޖެހޭނީ،" އިނާޒް ވިދާޅުވި އެވެ.

ދެވަނަ ގޮންޖެހުމަކީ އޭނާ ވިދާޅުވި ގޮތުގައި މާލީ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުޅުން ހުންނަ ގޮތެވެ. އޭގެ ތެރޭގައި ސަރުކާރު ވެސް ހިމެނޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަކީ އަންނާނެ ކަމަށް ލަފާކޮށް، އެ މަޝްރޫއުތަކަށް ރިއާޔަތްކޮށްގެން ފައިނޭންޝަލް އިންސްޓްޓިއުޓްތަކަށް ޕްލޭން ކުރެވޭ މަޝްރޫއުތަކަށް ވާން ޖެހޭ ކަމަށެވެ.

ފައިނޭންސް ފޯރަމަކީ މާލީ ދާއިރާގެ މައްސަލަތަކާ މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށާއި އެ ދާއިރާގެ މާހިރުން ފަންނީ މައުލޫމާތު ހިއްސާކުރަން ޕެންޝަން އޮފީހުން ކޮންމެ އަހަރަކު ބާއްވާ ފޯރަމެކެވެ. މިއަދު ބޭއްވި ފޯރަމަކީ އެ ސިލްސިލާގެ 12 ވަނަ ފޯރަމެވެ.