Roadha Mihaaru
އިގްތިސާދު ފުޅާކުރަން ފެންޝަން ފަންޑުބޭނުންކުރޭ: އިނާޒް

19 ބިލިއަންގެ ޕެންޝަން ފަންޑު ބޭނުން ކޮށްގެން އިގްތިސާދު ފުޅާކުރެވޭނެ: ޑރ. އިނާޒް

23 ނޮވެމްބަރ 2023

ރާއްޖޭގެ ޕެންޝަން ފަންޑުގެ ސައިޒު 19 ބިލިއަން ރުފިޔާގައި ހުރި އިރު، އެ ފަންޑު ބޭނުންކޮށްގެން ރާއްޖޭގައި ސްޓްރެޓެޖިކް އިންވެސްޓްމެންޓްތައް ކުރިއަށް ގެންދެވޭނެ ކަމަށް ޕެންޝަން އޮފީހުގެ ޗެއާމަން އަދި ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ޕެންޝަން ފަންޑުގެ ސައިޒު 19 ބިލިއަން ރުފިޔާގައި ހުރި އިރު، އެ ފަންޑު ބޭނުންކޮށްގެން ރާއްޖޭގައި ސްޓްރެޓެޖިކް އިންވެސްޓްމެންޓްތައް ކުރިއަށް ގެންދެވޭނެ ކަމަށް ޕެންޝަން އޮފީހުގެ ޗެއާމަން އަދި ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ އަޕްޑޭޓް "ބެޓަން ޑައުން ދަ ހެޗަސް" ރިޕޯޓު ނެރުމަށް ވޯލްޑް ބޭންކުގެ ފަރާތުން ގައުމީ ޔުނިވާސިޓީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިނާޒް ވިދާޅުވީ، ރާއްޖެ އަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޑޮމެސްޓިކް ފަންޑުތައް ބޭނުން ކުރެވިދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރު ވެސް ބަޖެޓަށް ފައިނޭންސް ކުރުމަށް ޕެންޝަން ފަންޑުން ބައެއް ބޭނުން ކުރާ އިރު، އެ ފަންޑު އިނޮވޭޓިވް ނުވަތަ އީޖާދީ އާ ގޮތްތަކަށް ބޭނުން ކުރެވިދާނެ ކަމަށެވެ.

"މާ ބޭނުންތެރި ގޮތްތަކަށް ފަންޑު ބޭނުންކޮށްގެން އިގްތިސާދު ފުޅާކުރަން މަސައްކަތް ކުރެވިދާނެ. އެކަން ކުރަން ވިސްނާ އިރު މި ފަންޑުތަކުގެ ތެރެއިން ރާއްޖޭގެ މީހުންގެ މެދުގައި ފައިސާ ރައްކާ ކުރެވޭނެ ސަގާފަތެއް ވެސް އުފައްދަން ޖެހޭ،" އިނާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އާންމުންގެ ދިރިއުޅުމުގެ ކަންކަން ބަދަލުކޮށް، ފައިސާ ރައްކާ ކުރަން ހިތްވަރު ލިބޭނެ ގޮތަށް ކަންކަން ބައްޓަން ކުރަން ޖެހެ އެވެ. އިނާޒް ދެކެވަޑައިގަންނަވާ ގޮތުގައި އެ މަސައްކަތް ފަށަން ޖެހޭނީ ސަރުކާރުންނެވެ.

އިނާޒް ވިދާޅުވީ، ފަސް އަހަރުން ނިމޭ ތަރައްގީގެ ޕްލޭންގެ ބަދަލުގައި ސްޓްރެޓެޖިކް ދުރު ރާސްތާ ޕްލޭނެއްގެ ތެރެއިން އަތޮޅުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް ހައްލު ކުރެވޭނީ ހުރިހާ ދާއިރާއަކުން ވެސް އެކައްޗެއް ކިޔައިގެން އެއް އަމާޒަކަށް ދާން މަސައްކަތް ކޮށްގެން ކަމަށެވެ.