Roadha Mihaaru
"ބަޖެޓު ޑެފިސިޓުގެ ބޮޑު ބައެއް ހޯދީ އެމްއެމްއޭއިން"

މިދިޔަ އަހަރުގެ ބަޖެޓު ޑެފިސިޓުގެ ބޮޑު ބައެއް ހޯދީ އެމްއެމްއޭއިން: ވޯލްޑް ބޭންކް

20 މެއި 2024

މިދިޔަ އަހަރުގެ ބަޖެޓު ޑެފިސިޓުގެ ބޮޑު ބައެއް ހޯދީ މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ކަމަށާއި ބޭންކިން ސެކްޓަރުގެ 30 ޕަސެންޓު ވެސް ބޭނުން ކުރަނީ ސަރުކާރުގެ ބޭނުމަށް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރުގެ ބަޖެޓު ޑެފިސިޓުގެ ބޮޑު ބައެއް ހޯދީ މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ކަމަށާއި ބޭންކިން ސެކްޓަރުގެ 30 ޕަސެންޓު ވެސް ބޭނުން ކުރަނީ ސަރުކާރުގެ ބޭނުމަށް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

މިއަދު ރަސްމީކޮށް ލޯންޗުކުރި ވޯލްޑް ބޭންކް އިކޮނޮމިކް އަޕްޑޭޓު ރިޕޯޓާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވަމުން އިކޮނޮމިސްޓު އާޑަމް އޭޓަސް ވިދާޅުވީ، ސަރުކާރުން ފައިނޭންސިން ހޯދުމުގައި އެމްއެމްއޭ އާއި ކޮމާޝަލް އެހެން ބޭންކްތައް ބަރޯސާވާ ވަރު ވަރަށް ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ އާ ހަމައަށް އެމްއެމްއޭގެ 60 ޕަސެންޓް އެސެޓު އިވެސްޓްކޮށްފައި ހުރީ ސަރުކާރުގެ ސެކިއުރިޓީގައި ކަމަށެވެ.

"މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން، ބޭންކްތަކުން ސަރުކާރުގެ ސެކިއުރިޓީއަށް އިންވެސްޓް ކުރާ ވަރު ސްޓެބިލައިޒް ކުރަން މަސައްކަތް ކޮށްފައިވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މުޅި ބޭންކިން ދާއިރާގެ 30 ފައިސާ ހޭދަކުރަނީ ސަރުކާރުގެ ޓީބިލާއި ޓީ ބޮންޑަށް ކަމަށެވެ.

މިކަމުގެ ސަބަބުން މާލީ ދާއިރާ ކުރިއަށް ދިއުމަށް ދަތިތަކާ ކުރިމަތިވި ނަމަވެސް، މިދިޔަ އަހަރު ރާއްޖޭގެ ބޭންކިން ދާއިރާ ނުވަ ޕަސެންޓަށް ކުރިއަށް ގޮސްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ސަރުކާރުން 2020 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން 4.4 ބިލިއަން ރުފިޔާއާ ހަމައަށް ދިޔައީ ފައިސާ ޗާޕުކުރަމުންނެވެ.

ރާއްޖޭގެ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށްޓަކާއި ހަރަދުތައް ކުޑަ ކުރަން ވޯލްޑް ބޭންކުން ވަނީ ވަރަށް ބޮޑަށް ގޮވާލައިފަ އެވެ. އަދި ފިސްކަލް ރިފޯމުގެ އަމަލީ މަސައްކަތްތައް އަވަހަށް ފެށުމަށް އެދިފައިވެ އެވެ.