03 އޮކްޓޯބަރ 2023
ރާއްޖޭގެ ދަރަނި 115 ޕަސެންޓަށް އަރައި، ޖީޑީޕީ ކުރިއަރާ ވަރު ކުރިން ލަފާކުރި ވަރަށް ވުރެ ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.
ރާއްޖޭގެ ދަރަނި 115 ޕަސެންޓަށް އަރައި، ޖީޑީޕީ ކުރިއަރާ ވަރު ކުރިން ލަފާކުރި ވަރަށް ވުރެ ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.
ވޯލްޑް ބޭންކުން ބުނީ އިގްތިސާދު 8.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެވުނަސް، މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 6.5 ޕަސެެންޓުގައި ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ލަފާކުރަނީ ރާއްޖޭގެ އިގްތިސާދު 9.4 ޕަސެންޓަށް މައްޗަށް ދާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދައުލަތުގެ ދަރަނި މި ވަގުތު ހުރީ 108 ބިލިއަން ރުފިޔާގަ އެވެ. ވޯލްޑް ބޭންކުން އެ ލަފާކުރާ ގޮތަށް ދަރަނި ޖީޑީޕީގެ ނިސްބަތުން 115 ޕަސެންޓަށް އަރައިފި ނަމަ ދައުލަތުގެ ދަރަނި އެ އަށް ވުރެ ވެސް އިތުރުވާނެ އެވެ. ދައުލަތުގެ ދަރަނީގެ ތެރެއިން 49 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. އެތެރޭގެ ދަރަންޏަކީ 59 ބިލިއަން ރުފިޔާ އެވެ.
ވޯލްޑް ބޭންކުން އާންމުކުރި ސައުތު އޭޝިއާ ޑިވެލޮޕްމަންޓް އަޕްޑޭޓްގައިވާ ގޮތުން އިގްތިސާދު ކުރިން ލަފާކުރިވަރަށް ވުރެ ދަށްވާނެ ކަމަށް ބެލެވެނީ ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުގެ ތެރެއިން އެކަމުގެ އަސަރު ރާއްޖެ އަށް ކުރާނެތީ އެވެ. މިދިޔަ ޖެނުއަރީ މަހު ލަފާކުރި ވަރަށް ވުރެ އިގްތިސާދު ކުރިއަރާ ވަރު ދަށްވި އިރު ކުރިއަށް އޮތް ދެ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ 5.4 ޕަސެންޓުގަ އެވެ.
ސަރުކާރުން މި އަހަރުގެ ކުރީކޮޅު ޖީއެސްޓީ ރޭޓް ބޮޑުކުރި ނަމަވެސް، މި އަހަރު ސަބްސިޑީ އިސްލާހުތައް ލަފާކުރި ގޮތަށް ތަންފީޒު ކުރެވެމުން ނުދާތީ ވޯލްޑް ބޭންކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސަބްސިޑީއާ ގުޅިގެން އިސްރާފުވާ ހަރަދުގެ ބައި ކުޑަ ކުރަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ އެދިފަ އެވެ.
ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒަރްވޮސް ވިދާޅުވީ އިގްތިސާދު ރަނގަޅު ވަރެއްގައި ކުރިއަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ޑެފިސިޓް ކުޑަ ކުރުމަށާއި ދަރަނި ބެލެހެއްޓުމަށާއި ރޭވިގެން އިންވެސްޓްމެންޓްތައް ކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށެވެ.
"ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގެ މައި އިންޖީނުގެ ގޮތުގައި ދެމި އޮތަސް، ތިމާވެއްޓާ ރައްޓެހި ޓޫރިޒަމާއި މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމާއި ދުރު ސަރަހައްދުތަކުގައި މަދުން އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ހަރަދު ކުރުމަށް އިސްކަން ދިނުމާއި އަމިއްލަ ވިޔަފާރިތަކުން ކުރާ އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް ބާރުއެޅުން ފަދަ ފިޔަވަޅުތައް އަޅައިފި ނަމަ އެންމެންގެ ބައިވެރިވުން އޮންނަ، ދެމެހެއްޓެނިވި އަދި މޫސުމީ ބަދަލުތަކުގެ ގެއްލުންތަކާއި އެހެނިހެން ލޮޅުންތަކަށް ތައްޔާރު ވެފައިވާ ފެހި އިގްތިސާދެއް ބިނާކުރުމަށް ރާއްޖެއަށް ބާރަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
ވޯލްޑް ބޭންކުގެ ބަޔާނުގައިވާ ގޮތުން ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ކެޕިޓަލް ހަރަދާއި ސަބްސިޑީ އަށް ކުރާ ހޭދަ އިތުރުވުމާއި ބަޖެޓް ޑެފިސިޓް ފޫބައްދަން މަރުކަޒީ ބޭންކުން ފައިސާ ޗާޕު ކުރުމާއި ތަކެތީގެ އަގުތައް އުފުލުން ހިމެނެ އެވެ. އެ ގޮންޖެހުންތަކުން އަރައިގަތުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން އެ އިދާރާއިން ވަނީ އެދިފަ އެވެ. ދަރަނި އިތުރުވުން ކޮންޓްރޯލްކޮށް، ޒިންމާދާރުކަމާ އެކު ދަރަނި ބެލެހެއްޓުމަށް ވަނީ އެދިފަ އެވެ.
64 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައިި
2026ގެ ދަރަނީގެއަސަރު ޕްރައިވެޓް ސެކްޓަރަށް ކުރާނެ
ސިޔާސަތުތައް ބަދަލުކުރަނީ އަސަރު ކުޑަވާ ގޮތަށް: އަމީރު
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
އެމެރިކާގެ ފާމާއެކު ކުރިއަށް ނުދާން ނިންމައިފި
މާލީ ދަތިކަމުގައި ރާއްޖެއަށް އެހީވާން އިންޑިއާ ތައްޔާރު
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު