Roadha Mihaaru
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު

ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު

03 ޑިސެމްބަރ 2024

ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަން މިހާރު ނެތް ކަމަށާއި މާލީ އިދާރާތަކުން އެކަމާ ގުޅޭ ގޮތުން ވާހަކަތައް ދެއްކުން ވެސް ހުއްޓިއްޖެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަން މިހާރު ނެތް ކަމަށާއި މާލީ އިދާރާތަކުން އެކަމާ ގުޅޭ ގޮތުން ވާހަކަތައް ދެއްކުން ވެސް ހުއްޓިއްޖެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ، ވެރިކަމާ ހަވާލުވި އިރު 124 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް 50 ޕަސެންޓަކީ މިދިޔަ ފަސް އަހަރުގެ ދަރަނި ކަމަށެވެ. އޭނާ ވިދާޅުވީ ލިބޭ އާމްދަނީގެ 24 ޕަސެންޓު ދަރަންޏަށް ހޭދަކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ވަރަށް އުފަލާ އެކު ދަންނަވާލަން ރައީސް މުއިއްޒު މިހާރު މަސައްކަތް ކުރައްވަނީ، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް ފޯމިއުލޭޓް ކޮށްގެން. ޑިއުވާ ހުރިހާ ދަރަންޏެއް ދައްކަން އުޅެ، ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދީފި ކަމުގައިވާ ނަމަ އައިއެމްއެފް އިން ރިފޯޓު ކުރި ގޮތަށް އަޅުގަނޑުމެން ބަނގުރޫޓުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމަކު އެ ސިނާރިއޯ އިން މިހާރު މި ވަނީ ނެރެ ރެވެނިއު ސްޓީމްތައް ރަނގަޅު ކޮށްފައި."

ޒަމީރު ވިދާޅުވިގޮތުގައި، ބައެއް ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ދެއްކުން ވެސް ވަނީ ފަސްކޮށްފަ އެވެ. އޭނާ ވިދާޅުވީ، ދަރަނިން ސަލާމަތް ކުރުމަށް ރައީސްގެ މުހިއްމު ޕްލޭންތަކެއް އެބަހުރި ކަމަށާއި އެއިން އަރައިގަތުމަށް މިދިޔަ އެއް އަހަރުގެ ތެރޭގަިއ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ޒަމީރު ވިދާޅުވީ، ރޭޓިން އޭޖެންސީތަކާއި އައިއެމްއެފުން ވެސް، މިނިސްޓްރީއާ ދެމެދު ހިންގާ މުއާމަލާތްތަކުގައި ވެސް އެ އިދާރާތަކުން ބާރު އަޅަނީ، ހަރަދު ކުޑަ ކުރުމަށް ކަމަށާއި ބަނގުރޫޓުވުމާ ގުޅޭ ގޮތުން ދެއްކި ވާހަކަތައް ހުއްޓާލައިފި ކަމަށެވެ. އެކަން އެގޮތަށްވީ، ސަރުކާރުން ހަރުދަނާ ސިޔާސަތުގެ ދަށުން ކަަމށް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޖެޓުގައިވާ ގޮތުން މި އަހަރު ނިމޭ އިރު ޖުމްލަ ދަރަނި 139 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. ދައުލަތުގެ ދަރަނި އަންނަ އަހަރު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ދައުލަތުގެ ސީދާ ދަރަނި، ޖީޑީޕީގެ ނިސްބަތުން 95 ޕަސެންޓަށް ވުރެ ދަށްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެ މިންވަރަށް ދަރަނި ދަށްކުރަން އިސްލާހީ ފިޔަވަޅުތަކާއި ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ބަޖެޓު ފޮތުގައި ފާހަގަކޮށްފައި ވެ އެވެ.