Roadha Mihaaru
ސިޔާސަތުތައް ބަދަލުކުރަނީ އަސަރު ކުޑަވާ ގޮތަށް: އަމީރު

އަމީރުގެ ދިފާއު: މާލީ ސިޔާސަތުތައް ބަދަލު ކުރަނީ އެންމެ އަސަރު ކުޑަވާނެ ގޮތަށް!

05 އެޕްރީލް 2023

ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ބައެއް ކަންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް މިއަދު ރައްދު ދެއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ބައެއް ކަންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް މިއަދު ރައްދު ދެއްވައިފި އެވެ.

ވޯލްޑް ބޭންކުން އިއްޔެ އާންމު ކުރި ރިޕޯޓެއްގައި ބުނާ ގޮތުން ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް ކުރިން ލަފާކުރިޔަސް ހިސާބުތަކުން މިހާރު އެ ގޮތަށް ނުދައްކަ އެވެ.

މި ސަރަހައްދުގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރަނީ 5.6 ޕަސެންޓުގައި ކަމަށާއި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރަނީ 6.6 ޕަސެންޓުގައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. މިއީ ކުރިން ލަފާކުރި ވަރަށް ވުރެ ގާތްގަނޑަކަށް ދެ ޕަސެންޓު ދަށް އަދަދެެކެވެ.

އެކަމާ ގުޅިގެން އަމީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯލްޑް ބޭންކުން ރާއްޖޭގެ އިގުތިސާދީ ދުވެލީގެ އަންދާޒާ ކުރިއަށްވުރެ ދަށްވާނެ ކަމަށް ލަފާކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރި މިންވަރު ކުރިން ވާލްޑް ބޭންކުން އަންދާޒާކުރި މިންވަރަށް ވުރެ މަތިވެފައިވާތީ ކަމަށެވެ. އެއީ ހިސާބު ކުރުމުގައި އަންނަ ބޭސް އިފެކްޓް އާ ގުޅިގެން ކަމަށް އަމީރު ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 2022 ވަނަ އަހަރާ އަޅާބަލާއިރު 21.5 ޕަސެންޓު އިތުރުވެފައިވާ ކަމަށާއި މި އަހަރު ރެކޯޑު މިންވަރަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އަމީރު ވިދާޅުވި އެވެ. އެހެންވެ އިގުތިސާދީ ކުރިއެރުން މިހާރުގެ އަންދާޒާތަކަށް ވުރެ މަތިވާނެ ކަމަށް ވެސް މިިނިސްޓަރު ވިދާޅުވި އެވެ.

ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފަ އެވެ.

ނަމަވެސް އަމީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައިވާ ދަނޑިވަޅަކަށްވީ ނަމަވެސް އެކަމުގެ ސަބަބުން ރާއްޖެ އަށް ކުރާ އަސަރު އަވައްޓެރި ގިނަ ގައުމުތަކާ އަޅާބަލާއިރު ކުޑަ ކަމަށެވެ.

އިންފްލޭޝަން މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން ތެލާއި ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ސަބްސިޑީ ދެމުން އަންނާތީ ކަމަށާއި ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާއެކު ސަބްސިޑީތަކުގެ ހޭދަ ވެސް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

"ކޮވިޑް ގެ ހާލަތާ ގުޅިގެން އިތުރުވި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު މެދުރާސްތާގައި ދާނީ ދަށަށް. މިކަން ހާސިލުކުރަން ސިޔާސަތުތަކަށް ބަދަލުގެންނާނީ ރައްޔިތުންނަށް އެކަންކަމުގެ އަސަރު އެންމެ ކުޑަ ވާނެ ގޮތަށް،" އަމީރު ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިސާ ދިނުމާއި މަޝްރޫއުތަކަށް ކުރާ ހޭދަ ބޮޑުވުމާއި ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ހަރަދުތަކުގެ ސަބަބުން ސަރުކާރުގެ މާލިއްޔަތަށް އިތުރު ހީނަރުކަމެއް އަންނާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.

އެހެންވެ، މުޅި މާލިއްޔަތަށް ކުރިމަތިވާ ބުރަ ކުޑަކުރުމަށް ސަބްސިޑީތައް ކުޑަކޮށް، ސަބްސިޑީ ދޭ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.