Roadha Mihaaru
"ޕެންޝަނުން އިންވެސްޓުކުރަން ޑޮލަރު ހޯދަން އުނދަގޫ"

ޕެންޝަން ފަންޑުން ބޭރަށް އިންވެސްޓްކުރަން ޑޮލަރު ހޯދަން އުނދަގޫ: ސުޖާތާ

05 އޯގަސްޓް 2024

ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ ރާއްޖޭގައި އިންވެސްޓް ކުރެވޭނެ އެކަށީގެންވާ ފުރުސަތުތަކެއް ނެތް ކަމަށާއި އަދި ރާއްޖެއިން ބޭރުގައި އެ ފަންޑުން އިންވެސްޓްކުރަން ޑޮލަރު ހޯދުމުގައި ދަތިތައް އެބަހުރި ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ ރާއްޖޭގައި އިންވެސްޓް ކުރެވޭނެ އެކަށީގެންވާ ފުރުސަތުތަކެއް ނެތް ކަމަށާއި އަދި ރާއްޖެއިން ބޭރުގައި އެ ފަންޑުން އިންވެސްޓްކުރަން ޑޮލަރު ހޯދުމުގައި ދަތިތައް އެބަހުރި ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، އެ ފަންޑުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވީ އަސާސީ ޕެންޝަންގައި ބައިވެރިވެފައިވާ 23،000 މީހުންނަށް މިދިޔަ މަހު އެކަނި ވެސް 100 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ. އޭގެ އިތުރުން އެހެނިހެން ޕެންޝަންގެ ގޮތުގައި 33 މިލިއަން ރުފިޔާއާ ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި 122،000 މީހުން އެކައުންޓް ހުޅުވައި މަހަކު، 143 މިލިއަން ރުފިޔާ ޖަމާކުރާ ކަމަށް ސުޖާތާ ވިދާޅުވި އެވެ. އަދި އެ ފައިސާ އިންވެސްޓް ކުރާއިރު، އަބަދުވެސް އަމާޒަކީ އާމްދަނީގެ ގޮތުގައި އެވްރެޖުކޮށް މަދުވެގެން 50 ޕަސެންޓް ހޯދައިދިނުން ކަމަށާއި އަދި އިންވެސްޓް ކުރަނީ ވެސް ބަލަނީ އެންމެ ރަނގަޅު އަދި ފައިދާ ލިބޭ ތަންތަނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޖާތާ ވިދާޅުވީ އެމްއެމްއޭގެ ހުއްދަ ލިބިފައިވާ ބޭންކުތަކާއި ސެކިއުރިޓީ އަދި ސްޓޮކް އެކްސްޗޭންޖާއި ހުއްދަ ލިބިގެން ހިންގާ ފަންޑުތަކުގައި އިންވެސްޓްކުރާ ކަމަށެވެ. އަދި އޭގެ ސަބަބުން އެވްރެޖުކޮށް ފަސް ޕަސެންޓުގައި ފައިދާ ހިފެހެއްޓޭ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

"މިހާތަނަށް ފުލް ފަންޑުގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ [ފައިދާ] ލިބިފައި އެބަހުރި." ސުޖާތާ ވިދާޅުވި އެވެ.

ޕެންޝަން ފަންޑުން މިހާތަނަށް އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވަނީ ޓްރެޒަރީ ބިލަށެވެ. އޭގެ އިތުރުން މިދިޔަ އަހަރުން ފެށިގެން ޕްރައިވެޓް ޕްލޭސް މާކެޓް ސްޓޮކް އެކްސްޗޭންޖުގައި ގާއިމްކޮށް ފުރުސަތު ލިބޭ ވަރަކުން އިންވެސްޓް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އިންޓަނޭޝަނަލް މާކެޓުގައި އިންވެސްޓް ކުރުމަކީ މިހާރު އޮތް ގޮންޖެހުމެއް ކަން ޕެންޝަން އޮފީހުން ފާހަގަކުރެ އެވެ.

ޕެންޝަން އޮފީހާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް

ޕެންޝަން އޮފީހާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް

"ޕެންޝަން ފަންޑުން އިންވެސްޓްކުރަން ހުރި ގޮންޖެހުންތައް އެއީ ރާއްޖޭގައި އިންވެސްޓްމަންޓް އޮޕޮޗިއުނިޓީތައް ވަރަށް ކުޑަ. ޑޮލަރު ހޯދުމަކީ ފަސޭހަ ކަމަކަށް ނުވޭ. އިންވެސްޓްމަންޓުތައް އިތުރު މަސައްކަތްތަކެއްކޮށް ހަރުދަނާ ކުރަން ބޭނުންވޭ. އަޅުގަނޑުމެން ސައިޑުން ވަރަށް މަސައްކަތް ކުރަން. ސަރުކާރާއެކު ވެސް ވަރަށް މަސައްކަތް ކުރެވިގެން ދޭ. އިންވެސްޓްމަންޓް ފުޅާކުރުމަކީ ފުދޭވަރަކަށް އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް. އިންޓަނޭޝަނަލީ ވެސް މި ގެންދިއުމަށް ނުވަތަ ޑިވެލޮޕްމަންޓަށް ބޭނުންވޭ."ސުޖާތާ ވިދާޅުވި އެވެ.

ޕެންޝަން ފަންޑަށް ކުރީގެ ސަރުކާރުން ގެނައި ބަދަލުގައި ވަނީ ހައްޖަށް ދިއުމާއި ގެދޮރު ގަންނަން އެ ފަންޑުގެ ފައިސާ ބޭނުން ކުރެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފަ އެވެ. ސުޖާތާ ވިދާޅުވީ ސިޔާސަތަށް ގެންނަ ކުއްލި ބަދަލުތަކުން ގޮންޖެހުންތައް ދިމާވާނެ ކަމަށެވެ.

"ޕެންޝަނާ ގުޅޭ ކުއްލި ބަދަލުތަކަކީ ވަރަށް ބޮޑު ގޮންޖެހުމެއް. އަޅުގަނޑުމެން އިންޓްރޮޑިއުސްކުރާ ކޮންމެ ޕްރޮޑަކްޓަކީ ވެސް އެއާ ގުޅިގެން ފުދޭ ވަރަކަށް ރިސާޗު ބޭސްޑުކޮށް އަޅުގަނޑުމެން އެއްޗެހި އިންޓްރޮޑިއުސް ކުރަނީ. އެ ނޫން ގޮތަކަށް މި އެއްޗެހި އައިމަ ނިޒާމަށް ވަރަށް ބޮޑު ލޮޅުންތަކެއް އަރާނެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް." ސުޖާތާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުން ދޭ ޕެންޝަންގެ އިތުރުން އެހެން ޕެންޝަންތައް ވެސް ދޭތީ، ރިޓަޔަމަންޓް ޕެންޝަނަށް ފައިސާ ޖަމާ ކުރަންޖެހޭ ކަމަށް ބައެއް މީހުން ގަބޫލު ނުކުރާ ކަމަށެވެ. އަދި އެއީ ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހަރަދަކަށް ވެފައި އަދި ރާއްޖެ މިހާރު ދަނީ މުސްކުޅި އާބާދީއަކަށް ވާތީ އޭގެ ސަބަބުން ބަޖެޓަށް ބޮޑު ބުރައަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޖާތާ ވިދާޅުވި ގޮތުގައި ވަޒީފާ އަދާނުކޮށް އަމިއްލަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ވެސް ޕެންޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮތަސް ޕެންޝަންގައި ބައިވެރިނުވަނީ، އުމުރުން ދުވަސްވުމުން ދައުލަތުން ޕެންޝަން ދޭން ފަށާނެ ކަމަށް ވިސްނާތީ ކަމަށެވެ.

"ވޯކްފޯސްގެ 80 ޕަސެންޓް މިހާރު އެބައުޅޭ ޕެންޝަންގައި. އަޅުގަނޑުމެން ބޭނުންވޭ އިންޑިވިޖުއަލް، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުންނާއި ކުދިކުދި ވިޔަފާރިތައް ވެސް މިއަށް ކޮންޓްރިބިއުޓް ކުރަން. އޭރަށް ފުރިހަމަ ސިސްޓަމެއް ގޮތަށް ކުރިއަށް ގެންދެވޭނީ." އޭނާ ވިދާޅުވި އެވެ.

ޑަބަލް ޕެންޝަން ހުއްޓުވަން ކުރާ މަސައްކަތާ ގުޅޭގޮތުން މެމްބަރެއްގެ ސުވާލާ ގުޅިގެން ޕެންޝަން އޮފީހުން ބުނީ ޑަބަލް ޕެންޝަން ހުއްޓުވަން ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ގާނޫނަށް އިސްލާހު ގެންނަން ފަންނީ އެއްބާރުލުން ދެމުންދާ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.