Roadha Mihaaru
ދުވަސްވީ އާބާދީ އިތުރުވާތީ ތައްޔާރުވާންޖެހޭ: މިނިސްޓަރު

އުމުރުން ދުވަސްވީ އާބާދީ އިތުރުވަމުންދާތީ ތައްޔާރުވާން ޖެހޭ: މިނިސްޓަރު

22 ޖުލައި 2024

ރާއްޖޭގައި، އުމުރުން ދުވަސްވީ ބޮޑު އާބާދީއަކާ ކުރިމަތިލާން ޖެހޭތީ އެކަމަށް ދުރާލައި ތައްޔާރުވާން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޑރ އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި، އުމުރުން ދުވަސްވީ ބޮޑު އާބާދީއަކާ ކުރިމަތިލާން ޖެހޭތީ އެކަމަށް ދުރާލައި ތައްޔާރުވާން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޑރ އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި މިހާރު އޮތީ ޒުވާން އާބާދީއެކެވެ. އެކަމަކު 2054 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ގިނަ ވާނީ އުމުރުން ދުވަސްވީ މީހުންނެވެ.

ކުރުނބާގައި ކުރިއަށްދާ ޕެންޝަން އޮފީހުގެ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި މިނިސްޓަރު ވިދާޅުވީ، އުމުރުން ދުވަސްވީ އާބާދީ އިތުރުވަމުންދާތީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެކަމަކު ރާއްޖޭގެ އިންސާނީ ވަސީލަތްތަކާއި ލިބެން އޮތް ނަފާ ބޭނުންކޮށްގެން މަސައްކަތްކޮށްފި ނަމަ މިއީ ރާއްޖޭގެ އިގްތިސާދީ ދުވެލި އާ މިސްރާބަަކަށް ގެންދެވޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޒުވާނުންގެ އާބާދީގެ ބޭނުންކޮށްގެން މި ދަނޑިވަޅަކީ ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ، ކުރިއެރުވޭނެ ގޮތްތައް ހޯދަން ޖެހޭ ވަގުތު ކަމަށެވެ.

ބޯހިމެނުން ދައްކާ ގޮތުން، ރާއްޖޭގެ އާބާދީގައި 15 އަހަރުން ދަށުގައި ތިބީ 20 ޕަސެންޓެވެ. މަސައްކަތް ކުރާ އުމުރުކަމަށް ބަލާ 15-64 އަހަރާ ދެމެދުގެ 76 ޕަސެންޓު މީހުން އަދި އުމުރުން ދުވަސްވީ ކެޓަގަރީ 65 އަހަރުން މަތީގެ ހަތަރު ޕަސެންޓް މީހުން ރާއްޖޭގައި އުޅެ އެވެ.

އާބާދީއަށް އަންނަ ބަދަލުތަކަށް ބަލާއިރު 2030 ގެ ނިޔަލަށް 65 އަހަރުން މަތީގެ އާބާދީއަށް ހަތް ޕަސެންޓުގެ އިތުރުވުމެއް ފެންނާނެ އެވެ. އަދި 2050 ވަނަ އަހަރު އަންނައިރު އެ އަދަދު 14 ޕަސެންޓަށް އިތުރުވެ، 2050 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ އެވްރެޖު އުމުރު 47 އަހަރުން މައްޗަށް އަރާނެ ކަމަށް ޑިމޮގްރެފިކްސް ސާވޭތަކުން ދައްކަ އެވެ.

މޯލްޑިވްސް ޕައިނޭންސް ފޯރަމްގައި ޑރ. އައިޝަތު ޝިހާމް އާއި ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ޗެއާޕާސަން އިނާޒް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މޯލްޑިވްސް ޕައިނޭންސް ފޯރަމްގައި ޑރ. އައިޝަތު ޝިހާމް އާއި ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ޗެއާޕާސަން އިނާޒް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ޒުވާން މަސައްކަތްތެރިން ކުރިއަރުވައި، އެ ފަރާތްތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރު ތަރައްގީ ކުރެވޭނެ ގޮތްތައް ރާވައި، ޒުވާނުންނަށް ވަޒީފާގެ ފަހި ފުރުސަތުތަކުގެ ތެރެއިން އިގްތިސާދީ ދުވެލި ހަލުވިކޮށް ޒުވާނުންނަކީ މާލީ ގޮތުން ޒިންމާދާރު، މަސައްކަތްތެރި ގައުމީ ކުރިއެރުމަށް ޖޯޝާއެކު މަސައްކަތް ކުރާ ބަޔަކަށް ހެދިދާނެ،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޒުވާނުންގެ އާބާދީގެ ބޭނުން އެންމެ ފުރިހަމައަށް ކުރަން ސަރުކާރުން ވެސް އަންނަނީ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޒުވާނުންނަށް ވަޒީފާގެ ކުރިއެރުމާއި އިތުރު ފުރުސަތުތައް ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

އައިޝަތު ޝިހާމް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އާމްދަނީގެ ރައްކާތެރިކަން އިތުރު ކުރަން ވޭތުވެދިޔަ އަހަރުތަކުގައި މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، އިޖުތިމާއީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ގާއިމް ކުރުމަށްޓަކައި އެކަމާ ގުޅޭ ފްރޭމްވޯކެއް ވެސް މިހާރު އެކުލަވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

އާ ފްރޭމްވޯކުން، މިނިސްޓަރު ވިދާޅުވި ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ނިޒާމެއް އެކުލަވާލެވޭނެ އެވެ.