Roadha Mihaaru

ރައީސް އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރަށް ހަރަދުވީ ދޮޅު ލައްކަ ރުފިޔާ

އިނގިރޭސި ވިލާތުގެ ލިވަޕޫލަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ކުރެއްވި ދަތުރުފުޅަށް ސަރުކާރުން ހަރަދުކުރީ 153،000ރ. ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސްގެ ޔޫކޭ ދަތުރަށް ހަރަދުވީ ދޮޅުލައްކަ ރުފިޔާ
ނާޒިމް ހަސަން
ނާޒިމް ހަސަން

10 އެޕްރީލް 2025

އިނގިރޭސި ވިލާތުގެ ލިވަޕޫލަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ކުރެއްވި ދަތުރުފުޅަށް ސަރުކާރުން ހަރަދުކުރީ 153،000ރ. ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު އާންމުކުރި ގޮތުގައި މި މަހުގެ 1-5 ގެ ނިޔަލަށް ރައީސް އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 153،689ރ. އެވެ. މި މައުލޫމާތު އާންމުކޮށްފައިވަނީ ރައީސް ރާއްޖެ އިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ހަރަދުވާ އަދަދު ހާމަކުރައްވަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.

ރައީސް މުއިއްޒުގެ ޕޮޑްކާސްޓް ޝޯ ގައި މިއަދު ވިދާޅުވީ، ދޮޅު ލައްކަ ރުފިޔާއަކީ ގާތްގަނޑަކަށް އެ މަނިކުފާނުގެ ޓިކެޓުގެ އަގު ކަމަށާއި ވަފުދުގެ އެހެން ބޭފުޅުން ހަރަދުތަކާއި އެހެން ހަރަދުތައް ކުރީ ޕްރައިވެޓް ސެކްޓަރުގެ ފަންޑިންގައި ކަމަށެވެ.

ރައީސް ލިވަޕޫލަށް ވަޑައިގަތީ އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް މަންޒިލަކަށް ރާއްޖެ ހެދުމުގެ ހަރަކާތް އިފްތިތާހު ކުރެއްވުމަށެވެ.

ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެ އަށް ޒިޔާރަތް ކުރުމަށް އިތުރު ޓޫރިސްޓުންނަށަް ހިތްވަރު ދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެއްގެ ދަށުންނެވެ.

ރައީސްގެ ދަތުރުފުޅުގައި ފަހުގެ ވަސީލަތްތަކާ އެކު، އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތް ކުރައްވައި، ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްގީ އަށް ކުރެވިދާނެ ކަންކަމާއި އުއްމީދީ ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދޭނެ ގޮތްތަކާ މެދު މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމުގެ ހަރަކާތް، ލިވަޕޫލް ކްލަބު (އެލްއެފްސީ) އިން ފަށާ ފުޓްބޯޅަ މެދު ރައީސް މުއިއްޒު ބައްލަވާލެއްވި އެވެ. އޭގެ އިތުރުން ފުޓްބޯލް ފޯ ޕީސްގެ އިސް އޮފިޝަލުންނާ ރައީސް މުއިއްޒު ބައްދަލު ކުރެއްވި އެވެ. އަދި ޔުނިވާސިޓީ ޕީސް ސެންޓަރުގައި ފުޓްބޯލް ފޯ ޕީސް އިން ހިންގާ ޕްރޮގްރާމްތަކުގެ މައުލޫމާތު ރައީސް އޮޅުންފިލުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުގައި ލޯޑް މޭޔާ އޮފް ލީޑްސް، ކައުންސިލާ އެބިގެއިލް މާޝްލް ކަޓުންގެ އަދި ވެސްޓް ޔޮކްޝަޔާގެ މޭޔާ ޓްރޭސީ ބްރޭބިންއާ ވެސް ރައީސް ބައްދަލުކުރެއްވި އެވެ. އަދި އިނގިރޭސިވިލާތުގައި ތިބި ދިވެހި ކިޔަވާ ދަރިވަރުންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ޔުނިވާސިޓީ އޮފް ލީޑްސްއަށް ޒިޔާރަތް ކުރެއްވި އެވެ.