Roadha Mihaaru

ރައީސް، ކޮމަންވެލްތުގެ އެސްޖީއާ ބައްދަލު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކާ ބޮޗްވޭއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ކޮމަންވެލްތުގެ އެސްޖީއާ ރައީސް ބައްދަލު ކުރައްވައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

18 ޖުލައި 2025

ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކާ ބޮޗްވޭއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދެ ބޭފުޅުން މިއަދު ބައްދަލު ކުރައްވައި، ކޮމަންވެލްތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކޮށް، އިސްކަންދޭ ދާއިރާތަކުން ކުރިއަށް ދިއުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.

މަތީ ފެންވަރުގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ އިނގިރޭސި ރަސްގެފާނު ޗާލްސްއާ ވެސް ޝާހީ ގަނޑުވަރު ވިންޑްސޯ ކާސަލްގައި އިއްޔެ ބައްދަލު ކުރައްވައިފަ އެވެ.

އެ ދެ ބޭފުޅުން ވަނީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ އެ ގައުމުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ އާއި ހައުސް އޮފް ކޮމަންސްގެ ރައީސް ލިންޑްޒޭ ހޮޔިލްއާ ވެސް ބައްދަލު ކުރައްވައި، މަޝްވަރާތައް ކުރައްވައިފަ އެވެ.

ރައީސްގެ އިތުރުން ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ވެސް އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް އިނގިރޭސިވިލާތަށް ދަތުރުފުޅެއް މި ކުރައްވަނީ ރާއްޖޭގެ މިނިވަން ކަމަށް މި މަހު 26 ގައި 60 އަހަރު ފުރޭ މުނާސަބަތުގެ އިތުރުން ރާއްޖެ އާއި އެ ގައުމާ ދެމެދުގައި ހާރިޖީ ގުޅުން ގާއިމް ކުރިތާ ވެސް 60 އަހަރު ފުރުމާ ދިމާކޮށެވެ.

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި ގުޅުން ގާއިމްކުރީ ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހު ޖުލައި 26، 1965 ގަ އެވެ.