Roadha Mihaaru

މިނިވަން ނޫސްވެރިކަން ނަގަހައްޓަން ޖެހޭ: ޔޫކޭ

ރާއްޖޭގައި މީޑިއާގެ މިނިވަންކަން ނެގެހެއްޓުމަށް އިނގިރޭސިވިލާތުން ގޮވާލައިފި އެވެ.

މިނިވަން ނޫސްވެރިކަން ނަގަހައްޓަން ޔޫކޭ އިން ގޮވާލައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

19 ސެޕްޓެމްބަރ 2025

ރާއްޖޭގައި މީޑިއާގެ މިނިވަންކަން ނެގެހެއްޓުމަށް އިނގިރޭސިވިލާތުން ގޮވާލައިފި އެވެ.

ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ އަހަރު ބޭއްވި ސަމޯއާ ސަމިޓްގައި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ މެދުގައި ބޭއްވި ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ލީޑަރުން ވަނީ ޑިމޮކްރަސީއެއްގައި މިނިވަން އަދި ޒިންމާދާރު މީޑިއާއެއް އޮތުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލާފައި ކަމަށެވެ.

އެހެންވެ، އެކަމަށް އިހުތިރާމުކޮށް މިނިވަން މީޑިއާ ދެމެހެއްޓުމަށް ހުރިހާ ބައިވެރިންނަށް ގޮވާލާ ކަމަށް އެ ޕޯސްޓުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ކޮމިޝަންގއ ބިލާ މެދު ރާއްޖޭގެ އެތައް ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާ އާއި މަދަނީ ޖަމިއްޔާތަކުން ގެންދިޔައީ ކަންބޮޑުވުން ފާޅުކޮށް އެ ބިލު އަނބުރާ ގެންދަން ގޮވާލަމުންނެވެ.

މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ ތަޅުމުން ބިލު ފާސްކުރީ ވެސް ނޫސްވެރިން އިހުތިޖާޖުކުރަމުން ދަނިކޮށެވެ.

މީޑިއާ ބިލް އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ އިސްލާހުތަކާއެކު އެ ބިލް ފާސްކުރި ނަމަވެސް ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭތީ ތަސްދީގު ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލާފައި ވަނިކޮށެވެ.

މީޑިއާ ރެގިއުލޭޓް ކުރާ ބިލުގައި، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށާއި އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލޭ ގޮތަށް ކުރިން ބަޔާންކޮށްފައި އޮތަސް މަޖިލިހުން ބިލް ފާސްކުރީ އެ ބައިތައް އުނިކޮށްފަ އެވެ.

މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ މާއްދާގައި މިހާރު ބުނެފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، އާންމުންގެ ކިބައިން މާފަށް އެދުމާ އެކު ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހު އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިއުމަށް ބަޔާނެއް އާންމުކޮށް އަންގަން ޖެހެ އެވެ.

އެ ގާނޫނުގެ ދަށުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސް މަޖައްލާއަކުން ހިލާފުވެއްޖެ ނަމަ، މައްސަލައިގެ ކުޑަ ބޮޑުމިނަށާއި ގާނޫނާ ހިލާފުވުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް ފިޔަވަޅު އަޅާނެ އެވެ. އަދި ނޫސްތައް 5000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.