Roadha Mihaaru

ރާއްޖެގެ ފުރަތަމަ ދެ މެޗުން ލަންކާ އާއި ދެކުނު އެފްރިކާގެ މައްޗަށް މޮޅު

ހދ. ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ، ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެއްޖެ އެވެ.

ރާއްޖޭން ލަންކާ އާއި ދެކުނު އެފްރިކާގެ މައްޗަށް މޮޅު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

19 ސެޕްޓެމްބަރ 2025

ހދ. ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ، ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެއްޖެ އެވެ.

އިއްޔެ ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭން ނުކުތީ ސްރީ ލަންކާއާ ދެކޮޅަށެވެ. އެ މެޗު 2-1 ސެޓުން ރާއްޖޭން ކާމިޔާބު ކުރި އެވެ.

ފުރަތަމަ ސެޓް، ރާއްޖޭން ކާމިޔާބު ކުރީ 28-24 ންނެވެ. ވަރަށް ވާދަވެރިކޮށް ދިޔަ ދެވަނަ ސެޓް ލަންކާއިން ކާމިޔާބު ކުރީ 34-26 ންނެވެ. ޑިސައިޑިން ސެޓް ރާއްޖޭން ކާމިޔާބު ކުރީ 7-4 ންނެވެ.

ރާއްޖޭގެ ދެވަނަ މެޗުގައި މިއަދު ހެނދުނު ދެކުނު އެފްރިކާގެ މައްޗަށް ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. އެ މެޗުގެ ސެޓްތައް ރާއްޖޭން ކާމިޔާބު ކުރީ 22-9 އަދި 22-13 އިންނެވެ.

މިއަދު ދެކުނު އެފްރިކާއާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗު --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މިއަދު ދެކުނު އެފްރިކާއާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗު --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ރާއްޖެ އަށް ދެން އޮންނާނީ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ފާހަގަވި ޕާކިސްތާނެވެ. އެ މެޗު ކުޅޭނީ މިރޭ އަށެއް ޖަހާއިރު އެވެ.

ޕާކިސްތާނުން ވަނީ އިއްޔެ އިންޑިއާ އަދި މިއަދު ލަންކާ ވެސް ބަލިކޮށްފަ އެވެ. އެ ދެ މެޗު ވެސް އެ ޓީމުން ކާމިޔާބު ހޯދީ ސީދާ ދެ ސެޓުންނެވެ.

ބަންގްލަދޭޝް ވެސް ވަނީ ދެ މެޗުން މޮޅުވެފަ އެވެ. އިއްޔެ ދެކުނު އެފްރިކާގެ މައްޗަށް ބަންގްލަދޭޝްއިން ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. މިއަދު ކުޅުނު މެޗުގައި އިންޑިއާގެ މައްޗަށް ކުރި ހޯދީ 2-1 ސެޓުންނެވެ.

ހަ ގައުމު ވާދަކުރާ މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ. މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ. މިއީ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.