Roadha Mihaaru
އެސްޑީއެފުން ސާކް ގައުމުތަކަށް 7.7 މިލިއަން ދީފި

އެސްޑީއެފް އިން ސާކްގެ ގައުމުތަކަށް 7.7 މިލިއަން ޑޮލަރު ދީފި

10 އޯގަސްޓް 2020

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ހިންގާ ޕްރޮޖެކްޓްތަކަށް ސާކް ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އިން މެންބަރު ގައުމުތަކަށް 7.7 މިލިއަން ޑޮލަރު (118 މިލިއަން ރުފިޔާ)ގެ އެހީއެއް ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ހިންގާ ޕްރޮޖެކްޓްތަކަށް ސާކް ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އިން މެންބަރު ގައުމުތަކަށް 7.7 މިލިއަން ޑޮލަރު (118 މިލިއަން ރުފިޔާ)ގެ އެހީއެއް ދީފި އެވެ.

މި އެހީގެ ތެރެއިން ރާއްޖެ އަށް ދީފައިވަނީ އެއް މިލިއަން ޑޮލަރެވެ. އެސްޑީއެފް އިން ބުނީ ހާލަތުން އަރައިގަތުމަށް ތަފާތު ޕްރޮޖެކްތްތައް ހިންގަން ސާކްގެ އަށް ގައުމުގެ ތެރެއިން ހަތް ގައުމަކުން ޕްރޮޕޯސަލް ހުށަހެޅި ކަމަށެވެ. އެގޮތުން އިންޑިޔާ ފިޔަވައި އެހެން ހުރިހާ ގައުމަކުން ޕްރޮޕޯސަލް ހުށަހެޅި އެވެ.

މި އެހީގެ ތެރެއިން އަފްޣާނިސްތާނާއި ސްރީލަންކާ ފިޔަވައި އެހެން ހުރިހާ ގައުމަކުން ހުށަހެޅީ އެއް މިލިއަން ޑޮލަރު ހޯދުމަށެވެ. އަފްޣާނިސްތާނުން 1.54 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ހުށަހެޅި އިރު ލަންކާ އިން ހުށަހެޅީ 1.2 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

ގައުމުތަކުން އެދުނު ޕްރޮޖެކްޓްތަކަށް ފައިސާ ދޭން ނިންމީ މިދިޔަ މަހުގެ 28-29 ދުވަހު ބޭއްވި އެސްޑީއެފް ގެ ބޯޑު ބައްދަލުވުމުގަ އެވެ.

އެސްޑީއެފް ގެ ސީއީއޯ ޑރ. ސުނިލް މޯޓީވާލް ވިދާޅުވީ، މިފަދަ އެމަޖެންސީ އެހީއެއް ދޭން ނިންމީ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް މެންބަރު ގައުމުތަކަށް އެހީވުމުގެ ގޮތުން ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ވެސް އެސްޑީއެފް އިން މެންބަރު ގައުމުތަކަށް ފަސް މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވެ އެވެ. މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެ، އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާ އެވެ.

އެސްޑީއެފް އުފައްދާފައި ވަނީ 2005 ވަނަ އަހަރު އެވެ. މި ފަންޑުގެ އޮފީސް ހުންނަނީ ބޫޓާންގެ ތިންފޫގަ އެވެ. މި ފަންޑުގެ ދަށުން މި ސަރަހައްދުގެ ގައުމުތަކުގެ އިގްތިސާދީ، އިޖްތިމާއީ އަދި އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ހަރަދު ކުރާނެ އެވެ.

މި ފަންޑު އުފެއްދި ފަހުން މެމްބަރު ގައުމުތަކުގެ 100 ޕްރޮޖެކްޓަކަށް އެހީވެފައިވާ އިރު މި ޕްރޮޖެކްޓްތަކަށް 214 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. މީގެ ތެރެއިން 54 ޕްރޮޖެކްޓެއް ވަނީ ނިމިފަ އެވެ.