Roadha Mihaaru
އެސްޑީއެފުން ސާކަށް 5 މިލިއަން ޑޮލަރު ދެނީ

އެސްޑީއެފުން ސާކުގެ ގައުމުތަކަށް 5 މިލިއަން ޑޮލަރު ދޭން ނިންމައިފި

08 އެޕްރީލް 2020

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ސާކް ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) އިން މެންބަރު ގައުމުތަކަށް ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ސާކް ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) އިން މެންބަރު ގައުމުތަކަށް ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.

އެސްޑީއެފްގެ ސީއީއޯ ޑރ. ސުނިލް މޯޓީވާލް ވިދާޅުވީ، މެންބަރު ގައުމުތަކަށް މާލީ ގޮތުން ދިމާވާ ދަތިތަކުން އަރައިގަތުމުގެ އިތުރުން އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް މި އެހީ ބޭނުން ކުރެވޭނެ ކަމަށެވެ.

ސާކް ގައުމުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެ، އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާ އެވެ. މި ގައުމުތަކުން މިހާތަނަށް ކޮވިޑް-19 އަށް 8،200 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

ކޮވިޑް-19 އާ ގުޅޭ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ގައުމުތަކުން ޕްރޮޕޯސަލް ހުށަހެޅުމުން އެސްޑީއެފުން އެއަށް ބަލައި އެހީ ކަނޑައަޅައިފަ އެވެ. އެސްޑީއެފްގެ ސޯޝަލް ވިންޑޯގެ ދަށުން ފަންޑުކުރާ މިޕްރޮޖެކްޓްތައް އެޕްރޫވްކުރާނީ ބޯޑުންނެވެ. ބޯޑުގައި ގައުމުތައް ތަމްސީލުކުރާ މެންބަރުން ހިމެނެ އެވެ.

އެސްޑީއެފް އުފައްދާފައި ވަނީ 2005 ވަނަ އަހަރު އެވެ. މި ފަންޑުގެ އޮފީސް ހުންނަނީ ބޫޓާންގެ ތިންފޫގަ އެވެ. މި ފަންޑުގެ ދަށުން މި ސަރަހައްދުގެ ގައުމުތަކުގެ އިގްތިސާދީ، އިޖްތިމާއީ އަދި އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ހަރަދު ކުރާނެ އެވެ.

މި ފަންޑު އުފެއްދި ފަހުން މެމްބަރު ގައުމުތަކުގެ 90 ޕްރޮޖެކްޓަކަށް އެހީވެފައިވެ އެވެ. މީގެ ތެރެއިން 48 ޕްރޮޖެކްޓެއް ނިމިފައިވާ އިރު، މަޝްރޫއުތަކަށް 198 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ.