21 ސެޕްޓެމްބަރ 2016
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަންކަން އިސްލާހުކުރަނީ ވަކި ގައުމަކުން ނުވަތަ ވަކި ޖަމާއަތަކުން އަންގައިގެން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަންކަން އިސްލާހުކުރަނީ ވަކި ގައުމަކުން ނުވަތަ ވަކި ޖަމާއަތަކުން އަންގައިގެން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއާ ގުޅޭ ގޮތުން ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގު)ގެ ބައްދަލުވުން އަންނަ ހުކުރު ދުވަހު ބާއްވާއިރު، މިދިޔަ ފެބްރުއަރީ މަހާއި އޭޕްރީލް މަހު ބޭއްވި ސީމެގްގެ ބައްދަލުވުންތަކުގައި ރާއްޖެ އަށް ހުށަހެޅި ހަ ކަމެއް އިސްލާހު ކޮށްފައިވޭތޯ ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ އެވެ.
ސީމެގުގެ ހުށަހެޅުންތައް އިސްލާހުކޮށްފައިވޭތޯ ދެންނެވުމުން މުއާޒް ވިދާޅުވީ ރާއްޖޭގައި އަބަދުވެސް ޑިމޮކްރަސީގެ ސިފަތައް ކުރިއަރުވާނެ ކަމަށެވެ. ސަރުކާރުން ކަންކަން ކުރަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކުގެ ދައުރު ފުރިހަމަ އަށް އަދާކޮށް، މުއާޒް ވިދާޅުވި ގޮތުގައި، ކުށްވެރިންނަށް އަދަބު ކަނޑައަޅަނީީ ޝަރުއީ ނިޒާމްގެ ތެރެއިންނެވެ.
- ސިޔާސީ ހުރިހާ ފަރާތްތަކަށް ބައިވެރިވޭ ގޮތަށް، ވަކި މަގުސަދުތަކަކާއި ވަގުތުތަކެއް ކަނޑައަޅައިގެން މަޝްވަރާތައް އަލުން ފެށުން.
- ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންނަށް އެނބުރި ސިޔާސީ މައިދާނަށް ވަޑައިގެންނެވޭނެ ގޮތަށް ދޫކޮށްލުން
- ސިޔާސީ ބޭނުންތަކަށް ޓެރަރިޒަމް ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓާލުން
- ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުން
- މަދަނީ ޖަމިއްޔާތަކަށް ހަރަކާތްތެރިވެވޭނެ ފަދަ މިނިވަން މާހައުލެއް ގާއިމުކޮށްދިނުން
- ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް އޮތުން ކަށަވަރުކޮށްދިނުން
މުއާޒް ވިދާޅުވީ ސިޔާސީ މަސްރަހުގެ ހަމަޖެހުމަށް ވެސް ރައީސް ޔާމީން އިސްވެ މަޝްވަރާ އަށް އިދިކޮޅު ފަރާތްތަކަށް ދައުވަތު ދެއްވައި ހައްލު ހޯއްދަވަން މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ. އެ މަސައްކަތް ވަރަށް އިހްލާސްތެރި ނިޔަތެއްގައި ފެއްޓެވި ނަމަވެސް ކުރިއަށް ނުގެންދެވުނީ އިދިކޮޅު ފަރާތްތަކުން ބޭނުން ނުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިމޮކްރަސީއަށްޓަކައި ރާއްޖެ އިން ކުރާ މަސައްކަތްތައް މިހިރީ ފެންނަން. ކޮންމެ ގައުމެއްގައި ވެސް އެތެރޭގެ ކަންކަން ހިންގަނީ އެ ގައުމެއްގެ ރައްޔިތުންނަށްޓަކައި. ދިވެހި ރާއްޖެ އާއި އަވަށްޓެރި އެއްވެސް ގައުމަކާ ދޭތެރޭ ހީނަރު ކަމެއް ނާދޭ، އެކުވެރި ގުޅުންތައް ދެމި އޮވޭ،" ތަރުޖަމާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ކަން ހިނގާ ގޮތް އެނގޭނީ މި ގައުމަށް ވަޑައިގެން އެކަން ބެއްލެވުމުންނެވެ. ބޭރުގައި ފިއްލަވާ ތިއްބަވާ ވަކި ބަޔަކަށް ގައުމުގައި ކަން ހިނގާ ގޮތް އޮޅުންފިލާވަޑައިނުގެންނެވިއަސް ރާއްޖެ އަށް ވަޑައިގަންނަވާ ގައުމުތަކާއި ޖަމާއަތްތަކުގެ މަންދޫބުން އެނބުރި ވަޑައިގަންނަވަނީ ކަންކަން ހިނގާ ގޮތް ހަމަ ލޮލުން ދެކިވަޑައިގެން ކަމަށް ވިދާޅުވި އެވެ.
"އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ބޮޑާހޭކުންތައް ވެސް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ. އިންސާފުވެރިކަމާ އެކު ހަގީގަގަތް ގަބޫލުކުރައްވާތީ ބައެއް ފަހަރަށް އެ ބޭފުޅުންނަށް ރިޝްވަތުގެ ތުހުމަތު ވެސް ކުރައްވާ،" މުއާޒް ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ސީމެގުގެ ބައްދަލުވުމުގައި ރާއްޖެއާ މެދު ފިޔަވަޅެއް އަޅާފާނެ ކަމުގެ ބިރަށްޓަކައި ބޭރު ގައުމުތަކާ މަޝްވަރާކޮށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުން ނަމަ، އެ ބައްދަލުވުމުގައި ރާއްޖެ ސަލާމަތްވީ ރާއްޖޭގެ ދިފާއުގައި އިންޑި އާއި ޕާކިސްތާނުން ކުރި މަސައްކަތުންނެވެ.
ސީމެގުން މި ފަހަރު ނިންމާނެ ނިންމުމަކާ ދޭތެރޭ ސަރުކާރުން ކަންބޮޑުވޭތޯ ދެންނެވުމުން މުއާޒް ވިދާޅުވީ އެ ސުވާލަށް ޖަވާބު ދެއްވާނީ ބައްދަލުވުން ބޭއްވުމުން ކަމަށެވެ. މިއީ "ހުން އަންނާނެ ކަމަށް ރަޖާލާނެ ސަރުކާރެއް ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މަސްރަހު ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަމަށް ބުނެ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑު ކުރަން އިންސާނީ ހައްގުތަކާއި ޑިމޮކްރެސީއާ ގުޅުން ހުރި ކަންކަމުގައި ކޮމަންވެލްތަށް ލަފާ ދޭ ކޮމަންވެލްތު ހިއުމަން ރައިޓްސް އިނީޝިއޭޓިވް (ސީއެޗްއާރުއައި) އިން ވަނީ ހުށަހަޅައިފަ އެވެ.
ރާއްޖޭގެ ހާލަތު ބެލުމަށް ފަހު ސީއެޗްއާރުއައި އިން އާއްމުކުރި ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ދިވެހި ސަރުކާރުން ކުޑަ ވެސް ފަރުވާލެއް ނުބަހައްޓާއިރު، ޑިމޮކްރެސީ އާއި ގާނޫނުގެ ހުކުމާއި އިންސާނީ ހައްގުތަކުގެ ހާލަތު ރާއްޖޭގައި ދަނީ ދަަށަށް ކަމަށެވެ. އެ ގޮތުން ދައުލަތުން ކުރަމުން ދާ ކަންކަމުގެ ތެރޭގައި، އަސާސީ ހައްގުތައް ނިގުޅައިގަތުމާއި އިދިކޮޅު ސިޔާސީ ފަރާތްތައް ނައްތާލުން އަދި ދައުލަތުގެ ބާރުތަކާއި މިނިވަން މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ހިމެނޭ ކަމަށް ރިޕޯޓުގައިވެ އެވެ.
ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑުކުރަން ހުށަހެޅިއިރު، 53 މެމްބަރު ގައުމު ހިމެނޭ ޖަމާއަތުން ރާއްޖެ ވަކިވާން ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ހިޔާލަށް އެދުނެވެ. އެ މައްސަލަ އަދިވެސް އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގަ އެވެ.
ކޮމަންވެލްތުން ވަކިވާން ސަރުކާރުން ނިންމައިފި
މިއީ ކޮމަންވެލްތުން ވަކިވާންވީ ވަގުތު: ރިޔާޒް
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފި
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވާން ކޮމިޓީން ފާސްކޮށްފި
ކޮމަންވެލްތުގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީ އަށް
ކޮމަންވެލްތުގައި އަލުން ބައިވެރިވާން ނިންމައިފި
އާދިއްތަ އަކީ ސަރުކާރު ބަންދު ދުވަހެއް
"ގައުމު ބިނާކުރުމަކީ ރައީސްގެ އެކަނި ޒިންމާއެއް ނޫން"
"ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް ސަރުކާރު ނުހިންގާނެ"
ކޮމަންވެލްތުން ރާއްޖެ ވަކިވާން މަޖިލީހުން ފާސްކޮށްފި