ކޮމަންވެލްތުން ރާއްޖެ ވަކިވާން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށާއި އެ ޖަމާއަތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުގެ ބޭނުމެއް ނެތް ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
24 ސެޕްޓެމްބަރ 2016
ކޮމަންވެލްތުން ރާއްޖެ ވަކިވާން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށާއި އެ ޖަމާއަތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުގެ ބޭނުމެއް ނެތް ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ކޮމަންވެލްތް މިނިސްޓްރީއަލް އެކްޝަން ގްރޫޕް(ސީމެގް) އިން އިއްޔެ ވަނީ ރާއްޖޭގެ ބައެއް ކަންކަން އިސްލާހު ކުރަން އަންނަ މާޗް މަހާއި ހަމައަށް އިތުރު ފުރުސަތެއް ދިނުމަށް ފަހު، ސީމެގްގެ އެޖެންޑާގައި ރާއްޖެ އަލުން ހިމަނައިފަ އެވެ. ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުމުން އެ ގުރޫޕުގެ އެއްވެސް ބައްދަލުވުމެއްގައި ރާއްޖެއަށް ބައިވެރިއެއް ނުވެވޭނެ އެވެ.
ރިޔާޒު "މިހާރު" އަށް ވިދާޅުވީ ކޮމަންވެލްތް މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސް އަބްދުﷲ ޔާމީން ކުރިން އެދިވަޑައިގެންފައިވާތީ، އެކަމާ މެދު މަޖިލީހުން ގޮތެއް ނިންމާނެ ކަމަށެވެ. އެކަމުގައި ގޮތެއް ނިންމާނީ ކޮން އިރަކު ކަން ދަންނަވަން އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމަކު މިހާރު މިއީ ކޮމަންވެލްތުން ރާއްޖެ ވަކިވާންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން އޮތީ އެ މައްސަލާގައި ބަހުސްކޮށްފައި. ގިނަ މެމްބަރުންގެ ވިސްނުން ހުރީ ކޮމަންވެލްތުން ވަކިވާ ގޮތަށް. ދެން އެކަމާ މެދު ގޮތެއް ނިންމަން އެޖެންޑާގައި ކުރާނީ މަޖިލީހުގެ ރައީސް. އެކަމަކު އަޅުގަނޑު ދަންނަވާނީ މިއީ އެންމެ މުނާސަބު ވަގުތޭ ކޮމަންވެލްތުން ވަކިވާން. އަޅުގަނޑު ހަމަ ގައިމު ވެސް އެގޮތަށް ވަކާލާތު ކުރާނީ،" ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް އެންމެ ބޮޑަށް ބާރު އަޅާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރިޔާޒު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ކޮމަންވެލްތަކީ މާ ބޮޑެތި އެހީތަކެއް ރާއްޖެއަށް ވާ ޖަމާއަތެއް ނޫނެވެ. އަދި ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުން ވެސް ރާއްޖެއަށް މާ ބޮޑެތި އެހީތަކެއް ނުވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެހެންވީއިރު ކޮމަންވެލްތުގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮވެގެން ރާއްޖޭގެ އަމިއްލަ ކަންކަމަށް ބަސް ކިޔުމުގެ ބާރު ދިނުމުގެ އެއްވެސް މާނައެއް އޮތް ކަމަށް ނުދެކޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނުދެކެން 30 އަހަރުގެ ވެރިކަން ނިމިގެން ދިޔައިރު ވެސް މިގޮތަށް އައިސް ރާއްޖޭގެ ކަންކަމާ ބެހި އެ މީހުން އުޅުނު ތަނެއް. އެ މަންޒަރު ފެނުނީ ހަމައެކަނި ނަޝީދުގެ ވެރިކަމުގައި. ރާއްޖެއަކީ މިނިވަން ގައުމެއް. އެކަން އޮންނަންޖެހޭނީ އެގޮތަށް،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމަންވެލްތުން ވަކިވާން ޖެހިއްޖެ ނަމަ އެކަން ވެސް ސަރުކާރުން ކުރާނެ ކަމަށާއި ދެތިން މީހަކު ބުނެލާ އެއްޗަކަށް ބިނާކޮށް ކޮމަންވެލްތުން ދައްކާހާ ބިރަކަށް ސަރުކާރުން ޖެހިލުން ނުވާނެ ކަމަށެވެ. އެފަދަ ނިންމުމެއް ނިންމުމުގެ ގާބިލްކަން ރައީސް ޔާމީންގެ އެބަހުރި ކަމަށާއި ރާއްޖެއާ މެދު އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމަންވެލްތުން ވަކިވާން 2012 ގައި މަޖިލީހަށް ރިޔާޒު ބިލެއް ވެސް ހުށަހެޅި އެވެ. އެކަމަކު އެ ބިލް މަޖިލީހުން ފާހެއް ނުވި އެވެ.
ސީމެގުން އިއްޔެ ނިންމާފައިވަނީ އިސްލާހު ކުރަން ރާއްޖެއަށް އެންގި ކަންކަން އިސްލާހު ކުރިތޯ އަންނަ މާޗް މަހު ބާއްވާ ބައްދަލުވުމުގައި ބެލުމަށް ފަހު އެކަން އިސްލާހު ނުކޮށްފި ނަމަ ރާއްޖެއަށް ފިޔަވަޅު އެޅުމަށެވެ. މުޅި ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ސީމެގުން ރާއްޖެއަށް ވަނީ ދީފަ އެވެ.
ކޮމަންވެލްތުން ވަކިވާން ސަރުކާރުން ނިންމައިފި
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ކޮމަންވެލްތު ބައްދަލުވުމުގައި ރާއްޖެ ބައިވެރިކުރަންޖެހޭ
ރާއްޖެ ކޮމަންވެލްތާ ގުޅުން އަވަސްކުރަން އެދިއްޖެ
ކޮމަންވެލްތާ ގުޅެން ލިއުންތައް ހުށަހަޅައިފި
ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށައިފި: ޝާހިދު
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފި
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވާން ކޮމިޓީން ފާސްކޮށްފި
ކޮމަންވެލްތުގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީ އަށް
ގަތަރު މައްސަލާގައި މަޖިލިހުގައި ބަހުސްކުރަން ފާހެއްނުވި