ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ކެބިނެޓުން ދެންމެ ނިންމައިފި އެވެ.
ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ކެބިނެޓުން ދެންމެ ނިންމައިފި އެވެ.
މިގޮތަށް ނިންމީ، މިދިޔަ ހޮނިހިރު ދުވަހު މަގާމުގެ ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވެވި ކެބިނެޓުގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.
ކޮމަންވެލްތުގައި އަލުން ބައިވެރިވާން ކެބިނެޓުން ނިންމި ނަމަވެސް އެކަން ރައްޔިތުންގެ މަޖިލިހުން ފާސްކުރަން ޖެހެ އެވެ. ރައީސް އޮފީހުން ބުނީ، ކޮމަންވެލްތްގައި ރާއްޖެއިން އަލުން ބައިވެރިވުމަށްޓަކައި ގާނޫނީ ގޮތުން ކުރިއަށް ގެންދަންޖެހޭ މަސައްކަތްތައް، އެ ކަންކަމާ ގުޅޭ އިދާރާތަކުން މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، ފުރަތަމަ ހަފުތާގައި، ކޮމަންވެލްތާ ގުޅެން ހުށަހެޅުން ހިމެނެ އެވެ.
މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރުމާ އެކު މަޖިލީހުގެ މެޖޯރިޓީ ވަނީ މިހާރުގެ ސަރުކާރު ކޯލިޝަނަށް ލިބިފަ އެވެ. އޭގެ އެއް ސަބަބަކީ އިދިކޮޅާ ގުޅުމުން އޭރު މަޖިލިހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމުމެވެ.
މިހާރު މަޖިލީހުގެ ނިންމުންތައް ނިންމަނީ އާ ސަރުކާރުން ބޭނުންވާ ގޮތަށެވެ.
ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި 34 އަހަރު ވަންދެން ރާއްޖެ އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އެ ޖަމާއަތުން ރާއްޖެ ވަކިވުމުގެ ސަބަބެއްގެ ގޮތުގައި ސަރުކާރުން އޭރު ދެއްކީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ރާއްޖެއާ މެދު ތަފާތުކޮށް ކަންކަން ކުރުމެވެ.
އެގޮތަށް ޔާމީންގެ ސަރުކާރުން ދެކެން ފެށީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ސިޔާސީ ލީޑަރުން ޖަލަށް ލާން ފެށުމާއި، އަސާސީ ބައެއް ހައްގުތަައް ސަރުކާރުން ހަނިކުރަން ފެށުމުން، އެކަމާ ދެކޮޅަށް ކޮމަންވެލްތުން އަޑުއިއްވުމުންނެވެ. ޔާމީން އަބަދުވެސް ވިދާޅުވަމުން ގެންދެވީ ބޭރުގެ ބައެއް ގައުމުތަކާއި ޖަމާއަތްތަކުން ރާއްޖޭގެ އެތެރޭގެ ކަންކަމާ ބެހޭ ކަމަށެވެ. ނަމަވެސް ކޮމަންވެލްތު ފަދަ ޖަމާއަތްތަކުން ގޮވާލަމުން ގެންދިޔައީ ރާއްޖޭގައި ޑިމޮކްރަސީއާ ހިލާފަށް ސަރުކާރުގެ އަމަލްތައް ހުރުމުން އެކަންކަން ރަނގަޅު ކުރުމަށެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމުން އެ ޖަމާއަތުން ބުނެފައި ވަނީ މަސައްކަތްކުރީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވަން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެއިން އަލުން އެ ޖަމާއަތާ ގުޅޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރާއްޖެއިން ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ ޖުލައި 9، 1982 ގަ އެވެ. އަދި އެ ޖަމާއަތުން ވަކިވެފައި ވަނީ އޮކްޓޫބަރު 13، 2016 ގަ އެވެ.
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފި
ކޮމަންވެލްތުގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީ އަށް
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވާން ކޮމިޓީން ފާސްކޮށްފި
ރާއްޖެ، އަލުން ކޮމަންވެލްތާ ގުޅިއްޖެ
އިބޫގެ ކެބިނެޓް، 22 މިނިސްޓްރީއާ އެކު އެކުލަވާލަނީ
"ގައުމު ބިނާކުރުމަކީ ރައީސްގެ އެކަނި ޒިންމާއެއް ނޫން"
މޫސަގެ ކޮލަމް: ރެކިގަތުމުގެ އުޒުރަކަށް ކޮމަންވެލްތު
ކޮމަންވެލްތުން ވަކިވާން ސަރުކާރުން ނިންމައިފި
މިއީ ކޮމަންވެލްތުން ވަކިވާންވީ ވަގުތު: ރިޔާޒް
"ކަންކަން އިސްލާހު ކުރަނީ ބަޔަކު އަންގައިގެނެއް ނޫން"