Roadha Mihaaru
ކޮމަންވެލްތުން ރާއްޖެ ވަކިވާން މަޖިލީހުން ފާސްކޮށްފި

ކޮމަންވެލްތުން ރާއްޖެ ވަކިވާން މަޖިލީހުން ފާސްކޮށްފި

19 އޮކްޓޯބަރ 2016

ކޮމަންވެލްތުގެ މެމްބަރު ކަމުގައި ރާއްޖެ އޮންނަތާ 34 އަހަރު ފަހުން އެ ޖަމިއްޔާ އިން ވަކިވާން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކޮމަންވެލްތުގެ މެމްބަރު ކަމުގައި ރާއްޖެ އޮންނަތާ 34 އަހަރު ފަހުން އެ ޖަމިއްޔާ އިން ވަކިވާން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާގައި ކޮމަންވެލްތުން ވަކިވާން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ ތެރެއިން 39 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ ޖަމިއްޔާއިން ވަކިވާން ނުފެންނަ ކަމަށް 18 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިން މެމްބަރަކު އިންނެވި އެވެ.

ކޮމަންވެލްތުން ވަކިވުމާ ގުޅޭ ގޮތުން މިދިޔަ އަހަރު މަޖިލީހުގެ މަޝްވަރާ އަށް ރައީސް ޔާމީން އެދިވަޑައިގެން މަޖިލީހަށް ފޮނުއްވުމާ ގުޅިގެން ގައުމީ ސަލާމަތުގެ ކޮމެޓީން ނިންމީ ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތުމުން ހަމަ އާއި އިންސާފުން ބޭރުން ރާއްޖެއާ މެދު ފިޔަވަޅު އަޅައި ރާއްޖޭގެ ދާހިލީ ސިޔާސަތަށް ބާރު ފޯރުވައި، ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެކަމުގެ ނުރަނގަޅު އަސަރު ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުމަށް ފޯރަމުން އަންނަ ކަމަށާއި އެއީ ރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމަށް ލޮޅުން އެރުމަށް މެދުވެރިވާ ކަމެއް ކަމަށް ވެސް ކޮމެޓީން ފާހަގަ ކުރި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކޮމަންވެލްތުން ވަކިވިކަން އިއުލާން ކުރަމުން ސަރުކާރުން ބުނި ގޮތުގައި ކޮމަންވެލްތުން ވަކިވާން ނިންމުމަކީ އުނދަގޫ ކަމެއް ކަމަށާއި އެކަމަކު އެކަން ކުރަންޖެހުނީ ރާއްޖޭގެ މަސައްކަތްތައް ކޮމަންވެލްތުން ބަލައިނުގަތުމުން ކަމަށެވެ.

މި މައްސަލައަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން އިއްޔެ ވަނީ މަޖިލީހުގެ ބަހެއް ނެތި ކޮމަންވެލްތުން ވަކިވުމާ ގުޅިގެން އެކަމާ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. އަދި މިފަދަ ބޮޑެތި ނިންމުންތައް ނިންމާއިރު، ލިބިދާނެ ގެއްލުންތައް ދިރާސާކޮށް މަޝްވަރާކުރަން ޖެހޭނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ ކޮމަންވެލްތުން ވަކިވުމަކީ ގައުމު ދެކެ ލޯބިވާ ހުރިހާ ރައްޔިތުން ތާއީދު ކުރި ކަމެއް ކަމަށެވެ. އަދި ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް އެއްވެސް ބަޔަކަށް ވަނުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

މީގެ އިތުރުން ދެ ގާނޫނަކަށް އިސްލާހު ގެނައުމަށް ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ނުގެންދިއުމަށް ވަނީ ފާސްކޮށްފަ އެވެ. ދެ އިސްލާހަށް ބަހުސް ކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 28 މެމްބަރުންގެ ތެރެއިން 21 މެމްބަރުން ވޯޓު ދެއްވީ އިސްލާހަށް ބަހުސް ކުރަން ނުފެންނަ ކަމަށެވެ. އަދި އިސްލާހަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެމްބަރެކެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ފައިސަލް ހުށަހެޅުއްވީ ވަޒީފާއާ ބެހޭ ގާނޫނުގައި ބިދޭސީންގެ ބޭންކް އެކައުންޓެއް ހަ މަސް ދުވަސް ތެރޭގައި ހުޅުވަން ޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ. ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުން ނަމަ، ބިދޭސީން އެކައުންޓެއް ހުޅުވަން ޖެހޭނީ ހަ މަސް ތެރޭގަ އެވެ.

ރިސޯޓް އަދި ޓޫރިސްޓް ހޮޓާތަކުގެ މެނޭޖްމަންޓް ދާއިރާތަކުގައި މަދުވެގެން 50 ޕަސެންޓް ވަޒީފާގެ ފުރުސަތު ދިވެހިންނަށް ދޭން ޖެހޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އިސްލާހުގައި ބުނެފައި ވަނީ ރިސޯޓެއް ނުވަތަ ހޮޓަލެއް ހުޅުވޭތާ މަދުވެގެން ފަސް އަހަރުގެ ތެރޭގައި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ނިސްބަތުން ވަޒީފާގެ ފުރުސަތު ދޭން ވާނެ ކަމަށެވެ.