Roadha Mihaaru

އެމްއެމްއާރުއައިގެ އާ ޑީޖީއަކަށް ޝިމަލް

މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި)ގެ އާ ޑިރެކްޓާ ޖެނެރަލަކަށް މުހައްމަދު ޝިމަލް ހަމަޖައްސައިފި އެވެ.

އެމްއެމްއާރުއައިގެ އާ ޑީޖީއަކަށް ޝިމަލް
އިފްރާޒް އަލީ
އިފްރާޒް އަލީ

07 އެޕްރީލް 2025

މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި)ގެ އާ ޑިރެކްޓާ ޖެނެރަލަކަށް މުހައްމަދު ޝިމަލް ހަމަޖައްސައިފި އެވެ.

އެމްއެމްއާރުއައި އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ ކުރިއެރުމަށް މިދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ޝިމަލް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އެ އިދާރާގެ ރިސާޗު ޕްރޮގްރާމްތައް ފުޅާކުރުމުގައި ޝިމަލް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް އެމްއެމްއާރުއައި އިން ބުންޏެވެ.

ޝިމަލް މީގެ ކުރިން ހުންނެވީ އެމްއެމްއާރުއައިގެ ސީނިއާ ރިސާޗު އޮފިސަރުގެ މަގާމުގަ އެވެ. އެއީީ، 2015 ވަނަ އަހަރުން ފެށިގެންނެވެ.

ޝިމަލް ވަނީ މެރިން ބަޔޮލޮޖީގެ ދާއިރާއިންނާއި ވައިލްޑްލައިފް އެންޑް ކޮންސަވޭޝަން ބަޔޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައިފަ އެވެ.

ޝިމަލް އެ މަގާމަށް ހަމަޖެއްސީ ކުރިން ޑީޖީއަކަށް ހުންނެވި ޝާފިޔާ ނައީމް މިދިޔަ ޖެނުއަރީ މަހު އިސްތިއުފާ ދެއްވުމުންނެވެ. އެމްއެމްއާރުއައިގައި 24 އަހަރު މަސައްކަތް ކުރެއްވި ޝާފިއާ ވަނީ އެ އިދާރާގެ ޑީޖީކަން ހަ އަހަރު ވަންދެން ކުރައްވައިފަ އެވެ.

އެމްއެމްއާރުއައި އަކީ ރާއްޖޭގެ ކަނޑުފަޅުތަކާ ގުޅޭ އެކި ދިރާސާތައް ކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިދާރާއެކެވެ.