Roadha Mihaaru

ޝަރީއަތް ނިމެންދެން ޝައްމާން ބަންދުކޮށްފި

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޝަރީއަތް ނިމެންދެން ޝައްމާން ބަންދުކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

06 އެޕްރީލް 2025

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޝަރީއަތް ނިމެންދެން ޝައްމާން ބަންދުކުރި ކަން ފުލުހުން ވަނީ "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

މިދިޔަ މަހު ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ.

އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އެ ނިންމުން އިސްތިއުނާފު ކުރަން ޝަމްއާންގެ ފަރާތުން ހައި ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް، ހައި ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ.

ޝަމްއާންގެ އިތުރުން ހަތަރު މީހަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކުރި އެވެ. އަދި އެ މައްސަލާގައި އިތުރު ބަޔަކު ފުރުން މަނާކޮށް އަދި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، އެއީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގެސްޓްހައުސްއަކުން އަތުލައިގަތް ބިދޭސީއެއްގެ ފައިސާ އެވެ. އަދި އެ ފައިސާ ހޯދާފައި ވަނީ އޭނާ ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ ތިން މުވައްޒަފަކު އެ މީހާއާ މަގުމަތިން ބައްދަލުކުރުމަށް ފަހުގައި ކަމަށާއި އެ ފައިސާ ގެންދިޔައީ ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.