Roadha Mihaaru

އެމެރިކާއަށް އޮތް އަސްކަރީ އެންމެ ބޮޑު ނުރައްކަލަކީ ޗައިނާ: އިންޓެލް ރިޕޯޓް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާގެ މަސްލަހަތާއި ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޗައިނާ ކަމަށާއި، ވަކި ވެރިކަމެއް ހިންގަމުން އަންނަ ޓައިވާނު ހިފުމުގެ ގާބިލްކަން ވަރަށް ހަލުވިކަމާ އެކު ހޯދަމުން އަންނަ ކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓެއްގައި ބުނެފި އެވެ.

އެމެރިކާގެ ބޮޑު ނުރައްކަލަކީ ޗައިނާ: އިންޓެލް ރިޕޯޓް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާގެ މަސްލަހަތާއި ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޗައިނާ ކަމަށާއި، ވަކި ވެރިކަމެއް ހިންގަމުން އަންނަ ޓައިވާނު ހިފުމުގެ ގާބިލްކަން ވަރަށް ހަލުވިކަމާ އެކު ހޯދަމުން އަންނަ ކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓެއްގައި ބުނެފި އެވެ.

އިންޓެލިޖެންސް ކޮމިއުނިޓީގެ އަހަރީ ތްރެޓް އެސެސްމަންޓުގައި ބުނެފައި ވަނީ ޓައިވާނާ ދެކޮޅަށް ޗައިނާއިން "ވަރުގަދަ ޕްރެޝަރު" އުފައްދަމުން އަންނަ ކަމަށާއި އެމެރިކާގެ ޓާގެޓްތަކާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ހިންގާ ސައިބާ އޮޕަރޭޝަންތަކަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ޗައިނާގެ ނުރައްކާ އޮތް މިންވަރު ދައްކުވައިދޭ އަމަލުތައް ކަމަށެވެ.

"އެމެރިކާގެ ގައުމީ ސަލާމަތަށް އެންމެ ފުޅާކޮށް އޮތް އަސްކަރީ ނުރައްކަލަކީ ޗައިނާ،" ރިޕޯޓުގައިވެ އެވެ.

މި ރިޕޯޓުގައި ބޭރުގެ ގައުމުތަކާއި ޖިނާއީ ކުށުގެ އަމަލުތައް ހިންގާ ޖަމާއަތްތަކުން އެމެރިކާއަށް ކުރިމަތިވެފައިވާ ސަލާމަތީ ނުރައްކާތަކާ ބެހޭ ގޮތުން އެމެރިކާގެ އިސް އިންޓެލިޖެންސް އެޖެންސީތައް ދެކޭ ގޮތް ބަޔާންކޮށްފައިވެ އެވެ. އަދި އެމެރިކާގެ އެތެރެ އާއި ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާ ބަލިކަށިކުރުމަށް ޗައިނާއިން ހަރުކަށިކަމާ އެކު އެކި ހަރާކްތައް ހިންގަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޗައިނާ ސަރުކާރުން މަސައްކަތްކުރާނީ އެމެރިކާގެ ބައިނަލްއަގުވާމީ ގުޅުންތައް ހީނަރުކޮށް، ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ވައްޓާލުމަށް އެމެރިކާއިން އިސްނަގައިގެން ހިންގާ ކެމްޕެއިނާ ދެކޮޅަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ރިޕޯޓްގައި ބުނެފައިވަނީ ޗައިނާގެ އަސްކަރިއްޔާއިން ދަނީ ޕެސިފިކް ސަރަހައްދުގައި އެމެރިކާ އިން ހިންގާ އޮޕަރޭޝަންތަކަށް ގޮންޖެހުންތައް ކުރިމަތިކުރުމަށް ޓައިވާން ހިފުމަށް ބޭނުންކުރާނެ ގާބިލުކަމަށް ހުއްޓުމެއް ނެތި ހޯދަމުން ކަމަށާއި އެކަމަކު އެ ކުރިއެރުންތަކަށް ބައެއް ފަހަރު މަޑުޖެހުން އަންނަ ކަމަށެވެ.

ނަމަވެސް ޗައިނާގެ ލީޑަޝިޕުން މަސައްކަތް ކުރާނީ އެމެރިކާއާ އެކު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ކަމަށާއި އެއީ "އެގައުމުގެ މައިގަނޑު މަސްލަހަތުތައް ހިމާޔަތްކޮށް، އެ ގައުމުގެ މަގާމު ހަރުދަނާ ކުރުމަށް ވަގުތު ހޯދަން" ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމެރިކާގެ ވާދަވެރިންގެ ގޮތުގައި ބަލާ ރަޝިޔާ، އީރާން އަދި އުތުރު ކޮރެއާ އަށް ވުރެ ޗައިނާގެ ބިރުވެރިކަން އެމެރިކާއަށް މާބޮޑު ކަމަށް އިންޓެލިޖެންސް ކޮމިއުނިޓީން ގަބޫލުކުރެ އެވެ.

މި ރިޕޯޓަށް ރައްދު ދެމުން ޗައިނާއިން ބުނީ ޗައިނާގެ ނުރައްކާ އެމެރިކާއަށް ބޮޑު ކަމަށް ބުނެ ދައްކާފައިވާ ވާހަކަ އަކީ މިނަށްވުރެ މާ ބޮޑުކޮށްލާފައި އޮތް ވާހަކައެއް ކަމަށެވެ.

"ޒިންމާދާރުކަމެއް ނެތް މިކަހަލަ ރިޕޯޓްތައް އެމެރިކާއިން ކޮންމެ އަހަރަކުން ވެސް އަންނަނީ ނެރެމުން،" ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުއޯ ޖިއާކުން، މިނިސްޓްރީގެ އާންމު ޕްރެސް ބްރީފިންގައި ވިދާޅުވި އެވެ.

"އެއްވެސް ބަޔަކު ދަށްކޮށްލުމަކަށް ނުވަތަ ބަޔަކު ބާކީކުރުމަކަށް ޗައިނާގެ ވިސްނުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ޑިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް ތުލްސީ ގަބާޑް ސެނެޓުގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމެއްގައި ވިދާޅުވީ މިހާރުގެ އިންޓެލިޖެންސަށް ބިނާކޮށް "ޗައިނާއަކީ އެމެރިކާގެ އެންމެ ގާބިލް ސްޓްރެޓެޖިކް ވާދަވެރިޔާ" ކަމަށެވެ.