Roadha Mihaaru

ތައިލެންޑުން ވީގޫރް މީހުން ޑީޕޯޓްކުރި އޮފިޝަލުން އެމެރިކާއަށް އެރުން މަނާކޮށްފި

ޗައިނާގައި އަނިޔާލިބެމުންދާ ވީގޫރް ދަރިކޮޅުގެ މުސްލިމުންގެ ބަޔަކު ތައިލެންޑުގައި ތިބޭތާ އެތައް އަހަރެއް ވެފައި ވަނިކޮށް އެ މީހުން ޗައިނާއާ ހަވާލުކުރި މައްސަލަ ހޫނުވެފައި ވަނިކޮށް، އެކަމުގައި ޝާމިލްވި ތައިލެންޑު އޮފިޝަލުންނަށް އެމެރިކާ ވިސާ ނުދޭން އެމެރިކާއިން ނިންމައިފި އެވެ.

ވީގޫރުން ޑީޕޯޓްކުރި އޮފިޝަލުންނަށް އެމެރިކާއަށް ނޭރޭނެ

ޗައިނާގައި އަނިޔާލިބެމުންދާ ވީގޫރް ދަރިކޮޅުގެ މުސްލިމުންގެ ބަޔަކު ތައިލެންޑުގައި ތިބޭތާ އެތައް އަހަރެއް ވެފައި ވަނިކޮށް އެ މީހުން ޗައިނާއާ ހަވާލުކުރި މައްސަލަ ހޫނުވެފައި ވަނިކޮށް، އެކަމުގައި ޝާމިލްވި ތައިލެންޑު އޮފިޝަލުންނަށް އެމެރިކާ ވިސާ ނުދޭން އެމެރިކާއިން ނިންމައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު، ޗައިނާގެ ހުޅަނގު އުތުރުޝިންޖިއާން ސަރަހައްދަށް ހާއްސަ މަތިންދާބޯޓެއްގައި ވީގޫރްގެ 40 މީހަކު ފޮނުވާލުމުން ތައިލެންޑުގެ ސަރުކާރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

އެ މީހުން ޑީޕޯޓްކޮށްފައިވަނީ ޗައިނާގައި އަނިޔާއިން ސަލާމަތްވާން ފިލައިގެން އެ ގައުމުން ނިކުމެގެން އުޅޭތާ ދިހަ ވަރަކަށް އަހަރު ފަހުންނެވެ. އެ މީހުން މި ހުރިހާ ދުވަހަކު ތިބީ ތައިލެންޑުގެ ޑިޓެންޝަން ފެސިލިޓީތަކުގަ އެވެ.

ތައިލެންޑުގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ނިންމުން ލިބިފައިވާ ކަމަށާއި އެކަމަކު ވީގޫރް މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޔަގީންކަން ޗައިނާ ސަރުކާރުގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ތައިލެންޑުން އަމަލުކުރާނީ ވީގޫރް މީހުންގެ ރައްކާތެރިކަން ކަށަވަރުވާ ގޮތަށް ކަމަށް ބުންޏެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނަމުން އައި ގޮތުގައި ތައިލެންޑުގެ އެކި ޑިޓެންޝަން ސެންޓަރުތަކުގައި ވީގޫރްގެ 48 މީހަކު ތިބި އިރު އެ އެންމެން ޗައިނާއަށް ފޮނުވާލަން ވަނީ ނިންމައިފަ އެވެ. މިއީ މީގެ 10 ވަރަކަށް އަހަރު ކުރިން، އަނިޔާއިން ސަލާމަތްވާން ތައިލެންޑަށް ދިޔަ ބައެއް ކަމަށް ވެސް އެ ޖަމާއަތްތަކުން ބުނެ އެވެ.

ޗައިނާއިން، މުސްލިމުންގެ އާބާދީ ބޮޑު ވީގޫރުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާ ކަމަށާއި ބޮޑެތި ކޭމްޕްތައް ހަދައި އެތައް މިލިއަން ބަޔަކު ބަންދުކޮށްގެން ގެންގުޅޭ ކަމަށް އދ. އިން ބުނެ އެވެ. އެކަމަކު ޗައިނާއިން ބުނަނީ ވީގޫރް މީހުންނަށް މަސައްކަތުގެ ތަމްރީނު ދީ ދިރިއުޅެވޭނެ މަގުތައް ފަހިކޮށްދެމުން ގެންދާ ކަމަށެވެ.