Roadha Mihaaru

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ 30،000 މީހުން ގުއަންޓަނަމޯގައި ބަންދުކުރާނަން: ޓްރަމްޕް

އެމެރިކާގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ 30،000 މީހަކު، އެމެރިކާއިން ޓްވިން ޓަވަރު ގޮއްވާލި 9/11 ހަމަލާއަށްފަހު، ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުން ބަންދުކުރަން ބޭނުންކުރާ ގުއަންޓަނާމޯ ބޭ އަސްކަރީ ޖަލުގައި ބަންދުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

އެމެރިކާގައި ނުގަވާއިދުން އުޅޭ ބިދޭސީން ގުއަންޓަނަމޯއަށް

އެމެރިކާގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ 30،000 މީހަކު، އެމެރިކާއިން ޓްވިން ޓަވަރު ގޮއްވާލި 9/11 ހަމަލާއަށްފަހު، ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުން ބަންދުކުރަން ބޭނުންކުރާ ގުއަންޓަނާމޯ ބޭ އަސްކަރީ ޖަލުގައި ބަންދުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

މި އާދަޔާ ހިލާފް ނިންމުން ޓްރަމްޕް އިއުލާނުކުރެއްވީ ލިޔެކިޔުން ނެތް ބިދޭސީން ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ ހާލަތުގައި ޝަރީއަތުގެ ކުރިން ވެސް ބަންދުކޮށްގެން ގެންގުޅުމުގެ ހުއްދަ ލިބޭ ގޮތަށް ފާސްކުރި ބިލް ތަސްދީގުކުރެއްވުމަށް ފަހުގަ އެވެ. އެއީ ވެނެޒުއޭލާއިން އެމެރިކާއަށް ވަގަށް އެތެެރެވެން އުޅުނު މީހެއްގެ ހަމަލާގައި މަރުވި އެމެރިކާ ދަރިވަރެއްގެ ނަމުން ނަން ދީފައިވާ ބިލެކެވެ.

ވައިޓް ހައުސްގައި ޓްރަމްޕް ވިދާޅުވީ ޕެންޓަގަން އާއި ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓަށް "ގުއަންޓަނާމޯ ބޭގައި 30،000 ޖާގައިގެ، ބިދޭސީންގެ ފެސިލިޓީ ތައްޔާރު ކުރުމުގެ މަސައްކަތް ފަށަން" އެގްޒެކެޓިވް އަމުރެއްގައި ސޮއި ކުރައްވާނެ ކަމަށެވެ.

"އެމެރިކާ ރައްޔިތުންނަށް ބިރަކަށްވާ، ގަވައިދާ ހިލާފަށް އުޅޭ މީހުން ބައިތިއްބަން ގުއަންޓަނާމޯގައި 30،000 އެނދު އެބަހުރި. އޭގެ ތެރެއިން ބައެއް މީީހުންނަކީ އެހެން ގައުމަކާ ހަވާލުކޮށްގެން ވެސް ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން ނެތްހާ ނުރައްކާ މީހުން. އެ މީހުން އެނބުރި މުޖުތަމައަށް އައިސްގެންނުވާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރިޔާސީ ދެ ވަނަ ދައުރުގައި ވީ ވައުދު ފުއްދުމަށް، ފެސިލިޓީތަކުގެ ކެޕޭސިޓީ މިކަމުގެ ސަބަބުން ދެ ގުނަ އިތުރުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ "ގުއަންޓަނާމޯ އަކީ ނުކުންނަން އުނދަގޫ ތަނެއް" ކަމަށާއި މިއީ ނުރައްކާތެރި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާ ގާތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

އެމެރިކާއިން ކިއުބާގެ ގުއަންޓަމޯ ބޭ ގައި ޖަލު ހުޅުވީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ނުރައްކާތެރި ހަމަލާއަށް ފަހު އެވެ. އެތަން ބޭނުންކުރަން ފެށީ އަފްޣާނިސްތާނާއި އިރާގު ހަނގުރާމައިންނާއި އެހެން އޮޕަރޭޝަންތަކުގައި ހައްޔަރުކޮށް ކުށުގެ ދައުވާ ދުވަހަކުވެސް އުފުލާފައި ނުވާ މީހުން މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބައިތިއްބާށެވެ.

ކިއުބާގެ އިރުމަތީ ކޮޅުގައި އޮންނަ ގުއަންޓަނަމޯގައި އެންމެ ގިނައިން މީހުން ހައްޔަރުކޮށްފައި ތިބި އިރު ގާތްގަނޑަކަށް 800 އެއްހާ މީހުން ތިއްބެވެ. އެތަނުގައި މީހުންނަށް ދޭ ބޮޑެތި އަނިޔާތަކުގެ ވާހަކަ މީހުން ކިޔައިދީފައި ވާއިރު އެ އަނިޔާވެރިކަމަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ އެވެ.