ކަރަންޓުގެ ހާލަތު ވަރަށް ދަށް 35 ރަށެއް ފާހަގަކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން (ފެނަކަ) އިން ބުނެފި އެވެ.
12 ޖެނުއަރީ 2025
ކަރަންޓުގެ ހާލަތު ވަރަށް ދަށް 35 ރަށެއް ފާހަގަކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން (ފެނަކަ) އިން ބުނެފި އެވެ.
އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މިދިޔަ ބުދަ ދުވަހު "މިހާރު" އަށް ވިދާޅުވީ ކަރަންޓުގެ ހާލަތު ދަށް 35 ރަށުގެ ތެރެއިން ވެސް ވަގުތުން ހައްލު ހޯދަން ޖެހޭ ރަށްތަކެއް އެބަހުރި ކަމަށެވެ. މި ފެށޭ ރޯދައިގެ ކުރިން 30 އަށް ވުރެ ގިނަ ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަށްރަށުގައި އަވަސް އަވަހަށް ކަރަންޓު ކަނޑައިގެން ދިއުމާއި ހޫނު މޫސުމުގައި ބޭނުންކުރާ މިންވަރާއި ކަރަންޓު އުފައްދާ މިންވަރު ދިމާނުވުމުގެ މައްސަލަތައް ބޮޑެވެ. އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ކަރަންޓު ކެނޑެން ދިމާވާ މައްސަލަތައް ރޯދައިގެ ކުރިން ހައްލުކުރާއިރު އިސްކަންދޭނީ އެ ރަށްތަކަށް ކަމަށް ރުކުމާ ވިދާޅުވި އެވެ.
ގއ. އާއި ގދ. ގެ ބައެއް ރަށްތަކަށް މިދިޔަ ހަފުތާގައި ފެއްޓެވި ދަތުރުފުޅުގައި ގދ. ފިޔޯރީގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާ ރަށްރަށަށް ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ބަދަލުތައް ގެނެސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރަން މިދިޔަ އަހަރު ބޮޑު ހޭދައެއް ކުރިއަސް އެކަމަށް އެކަށީގެންވާ ދާއިމީ ހައްލެއް ނުލިބޭ ކަމަށް، މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
"ފެނަކަ އާއި ސްޓެލްކޯ އަދި އެމްޓީސީސީ ފަދަ ކުންފުނިތައް ގުޅިގެން، އަޅުގަނޑުމެން މި އަމާޒު ކުރަނީ މުޅި ރާއްޖޭގައި، އެންމެ ރަށެއް ވެސް މި މައްސަލަ އޮތް ރަށެއް ވިއްޔާ ހިމެނޭ ގޮތަށް، އެންމެ ރަށެއް ވެސް ދޫކޮށް ނުލައި ހުރިހާ ރަށެއްގައި ޖަނަރޭޓަރުގެ މައްސަލަ ހައްލު ކުރުމަަށް ގެންނަން ޖެހޭ ޖަނަރޭޓަރުތައް ގެނެސްދީ، އިންސްޓޯލްކޮށް ނިންމަން،" ރައީސް ވިދާޅުވި އެވެ.
ރުކުމާ ވިދާޅުވީ ކަރަންޓު އަޕްގްރޭޑު ކުރަންޖެހޭ ރަށްރަށުގެ ތެރޭގައި އާބާދީ ބޮޑެތި ރަށްތައް ވެސް ހިމެނޭ ކަމަށެވެ. އެކަމަކު، އެ ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރަން ހިނގާނެ ހަރަދުގެ ތަފްސީލެއް އަދި ނުލިބޭ ކަމަށް ވިދާޅުވި އެވެ.
އާންމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލްކުރަނީ
ފެނަކަ ކޯޕަރޭޝަނުން ރުކުމާ އިސްތިއުފާ ދެއްވައިފި
ކަރަންޓު އަގުތައް ދެމެހެއްޓެނިވި ގޮތުގައި މެނޭޖުކުރެވޭނެ
ކަރަންޓުގެ ޓެރިފް ރޭޓު ދަށްކުރަނީ
10 އަހަރަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ އައްޑޫ، ފުވައްމުލަކުގައި ގާއިމްކުރަނީ!
ކަރަންޓު ކެނޑޭ މައްސަލަ ރޯދައިގެ ކުރިން ހައްލުކުރަނީ
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރަނީ
ރޯދަ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދެނީ
މިސްކިތްތަކުގެ ކަރަންޓް ބިލް ކުޑަކުރަނީ
ފެނަކައިގެ މައްސަލައަކީ ރުހުން ނުދޭންވީވަރު ކަމެއް ނޫން