Roadha Mihaaru
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރަނީ

އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރަނީ

26 އޯގަސްޓް 2024

ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ހިއްސާއެއް އެސްޓީއޯއިން ގަނެ ފެނަކަ އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ ގޮތަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ހިއްސާއެއް އެސްޓީއޯއިން ގަނެ ފެނަކަ އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ ގޮތަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން އެކަމާ ބެހޭ ގޮތުން ހުށަހެޅި ކަންކަމާ މެދު މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.

އެ އޮފީހުން ބުނި ގޮތުގައި އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކޮށް ނިންމަން ހަމަޖައްސާފައި ވަނީ މި އަހަރުގެ ނިޔަލަށެވެ.

"ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން މި ނިންމެވުން ނިންމެވީ ޔުޓިލިޓީ ސެކްޓަ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާ އެކު ފެނަކަގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށްޓަކައެވެ." ރައީސް އޮފީހުން ބުންޏެވެ.

މި ބަދަލު ގެނައުމަށް އެސްޓީއޯގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އެސްޓީއޯ ގްރޫޕްގައި އަމަލުކުރަމުން އަންނަ ގޮތަށް ގަވަނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ފެނަކަގެ ކަންކަން ތަރުތީބުކުރުމުގެ ފުރިހަމަ އިހްތިޔާރު އެސްޓީއޯއަށް ދޭން ވެސް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމާއި ރަނގަޅު އުސޫލުތައް ތަންފީޒުކުރުން ފަދަ ކަންކަމުގެ އިހްތިޔާރު ވެސް އެސްޓީއޯއަށް ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިހްތިޔާރު ވެސް ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް އެސްޓީއޯއަށް ދޭނެ އެވެ. އެއީ ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ބަލައިގެންނެވެ.

މި މަރުހަލާ ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ފިނޭންސް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސްޓީއޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފައްދަން ވަނީ ނިންމައިފަ އެވެ.

ރަށްރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތަށް ހާއްސަކޮށް އުފައްދާފައިވާ ފެނަކައިން އެސްޓީއޯއަށް ތެލުގެ ފައިސާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ މި ސަރުކާރު ހަވާލުވި އިރު ނުދައްކާ އޮތް ކަމަށް ކުރިން ވަނީ ބުނެފަ އެވެ.

ސަރުކާރުގެ ހަރަދު ކުޑަކުރުމާއި ކުންފުނިތަނުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލައި އަދި ބައެއް ކުންފުނިތައް އުވާލުން ފަދަ ކަންކަން ކުރުމަށް ސަރުކާރުން ވަނީ ކުރިން ވެސް ނިންމައިފަ އެވެ.