Roadha Mihaaru
ތެޔޮ ގަތުމުގައި ނުގަވައިދުން ކަމެއް ނުހިންގަން: ނިމާލް

ތެޔޮ ގަތުމުގައި ނުގަވައިދުން ކަމެއް ނުހިންގަން: ނިމާލް

12 އޮކްޓޯބަރ 2016

ފެނަކަ އަށް ޑީސަލް ގަތުމުގައި ވަކި ގޮތަކަށް އަމަލްކުރަން ރައީސް އޮފީހުން އެންގި ނަމަވެސް، ނުގަވައިދުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ފެނަކަ އަށް ޑީސަލް ގަތުމުގައި ވަކި ގޮތަކަށް އަމަލްކުރަން ރައީސް އޮފީހުން އެންގި ނަމަވެސް، ނުގަވައިދުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ފެނަކައިގެ ޗެއާމަން މުހައްމަދު ނަދީމް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައަށް ޖެނުއަރީ 1، 2016 އިން ފެށިގެން ވަކި ގޮތަކަށް ޑީސަލް ގަތުމުގެ ކަންކަން ކުރަން ރައީސް އޮފީހުން އަންގާފައި ވިޔަަސް، އެ ނޫން ގޮތަކަށް އެކަން ކޮށްފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް ސިޓީގައި ނަދީމް ނުދެއްވަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރައީސް އޮފީހުގެ ސިޓީގައި އޮތީ ފެނަކައިން ކަރަންޓް ހިދުމަތް ދޭ ހުރިހަ ރަށަކަށް ވަކި ރޭޓެއްގައި އެސްޓީއޯ އިން ތެޔޮ ގަތުމަށެވެ. ނިމާލު ވިދާޅުވީ ރައީސް އޮފީހުން އަންގާފައި ވަނީ ގާތްގަނޑަކަށް 8ރ ނުވަތަ 8.10ރ އަށް ތެޔޮ ލިޓަރެއް އެސްޓީއޯއިން ފެނައަަށް ވިއްކާނެ ކަމަށެވެ.

ނަދީމްގެ ތުހުމަތާ ގުޅިގެން ނިމާލް "މިހާރު" އަށް ވިދާޅުވީ ރައީސް އޮފީހުގެ ސިޓީގައިވާ ގޮތަށް އެސްޓީއޯއިން ފެނަކައަށް ޑީސަލް ގަންނަން އެ ކުންފުންޏާ ބައްދަލުކޮށް މަޝްވަރާ ކުރި ކަމަށެވެ. އެކަމަކު ތަފާތު ސަބަބުތަކާ ގުޅިގެން އެސްޓީއޯއިން ފެނަކައަށް ޑީސަލް ނުގަނެވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް އޮފީހުގެ ސިޓީއާ ގުޅިގެން އެސްޓީއޯ އިން ވެސް ރައީސް އޮފީހަށް ޖަވާބު ދިން އެކަން އެގޮތަށް ކޮށްދީފާނެ ކަމަށް. އެކަމަކު އަޅުގަނޑުމެން ގޮސް އެސްޓީއޯގެ އިސް ވެރިންނާ ބައްދަލުކުރުމުން ކުރިމަތިކުރީ ޝަރުތުތަކެއް،" މިދިޔަ މަހުގެ 26 ގައި މަގާމުން ވަކިކުރި ނިމާލް ވިދާޅުވި އެވެ.

"އެސްޓީއޯއިން އެންގީ ރަށްރަށުގެ ބަނދަރާ 300 ފޫޓު ދުރުގައި ތެޔޮ ތާނގީ ހެދުމަށާއި މަދުވެގެން 30،000 ލީޑަރުގެ ޑީސަލް އެޅޭނެ ތާނގީތައް ހަދަން. އެކަމަކު އެއީ އަޅުގަނޑުމެންނަށް ކޮންމެ ރަށެއްގައި ކުރެވޭނެ ކަމެއް ނޫން. އަނެއްކާ ކޮންމެ ރަށަކުން ބޭނުމެއް ނުވޭ ބަނދަރުމަތީގައި ތެޔޮ ތާނގީ ބަހައްޓާކަށް،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސްޓީއޯ އިން ފެނަކައަށް ޑީސަލް ވިއްކާ އަގަށް ވުރެ ރަށްރަށުގެ އެކި ޕާޓީތަކުން ވިއްކާ އަގު ހެވެ. އެހެންވެ އަގު ހެޔޮ ޕާޓީތަކުން ފެނަކައަށް ޑީސަލް ގަތުމަކީ ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެސްޓީއޯ އިން ޑީސަލް ލިޓަރެއް 8ރ. އަށް ވިއްކަން އެއްބަސް ވާ ނަމަ، އޭގެ 10 ލާރި ވަރު އަގު ހެޔޮކޮށް އަމިއްލަ ފަރާތްތަކުން ފެނަކައަށް ޑީސަލް ވިއްކާ. އެހެންވީމާ އެސްޓީއޯއަށް ވުރެ އަގު ހެޔޮކޮށް ޑީސަލް ވިއްކާ މީހުން އަތުން އެ ގަންނަނީ. މިކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައެއް ނޯންނާނެ. ނުގަވައިދުން އެއްވެސް ކަމެއް ނުކުރަން. ކުންފުންޏަށް ވާނީ ފައިދާ،" ނިމާލް ވިދާޅުވި އެވެ.

ފެނަކައަށް ރަށްރަށުން އަގު ހެޔޮކޮށް ތެޔޮ ވިއްކަނީ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ކަމަށް ވާހަކަ ދެކެވޭ ކަމަށް ދެންނެވުމުން ނިމާލް ވިދާޅުވީ އެފަދަ ރަސްމީ އެއްވެސް މައުލޫމާތެއް ފެނަކައަށް ނުލިބޭ ކަމަށެވެ. އަދި މަޖިލިހުގެ މެމްބަރުންނާ އެކު އެފަދަ މުއާމަލާތެއް ނުހިންގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމްގެ އިސްތިއުފާގެ ސިޓީގައިވާ ގޮތުން އޭނާ އެ ފިޔަވަޅު އެޅުއްވީ ފެނަކައިގެ ތެރޭގައި ގިނަ މައްސަލަތަކެއް ފާހަގަކުރެވި އެކަމަކު އެކަންކަން ހައްލު ނުވުމުން ކަަމަށެވެ. އޭގެ ތެރޭގައި ކުންފުނީގެ ބޯޑުން ވަކި އުސޫލުތަކެއް ކަނޑައަޅާފައި ހުރި ނަމަވެސް، ބައެއް ކަންކަމުގައި އެ އުސޫލުތަކުގެ ބޭރުން މުއާމަލާތު ކުރާކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ފެނަކައިގެ ބައްދަލުވުމެއްގައި ނަދީމް ވާހަކަ ދައްކަވަނީ: އެ ކުންފުނީގެ ޗެއާމަންކަމުން އޭނާ މިއަދު ވަނީ އިސްތިއުފާ ދެއްވާފައި.

ފެނަކައިގެ ބައްދަލުވުމެއްގައި ނަދީމް ވާހަކަ ދައްކަވަނީ: އެ ކުންފުނީގެ ޗެއާމަންކަމުން އޭނާ މިއަދު ވަނީ އިސްތިއުފާ ދެއްވާފައި.

ނަދީމަށް ރައްދު ދެއްވަމުން ނިމާލް ވިދާޅުވީ ފެނަކައިގެ ތެރޭގައި ކުރިން ގޯސް ކަންތައްތަކެއް ހިނގާފައިވާ ނަމަ، އޭގެ އެތައް ދުވަހެއް ފަހުން، މިހާރު ނަދީމް އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ނިމާލް ފާހަގަކުރެއްވި ގޮތުގައި އޭނާ އާއި ނަދީމާ ދެމެދު ހިޔާލު ތަފާތުވާން ފެށީ މިދިޔަ ޖުލައި މަހު ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުން ދޫކުރައްވައި ނިމާލު ވަޑައިގެންނެވި ފަހުންނެވެ.

ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުން ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބޮއިކޮޓް ކުރިއިރު އޭގެ ތެރޭގައި ނިމާލް ވެސް ހިމެނެ އެވެ.

"އަޅުގަނޑު ކައިރީ [ނަދީމް] ވިދާޅުވީ މިހާރު އޮތް މެނޭޖްމަންޓާ އެއްކޮށް ފަސޭހަ ނުވާނެއޭ މަސައްކަތް ކުރަން. އެހެންވެ ތިމަންނަ އިސްތިއުފާ ދޭން ވިސްނާ ކަމަށް އަޅުގަނޑު ކައިރީގައި [ނަދީމް] ވިދާޅުވީ،" ނިމާލް ވިދާޅުވި އެވެ.

"ކުރީގައި ބައެއް ކަންކަން ގޯސްކޮށް އޮތް ނަމަ، މިއަދުގެ މެނޭޖްމަންޓާ އެކު އެކަންކަން ރަނގަޅުވާނެ ކަމުގެ އުންމީދުގައި ފުރުސަތު ދީގެން މަސައްކަތް ނުކޮށް އިސްތިއުފާ ދިނުމުން ސުވާލު އުފެދޭ. ކުރިން ގޯސްކޮށް ކަންތައް ކުރި މީހާ މިހާރު ފެނަކާގައި ނެތް. އެހެންވެ ކިތަންމެ ރަނގަޅަކަށް ވެސް ހިންގަން ޗެއާމަން އަށް [ފެނަކައިގައި[ މަޑުކުރެވޭނެ."