Roadha Mihaaru
މިއީ ފަންޑިތަވެރިއެއް ނޫން، އޭދަފުށީގެ ލެޖެންޑެއް

މިއީ ފަންޑިތަވެރިއެއް ނޫން، އޭދަފުށީގެ ފުޓްބޯޅަ ލެޖެންޑެއް

23 ޑިސެމްބަރ 2024

ގޯލްޑް ކަޕުގެ ފުރަތަމަ ސެމީ ފައިނަލުގައި ބ. އޭދަފުއްޓާއި މާލެ ކުޅުނު މެޗުގައި މާލޭގެ ސަޕޯޓަރުން ތިބުމަށް ހާއްސަކުރި ސަހަރާފަޅީގެ ސަރަހައްދުގައި ކުޑަނަގައިގެން ބޮލުގައި ތާކިހަލެއް އަޅައިގެން ޖުއްބާ ލައިގެން ހުރި މީހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ވައިރަލްވި އެވެ. ފުރަތަމަ ހާފުގައި އޭނާ ހޭދަކުރީ ސަހަރާ ފަޅީގަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގޯލްޑް ކަޕުގެ ފުރަތަމަ ސެމީ ފައިނަލުގައި ބ. އޭދަފުއްޓާއި މާލެ ކުޅުނު މެޗުގައި މާލޭގެ ސަޕޯޓަރުން ތިބުމަށް ހާއްސަކުރި ސަހަރާފަޅީގެ ސަރަހައްދުގައި ކުޑަނަގައިގެން ބޮލުގައި ތާކިހަލެއް އަޅައިގެން ޖުއްބާ ލައިގެން ހުރި މީހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ވައިރަލްވި އެވެ. ފުރަތަމަ ހާފުގައި އޭނާ ހޭދަކުރީ ސަހަރާ ފަޅީގަ އެވެ.

އެ މެޗުގައި އޭދަފުށިން ޖެހި ތިން ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެއީ ސަހަރާ ފަޅި އެވެ. ދެވަނަ ހާފުގައި އޭނާ ހުރީ މަޖީދީމަގާ ވީ ފަޅީގަ އެވެ. ސޯޝަލް މީޑިއާގައި އޭނާގެ ފޮޓޯތައް ދައުރުވުމުން، އޭދަފުއްޓަށް ތުހުމަތުގެ އިނގިލި އަމާޒުވެއްޖެ އެވެ. އެ ޓީމުން މޮޅުވީ ފަންޑިތައިގެ ބާރުގައޭ ވެސް ސޯޝަލް މީޑިއާގެ ކޮމެންޓްތަކުގައިވެ އެވެ.

އެކަމަކު އެއީ ފަންޑިތަވެރިއެއް ނޫނެވެ. އެއީ ކުރީގެ މަޝްހޫރު ކުޅުންތެރިއެކެވެ. އޭދަފުއްޓަށް އުފަން އިބްރާހިމް މޫސާ ހުސައިން (އިއްބެ) އަކީ އެ ރަށު ފުޓްބޯޅައިގެ ލެޖެންޑެކެވެ.

"އޭދަފުއްޓަށް ނިސްބަތްވާ ކޮންމެ ފިރިހެނަކީ ކޮންމެވެސް ސިފައެއްގައި ފުޓްބޯޅަ ކުޅެފައިވާ ނުވަތަ ކުޅެމުންދާ މީހެއް. އެގޮތަށް އަހަންނަކީ ވެސް ފުޓްބޯޅަ ކުޅެ ފުޓްބޯޅައިގައި އުޅުނު މީހެއް،" ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅުނު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ގޯލްކީޕަރު ބުންޏެވެ.

އެކަމަކު، އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ޓީމަށް ވުރެ އިއްބެ ގަލޮޅު ދަނޑުގައި ވިދާލީ ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އޯކިޑް ސްޕޯޓްސް ކްލަބުންނެވެ.

ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީންގެ އިސްނެންގެވުމުގެ ދަށުން ބަނޑޮހުގެ މެނޭޖްމެންޓުން ހިންގި އެ ޓީމު ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް އެއް ވަނަ ޑިވިޝަނަށް ކޮލިފައިވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔަކީ އިއްބެ އެވެ.

"ފުޓްބޯޅައިގައި އަޅުގަނޑުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަ ކުރީ އޯކިޑްގައި. ވަރަށް ހަނދާންވާ މެޗެއް ދެވަނަ ޑިވިޝަނުގެ ފައިނަލު މެޗު ޕެނަލްޓީ ޖަހައިގެން އަޅުގަނޑުމެން [އޯކިޑް] މޮޅު ވި މެޗަކީ،" 1993 ގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ފުވައްމުލަކުގެ ދަޑިމަގު ޒުވާނުންގެ ޖަމިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ހަނދާންތައް އިއްބެ ކިޔައި ދިނެވެ.

"ޕެނަލްޓީޝޫޓް އައުޓްގައި ތިން ޕެނަލްޓީ އަހަރެން ދިފާއުކުރިން. ވަރަށް ހަނދާން އާ ވާ މެޗެއް އެއީ."

އޯކިޑްގައި ތިން އަހަރު އޭނާ ކުޅުނެވެ. އޭރުގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ މޯނިންގްސަން މޫސާ މަނިކު (ކުޑަ މޫސަ) އާއި އިސްމާއީލް އާސިފް (ކުޑަ ހީނާ) އާ އެކު އޯކިޑްގައި އޭނާ ކުޅުނެވެ. ރާއްޖެއަށް މިހާތަނަށް ކުޅެން އައި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ ނިއު ރޭޑިއަންޓްގެ ޕެޓްރިކް ޗިކަޔާގެ ވަރުގަދަ ހަމަލާތައް އިއްބެ މަތަ ކުރި އެވެ.

"ރާއްޖެއަށް މިހާތަނަށް އައި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ [ކޮންގޯގެ ޕެޓްރިކް] ޗިކާޔާއާ ދެކޮޅަށް އަޅުގަނޑު ކުޅުނިން. ކުޑަ މޫސަ އާއި ކުޑަ ހީނާއާ އެއްކޮށް ކުޅުނިން،" ފުޓްބޯޅައާ ގުޅިފައިވާ މާޒީ އިއްބެ ހާމަކުރި އެވެ.

އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ފަހުން އިއްބެ ވަނީ އެ ޓީމަށް ވެސް ކުޅެފަ އެވެ.

ގޯލްޑް ކަޕް ސެމީ ފައިނަލު މެޗުގައި ދެ ހާފުގައި ދެފަޅިއަށް އިއްބެ ބަދަލުވީ ކީއްވެ ހެއްޔެވެ؟ އަދި ހިޔާކޮށްފައި ހުރި ތަނެއްގައި ކުޑަ ނަގައިގެން އޭނާ އިނީ ކީއްވެ ހެއްޔެވެ.

އެކަމަކު އިއްބެ ބުނީ އެއިން އެއް ކަމަކީ ވެސް މީހުން އެ ބުނާ ގޮތަށް ފަންޑިތައާ ސިހުރާ ގުޅުން އޮތް ކަމެއް ނޫން ކަމަށެވެ.

"ރަތްކުލައިގެ ކުޑަ ނަގައިގެން ހުރީ އަހަރެމެންގެ [އޭދަފުށީ] ޓީމުގެ ކުލަ ވީމަ. ޓީމަށް ސަޕޯޓްކުރާކަން ހާމަކުރުމުގެ ގޮތުން. އަދި އަހަރެން ތާކިހާ އެޅީ ވެސް މިއަދަކު ނޫން. ޖުއްބާ ލީ ވެސް މިއަދަކު ނޫން،" އިއްބެ ބުންޏެވެ.

"ދެން ދެ ހާފްގައި ދެ ފަޅީގައި ހުރީ، އަހަރެން ބޭނުންވީ އަހަރެމެންގެ ކުދިން [އޭދަފުށީގެ ކުޅުންތެރިން] ލަނޑު ޖަހާ ފަޅީގައި ހުންނަން. އަހަރެން ދަންނަ މީހުންނަށް އެނގޭނެ ފަންޑިތަ އާއި ސިހުރަކީ އަހަރެން ދެކޮޅު ހަދާ ކަންތައްތަކަން. އެއީ ދީނީ ގޮތުން ވެސް އެކަމުގެ ނުބައިކަން އަހަންނަށް އެނގި އޮޅުންފިލާފައި އޮތީމާ."

ފައިނަލުގައި އޭދަފުށި ނުކުންނާނީ އައްޑުއާ ދެކޮޅަށެވެ. އިއްބެ ބުނީ އައްޑޫގެ ފުޓްބޯޅަ އަށް އޭނާގެ ޝައުގުވެރިކަން އަބަދުވެސް އޮންނަ ކަމަށެވެ. އެއީ ކުރިން އައްޑޫގެ އެތެރޭގައި ބާއްވާ މުބާރާތްތަކުގައި އެ ކުޅެފައި ވުމުން ކަމަށެވެ. ކުރިން ފޭދޫގައި ހިންގި ޓީމެއް ކަމަށްވާ "ވޮލްޑަފް" އަށް އައްޑޫގެ އެތެރޭގެ މުބާރާތްތަކުގައި އޭނާ ވަނީ ކުޅެފަ އެވެ.

އޭނާ ހުރީ ފައިނަލު މެޗަށް ވެސް ދަނޑަށް ދާ ގޮތަށެވެ. އެކަމަކު އެ މެޗުގައި އޭނާ އުޅޭނީ ކިހިނެއް ކަމެއް ނޭނގެ އެވެ.