Roadha Mihaaru
އިޕްސްވިޗްގެ ކެޕްޓަނަށް މުހިންމީ އިސްލާމް ދީން

ޕްރިމިއާ ލީގުގެ އުސޫލަށް ވުރެ އިޕްސްވިޗްގެ ކެޕްޓަނަށް މުހިންމީ އިސްލާމް ދީން

03 ޑިސެމްބަރ 2024

އިނގިރޭސި ޕެރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 1-0 އިން އިޕްސްވިޗް ޓައުން ބަލިވި މެޗުގައި، އިޕްސްވިޗްގެ ކެޕްޓަން ސޭމް މުރުސީ، ރެއިންބޯ ކެޕްޓަން ބޭންޑް ނޭޅީ، އޭނާއަކީ މުސްލިމް ކުޅުންތެރިއަކަށް ވާތީ ކަން އެ ކްލަބުން ހާމަކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިނގިރޭސި ޕެރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 1-0 އިން އިޕްސްވިޗް ޓައުން ބަލިވި މެޗުގައި، އިޕްސްވިޗްގެ ކެޕްޓަން ސޭމް މުރުސީ، ރެއިންބޯ ކެޕްޓަން ބޭންޑް ނޭޅީ، އޭނާއަކީ މުސްލިމް ކުޅުންތެރިއަކަށް ވާތީ ކަން އެ ކްލަބުން ހާމަކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުން އަންނަނީ އެއްޖިންސުގެ "ނަހަމަ" ގުޅުމަށް ތަރުހީބު ދޭ އެލްޖީބީޓީ ކޮމިިއުނިޓީއަށް ތާއީދުކޮށް، 2013 ވަނަ އަހަރުން ފެށިގެން ރެއިންބޯ ލޭސެސް ކެމްޕޭން ނަމުގައި ކޮންމެ ސީޒަނެއްގެ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާ ފާހަގަ ކުރަމުންނެވެ.

ނަމަވެސް މިއަހަރު ޕްރިމިއާ ލީގަށް ކޮލިފައިވި އިޕްސްވިޗް ޓައުންގެ ކެޕްޓަން، މިސްރުގެ މުރުސީ، 33، ވަނީ މި ކެމްޕޭންގެ ހަފުތާގައި، އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ރެއިންބޯ ކެޕްޓަން ބޭންޑް އެޅުމާ ދެކޮޅު ހަދައިފަ އެވެ. މިރޭ އެޓީމުން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ އިރު ވެސް އޭނާ ބޭނުން ކުރާނީ ޕްރިމިއާ ލީގުގެ ސްޓެންޑާޑް ޑިޒައިންގެ ކެޕްޓަން ބޭންޑެވެ.

އިޕްސްވިޗުން ވަނީ، މުރުސީގެ މި ނިންމުމަށް އިހުތިރާމް ކުރާކަން ހާމަކޮށް އޭނާގެ ދިފާއުގައި ބަޔާނެއް ވެސް ނެރެފަ އެވެ.

މިސްރުގެ ގައުމީ ޓީމަށް ނުވަ މެޗު ކުޅެދީފައިވާ މުރުސީ އަކީ މި ކެމްޕޭނުގައި މި ސީޒަންގައި ބައިވެރިވާން ދެކޮޅު ހެދި ފުރަތަމަ ކެޕްޓަނެވެ. ލީގުގައި ކުޅޭ ބާކީ 19 ޓީމުގެ ކެޕްޓަނުން ވެސް ވަނީ ރެއިންބޯ ބޭންޑް އަޅައިފަ އެވެ.

މިދިޔަ ސީޒަންގައި ޝެފީލްޑް ޔުނައިޓެޑްގެ މުސްލިމް ކެޕްޓަން އަނީލް އަހްމެދޯޒިކް ވެސް ރެއިންބޯ ކެޕްޓަން ބޭންޑެއް ނާޅަ އެވެ.

މީގެ އިތުރުން ނެދަލެންޑްސްގެ ފެއިނޫޑަށް ކުޅުނު އޯކުން ކޮކްޗޫ އާއި ޕީއެސްޖީއަށް ކުޅުނު އިދުރީސާ ގޭއި އަދި މޮނާކޯގެ މުހައްމަދު ކަމާރާ ވެސް ވަނީ މީގެ ކުރިން، ނެދަލެންޑްސް އާއި ފްރާންސް ލީގުން ހިންގާ ރެއިންބޯ ކެމްޕޭނުގައި ބައިވެރިވާން އުޒުރުވެރިވެފަ އެވެ.