Roadha Mihaaru
މުހިންމު ތިން ކަމެއް ނިންމަން ރައްޔިތުންގެ ވޯޓަކަށް

މުހިންމު ތިން ކަމެއް ނިންމަން ރައްޔިތުންގެ ވޯޓަކަށް އަހަނީ

11 ނޮވެމްބަރ 2024

ގާނޫނީ ގޮތުން މުހިންމު ތިން ކަމެއްގައި ގޮތެއް ނިންމަން ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ ވޯޓަކަށް ދާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

ގާނޫނީ ގޮތުން މުހިންމު ތިން ކަމެއްގައި ގޮތެއް ނިންމަން ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ ވޯޓަކަށް ދާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17 އިގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލުކުރުމެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސިޔާސީ އޮއިވަރުގައި ޖެހުމުގެ ސަބަބުން، ކޮންމެ ފަސް އަހަރަކުން ރައީސް މަގާމުގެ ހުވާކުރައްވާ ތާރީހު ނޮވެމްބަރު 11 އިގެ ބަދަލުގައި ހަފުތާއެއްހާ ދުވަސް ފަހަތަށް ކައްސާލާފައިވާ ކަމަށެވެ.

"އެކަމަކު، ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު 11. އަޅުގަނޑު އަމިއްލަ އަށް ނިންމާލެވޭ ވަރުގެ ކަމެއް ނޫނޭ އެއީ އެކަމަކު ގާނޫނު އޮތް ގޮތުން. އަދި މި ތިބަ މަޖިލިސް އިއްޒަތްތެރި މެމްބަރުންނަށް ވެސް ނުނިންމެނެއޭ. ރައްޔިތުންގެ ގާތަށް ދާން މި ޖެހެނީ. ރައްޔިތުން ގާތު އަހާލަން އެބަޖެހޭ ފެންނަ ނުފެންނަ ވޯޓަކަށް ޖުމްހޫރީ ދުވަސް، މާނައަކީ މި ދައުރު ނިމޭ ދުވަސް 2028 ގެ ނޮވެމްބަރު 11 އަށް ބަދަލުކުރަން. ހަފުތާއެއް ކުރުވުން. ރައްޔިތުން އެގޮތަށް ރުހެންތޯ އަޅުގަނޑު އަހާލާނަން ރައްޔިތުންގެ ގާތު،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުން އެ ގޮތަށް އެއްބަސްވެއްޖެ ނަމަ ގާނޫނުއަސާސީ އާއި ގާނޫނަށް ގެންނަންޖެހޭ ބަދަލެއް ގެންނަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ނޮވެމްބަރު 11 ވަނަ ދުވަސް ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ 1968 ގައި ފެށި ދެވަނަ ޖުމްހޫރިއްޔަތާ ގުޅުވައިގެންނެވެ. ކޮންމެ ފަސް އަހަރަކުން މި ދުވަހަކީ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ އިތުރުން އާ ރައީސް ހުވާ ކުރައްވައި، ރިޔާސީ ދައުރު ފެށޭ ދުވަހެވެ. އެކަމަކު 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމުން އައި ލަސްވުމާ ހެދި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ފެށުނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ.

އެ ގޮތަށް އަމަލު ކުރަމުން އައިސް މިހާރުގެ ރައީސް މުއިއްޒު ވެސް މަގާމުގެ ހުވާކުރައްވަން ޖެހިވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިގަ އެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުން

ރައްޔިތުންގެ ވޯޓަކުން ނިންމަން ރައީސް މުއިއްޒު ދެން ބޭނުންފުޅުވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ މައްސަލަ އެވެ.

ރައީސް ވިދާޅުވީ، މިހާ އާބާދީ މަދު ގައުމެއްގައި އެންމެ އެދެވޭ ގޮތަކީ އެ ދެ އިންތިހާބު އެކުގައި ބޭއްވުން ކަމަށެވެ. އެ ދެ އިންތިހާބާ ދެމެދު އޮންނަނީ އެންމެ 2-3 މަސް ކަމަށް ވާއިރު ވަކިވަކިން އިންތިހާބު ބޭއްވުމުން ބޮޑު ހަރަދެއް ހިނގާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

"އިލެކްޝަންސް ކޮމިޝަނުން އެކަނިވެސް އެތައް ސަތޭކަ މިލިއަނެއް އެބަ ހަރަދު ކޮށްލަން ޖެހޭ،" ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ

އެކަމަކު، ރައީސް މުއިއްޒު ވިދާޅުވީ، އެކަމުގައި އެ މަނިކުފާނަށް ގޮތެއް ނުނިންމޭނެތީ ދާން ޖެހެނީ ރައްޔިތުން ގާތަށް ކަމަށެވެ.

"ރައްޔިތުން ބޭނުންފުޅު ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބަކާ އެކީގައި، ރައްޔިތުން އެ ގޮތަށް ފެންނަ ނުފެންނަ ވޯޓަކާ އެކީގައި ނިންމަވައިފިއްޔާ އޮންނާނެ ރައްޔިތުންގެ މަޖިލިސް އިންތިހާބު. އެހެންވީމާ އެ ކަމަށް ވެސް އަޅުގަނޑު ވޯޓަކަށް ރައްޔިތުން ގާތު އަހާނަން މަޖިލިސް މެދުވެރިކޮށް،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވައިލުން

ރައީސް މުއިއްޒު މިރޭ ވިދާޅުވިގޮތުގައި އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުމެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ ދިރާސާތައް ކުރަމުން ކަމަށް ވިދާޅުވި އެވެ.

"މާނައަކީ އެއްބުރުން [ރިޔާސީ އިންތިހާބު] ނިމޭނެ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭރުން ހަރަދު ވެސް ކުޑަކުރެވޭނެ އެވެ.

ރައީސް ވިދާޅުވީ، އެފަދަ ބައެއް މުހިންމު ކަންކަން ތައާރަފު ކުރުމަށްޓަކައި ރައްޔިތުންގެ ގާތު އަހައިގެން ނިންމުމަކީ ކުރަން ޖެހޭނެ ކަމެކެވެ.