Roadha Mihaaru

މި "ޕްރިންސް" ގެ ވާހަކަ

ރާއްޖޭގެ މުޅި އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ، މާލީ ޒޯނެއް ގާއިމުކުރަން ކުއްލި ގޮތަކަށް ބޭއްވި ކުލަގަދަ ހަފުލާއާ އެކު މުޅި ގައުމު ސިއްސުވައިލި އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމަށް ވުރެ ބޮޑު މަޝްރޫއެއްގެ އިތުރުން މިހާތަނަށް ރާއްޖޭގެ ތާރީހު ނުދެކޭ ވަރުގެ ބިޔަ މަޝްރޫއަކަށް ވާތީ އެވެ. މުޅި މަޝްރޫއުގެ އަގު 8.8 ބިލިއަން ޑޮލަރަށް އަރަ އެވެ. އެ އިންވެސްޓުމަންޓު ކާމިޔާބު ވެއްޖެ ނަމަ މުޅި ރާއްޖޭގެ އިގުތިސާދަށް އޭގެ ނަފާވެރިކަން ލިބޭނެ ކަން ޔަގީނެވެ. އަބަދު ބުރަ ބޮޑުވެ ހިންދެމި ނުލެވިގެން އުޅޭ ދައުލަތުގެ ބަޖެޓަށް ލުޔެއް ލިބޭނެ އެވެ.

މި "ޕްރިންސް" ގެ ވާހަކަ

ރާއްޖޭގެ މުޅި އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ، މާލީ ޒޯނެއް ގާއިމުކުރަން ކުއްލި ގޮތަކަށް ބޭއްވި ކުލަގަދަ ހަފުލާއާ އެކު މުޅި ގައުމު ސިއްސުވައިލި އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމަށް ވުރެ ބޮޑު މަޝްރޫއެއްގެ އިތުރުން މިހާތަނަށް ރާއްޖޭގެ ތާރީހު ނުދެކޭ ވަރުގެ ބިޔަ މަޝްރޫއަކަށް ވާތީ އެވެ. މުޅި މަޝްރޫއުގެ އަގު 8.8 ބިލިއަން ޑޮލަރަށް އަރަ އެވެ. އެ އިންވެސްޓުމަންޓު ކާމިޔާބު ވެއްޖެ ނަމަ މުޅި ރާއްޖޭގެ އިގުތިސާދަށް އޭގެ ނަފާވެރިކަން ލިބޭނެ ކަން ޔަގީނެވެ. އަބަދު ބުރަ ބޮޑުވެ ހިންދެމި ނުލެވިގެން އުޅޭ ދައުލަތުގެ ބަޖެޓަށް ލުޔެއް ލިބޭނެ އެވެ.

މި މަޝްރޫއުގައި ސަރުކާރާ އެކު އޮތީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއްގެ ކުންފުންޏެއްކަން އެނގުމަކީ ދިވެހިންނަށް ލިބުނު އިތުރު ޔަގީން ކަމެކެވެ. އޭގެ ފަހަތުން، މި މަޝްރޫއުގައި ބައިވެރިވާކަމުގެ ލިޔުންތައް ފުލުފުލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅަށް އަރުވަމުން ގެންދެވީ ވެސް ހަމަ އެފަދަ ހައިސިއްޔަތު ތިއްބެވި ބޭފުޅުންނެވެ. ޔޫއޭއީގެ ހަތް ދާއިރާގެ ތެރެއިން އެއް ދާއިރާގެ ވެރިޔާގެ ނައިބެވެ. ސައުދީ އަރަބިއްޔާގެ ޕްރިންސެއް ވެސް މެ އެވެ. ހަމަ މުއްސަނދި އަރަބި ގައުމުތަކުގެ ޝާހީ އާއިލާގެ ބޭފުޅުން މި ތަސައްވުރުގެ ފަހަތަށް އަރައިވަޑައިގެންނެވި މަންޒަރު ފެނިފައިވާ އުއްމީދު އާ ވި އެވެ.

އެކަމަކު، އޭގެ ތެރެއިން ސައުދީގެ "ޕްރިންސް" އާ ރައީސް މުއިއްޒު ބައްދަލުކުރެއްވި ވަގުތުން ފެށިގެން އެހެން ވާހަކަތަކެއް ސޯޝަލް މީޑިއާ އާއި ރާއްޖޭގެ މެއިންސްޓްރީމް މީޑިއާގައި ވަނީ ދައްކަން ފަށައިފަ އެވެ.

ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އަލްޝަލަން. --ފޮޓޯ: ރައީސް އޮފީސް

ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އަލްޝަލަން. --ފޮޓޯ: ރައީސް އޮފީސް

އެ ހަފުލާ އަށް ފަހު، ވިދިގެން އައި ދުވަހު، އެ މަޝްރޫއުގެ ބައިވެރިން ވަނީ ވަކިވަކިން ރައީސް މުއިއްޒާ ރަސްމީކޮށް، ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ސައުދީ ޕްރިންސް "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން" ވެސް ހިމެނިވަޑައިގެންނެވި އެވެ.

"ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަންގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސައުދީ އަރަބިއްޔާ އިން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ދެ ގައުމުގެ މެދުގައި ފައިދާ ހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެވެ،" އެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމުގައިވެ އެވެ.

މިހާރު ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރައީސް ބައްދަލުކުރެއްވީ ހަގީގަތުގައި ވެސް ސައުދީ ޝާހީ އާއިލާ އާ ގުޅުން ހުރި "ޕްރިންސް" އަކާތޯ ސުވާލު އުފައްދައި އެ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފަ އެވެ.

ފަހަދް ސައުދު އަލްޝަލަންއާ ގުޅޭ މައުލޫމާތެއް ލިބޭތޯ އެންމެ އާދައިގެ ގޫގުލް ސާޗެއް ކޮށްލައިގެން މާ ގިނަ ތަފްސީލެއް ނުފެނެ އެވެ.

ފެންނަނީ އޭނާ އިނގިރޭސި ވިލާތުގައި ރަޖިސްޓްރީ ކޮށްފައިވާ ޕިކްނިކް ވެންޗާސް ނަމަކަށް ކިޔާ ކުންފުންޏަކާ ބެހޭ މައުލޫމާތެވެ. އެކަމަކު އޭނާ 2019 ގައި އުފެއްދި ކުންފުނީގެ ޑިރެކްޓަރުކަމުން 2020 ވަނަ އިސްތިއުފާ ދެއްވާފައިވާ ކަމަށް އިނގިރޭސި ވިލާތުގެ ކުންފުނިތަކުގެ މައުލޫމާތު ހިމަނާ ރަސްމީ ސައިޓުގައި ބުނެފައިވެ އެވެ. އެގްނެސް ކިޔާ ކުންފުންޏެއްގެ ފައުންޑަރުގެ ގޮތުގައި ކްލޭ ސައިޓުގައި އޭނާގެ މައުލޫމާތު އެބަހުއްޓެވެ. އޭގައިވާ ގޮތުން ނަމަ، އޭނާ އަކީ އެންޖެލް އިންވެސްޓަރެއްގެ އިތުރުން އިންވެސްޓްމަންޓު އެޑްވައިޒަރެއް ވެސް މެ އެވެ.

އަލްޝަލަން އާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

އަލްޝަލަން އާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ނަމަވެސް، އެ ސައިޓުގައި ހުރި މައުލޫމާތުތަކުން އެންމެ ބޮޑަށް އަޅައިގަތީ، އޭގައި އިން ޒާތެއްގެ އިންޒާރެކެވެ. ނަން އެއްގޮތަސް، "ޕްރިންސް ފަހަދް އަލް ސައުދު" އާ އޮޅުވައި ނުލުމަށް އެ ސައިޓުގައި ބުނެފައި އޮތް އިބާރާތްކޮޅެވެ.

ސައުދީގެ ޝާހީ "ސައުދު" އާއިލާ އެއް ނޫން

ދިވެހި ސަރުކާރުގެ އެތެރޭގެ އެކި މަސްދަރުތަކުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، "ޕްރިންސް ފަހަދް ސައުދު އަލްޝަލަން" އަކީ ސައުދީގެ ރަސްގެފާނު ސަލްމާން ނިސްބަތްވެޑައިގަންނަވާ "ސައުދު" އާއިލާގެ ސީދާ ބޭފުޅެއް ނޫނެވެ. އަލްޝަލަން އަކީ، އެނގިފައިވާ ގޮތުގައި، ސައުދު އާއިލާގެ އަންހެން ބޭކަނބަލަކަށް ލިބިވަޑައިގެންފައިވާ ދަރިކަލެކެވެ. އަލްޝަލަންގެ މަންމަ ގުޅެނީ ސައުދީގެ ރަސްގެފާނު ސަލްމާންގެ އެއްބަނޑުއެއްބަފާ ބޭބެއެއްގެ އަންހެންދަރިކަނބަލަކާ އެވެ.

އެހެންކަމުން "ޕްރިންސް" ގެ ލަގަބުން މުހާތަބު ކުރިޔަސް، ރަސްކަމަށް އާދެވުމުގެ ފުރުސަތު ނޯންނާނެތީ އަލްޝަލަން އަށް "ހިޒް ރޯޔަލް ހައިނެސް" ނުކިޔޭނެ ކަމަށް އެ މަސްދަރުތަކުން ބުންޏެވެ.

"ހަގީގަތުގައި ޖަހަން ޖެނޭނީ ހިޒް ހައިނެސް. ރޯޔަލް ހައިނެސްގެ ނަމުން މުހާތަބު ކުރެވުނީމާ ގޯސްވީ،" ކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

ރައީސްއާ އަލްޝަލަން ބައްދަލުކުރެއްވި ޚަބަރު، ދެން އެންމެ ގިނަ ބަޔަކު ސުވާލު އުފެއްދީ އާންމު އުސޫލުގެ ދަށުން، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ސޯޝަލް މީޑިޔާގައި ރީޕޯސްޓުކޮށްފައި ނެތުމުންނެވެ. ނަމަވެސް، އަލްޝަލަން ރާއްޖެ އަށް ވަޑައިގަތީ، ރަސްމީ ހައިސިއްޔަތުން ނޫން ކަމަށާއި އެއީ އަމިއްލަ ވިޔަފާރީގެ ތެރެއިން ކުރެއްވި ދަތުރެއް ކަމުން، ސައުދީ އެމްބަސީން އެކަން ނުކުރި ސަބަބުކަމަށް ބުނާ ބުނުމަށް ބާރު ލިބެ އެވެ.

އަލްޝަލަން އަކީ ކޮން ބޭފުޅެއްތޯ ސާފުކޮށްދޭން ސައުދީ އެމްބަސީން ދިވެހި ސަރުކާރުގައި އެދިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އަޑުފެތުރިފައިވިޔަސް، އަދި މިހާތަނަށް އެފަދަ އެދުމެއް ރަސްމީކޮށް އެދިފައިވާ ނުވާ ކަން އެނގިފައިވެ އެވެ.

"އެ ބޭފުޅުން އަމިއްލަ ޕްރޮޖެކްޓެއްގެ ތެރެއިން ރާއްޖެ ވަޑައިގަތީ. މިއީ ސީދާ ސައޫދީ ސަރުކާރާ ގުޅުމެއް ހުރި ޕްރޮޖެކްޓުތަކަކަށް ނުވާތީ ރާއްޖެ އަށް އެރި އޮޅުމަކަށް ސައޫދީ އެމްބަސީން ރަސްމީކޮށް އެއްޗެއް ނުބުނާނެ. ސައޫދީ ސަރުކާރާ ގުޅުން އޮތް ކަމެއް ނަމަ އެމްބަސީން ކޮންމެވެސް އެއްޗެއް ބުނާނެ،" ހާރިޖީ ދާއިރާގެ ތަޖުރިބާރަކު ވިދާޅުވި އެވެ.

އަލްޝަލަން އާ މެދު އުފައްދަމުންދާ ސުވާލުތަކުގެ ތެރެއިން، މިހާރު އެންމެ ބާރަށް އިވެމުންދާ އަޑަކީ، އޭނާ އަކީ ސްކޭމަރެއް ކަމަށެވެ.

ނަމަވެސް، އަލްޝަލަން އަކީ "ސްކޭމަރެކޭ" ބުނާ ބުނުމަށް ބާރު ލިބޭނެ އިތުރު މައުލޫމާތެއް ލިބެން ނެތުމުން ސީދާ އެހެން ބުނަން ދައްޗެވެ. ސަބަބަކީ، ސައުދީގެ ބިޔަ ޝާހީ އާއިލާގައި 4،000 އެއްހާ ޕްރިންސުން އުޅޭތީ އެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުންގެ މައުލޫމާތުތައް އިންޓަނެޓް މެދުވެރިކޮށް ލިބެން ނުހުންނާތީ އެވެ.

އަލްޝަލަންއަކީ ހަގީގަތުގައި ވެސް ސްކޭމަރެއް ނޫނަސް، އެއްބަޔަކު ގަބޫލުކުރާ އެއް ކަމަކީ، ޝައްކުތައް ހުރި ބޭފުޅަކު ގައުމެއްގެ ވެރިއަކާ ބައްދަލުކުރުމުގެ ފުރުސަތު ލިބުމުންނެވެ.

ހާއްސަކޮށް އަމިއްލަ ހައިސިއްޔަތުން ވަޑައިގެން ހުންނެވި، ސައުދީ ސަރުކާރުގެ މަގާމެއްގައި ނެތް ބޭފުޅަކާ، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމާ ގުޅޭގޮތުން ރައީސާ އެކު މަޝްވަރާ ކުރުމުގެ ޖާގަ ލިބުމުންނެވެ.

ދިވެހި ސަރުކާރުން ރަސްމީކޮށް އަދި އެއްޗެއް ނުބުނާތީ ކަން ހިނގި ގޮތުގެ އެއްވެސް މައުލޫމާތެއް އަދިއެއް ނޭނގެ އެވެ.

މިއީ ދިވެހި ހާރިޖިއްޔާގެ ވެސް ވަރަށް ބޮޑު ވެއްޓުމެއް ކަމަށް އެއްބަޔަކު ބުންޏަސް، މިކަން ހިނގާފައިވަނީ އިންވެސްޓަރުންތަކެއް ރާއްޖެ ގެނައުމުގެ ތެރޭގައި، އާންމު ޑިޕްލޮމެޓިކް ޕްރޮޓޮކޯލްތަކުގެ ބޭރުން ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އިސްކޮށް އޮވެގެން ކަން އެނގިފައިވެ އެވެ.

މިކަމުގައި އެއް ބަޔަކު ސަރުކާރަށް މަލާމަތް ކުރަމުންދާއިރު، އަނެއް ބަޔަކަށް މިއީ މުޅި ނިޒާމާ މެދު ސުވާލު އުފެދޭ، އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައަކަށް ވަނީ ވެފަ އެވެ. އަލްޝަލަން އަކީ ސްކޭމަރެއް ނަމަ ރައީސް އާ ހަމައަށް އޭނާއަށް ދެވުމަކީ، ޖޯކަކަށް ހަދައިގެން ދެއްކޭ ވަރަށް ވުރެ، ސީދާ ގައުމީ ސަލާމަތާ ގުޅުން ހުރި ސީރިއަސް މައްސަލައެކެވެ.

ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އަލްޝަލަން. --ފޮޓޯ: ރައީސް އޮފީސް

ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އަލްޝަލަން. --ފޮޓޯ: ރައީސް އޮފީސް

އެހެނަސް، މިއީ ސަރުކާރުން ނުކުމެ މިކަން ސާފުކޮށްދޭން ވަރުގެ ކަމެކެވެ. އާންމު ޕްރޮޓޮކޯލް މިންގަނޑުގެ ބޭރުން، އަތުން ކައްސާލައި ގޯހެއް ހެދިފައި އޮތް ނަމަ ބުނުން އެންމެ ރަނގަޅެވެ.

ސަބަބަކީ، މި ސަރުކާރުގެ އިންގިލާބީ މަޝްރޫއުގެ ސައްހަ ކަމާ މެދު ވެސް ސުވާލު އުފައްދަމުންދާތީ އެވެ. އެއާ އެކީގައި، މި މަޝްރޫއުގައި ސަރުކާރާ ބައިވެރިވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލްއެލްސީ ގެ ރައީސް، ހިޒް ހައިނަސް ނާއިފް ބިން އީދް އަލް ތާނީ އަކީ ވެސް "ސްކޭމަރެއް"ކަމަށް ދޭހަވާ ގޮތަށް ވާހަކަތައް ދެކެވުމުންދާތީ އެވެ.

އަލްޝަލަންގެ އަސްލު ޔަގީން ނުވިޔަސް، އަލް ތާނީ އަކީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަން ޔަގީން ކުރެވޭއިރު، ސަރުކާރުން "ހަނު އޮވެގެން" އެ ބޭފުޅާ އާއި ސަރުކާރުގެ މި ފްރީ މަޝްރޫއު އާ މެދު ސުވާލު އުފެދި ހިޔަނި އެޅުމުގެ އިތުރުން، ރާއްޖެ އާއި ގަތަރާ ދެމެދު އޮތް ގުޅުމަށް ވެސް ގެއްލުންވާނެތީ އެވެ.