Roadha Mihaaru

ރާއްޖޭގެ ތަރައްގީގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ޔޫއޭއީ އިން ދީފި

ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅު ކުރުމުގެ މަސައްކަތުގައި އެހީތެރިވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ޔޫއޭއީގެ އުމް އަލް ގުވައިންގެ ދެވަނަ އަށް އެންމެ އިސްވެރިޔާ ޝައިހު އަބްދުﷲ ބިން ރާޝިދު އަލްމުއައްލާ މިއަދު ވިދާޅުވެެއްޖެ އެވެ.

ރާއްޖޭގެ ތަރައްގީގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން!

ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅު ކުރުމުގެ މަސައްކަތުގައި އެހީތެރިވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ޔޫއޭއީގެ އުމް އަލް ގުވައިންގެ ދެވަނަ އަށް އެންމެ އިސްވެރިޔާ ޝައިހު އަބްދުﷲ ބިން ރާޝިދު އަލްމުއައްލާ މިއަދު ވިދާޅުވެެއްޖެ އެވެ.

އުމް އަލް ގުވައިންގެ ޑެޕިއުޓީ ރޫލާ އެހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޑެޕިއުޓީ ރޫލާ ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގައި އިންވެސްޓު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒަށް ދެއްވާފައި ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ރާއްޖޭގައި ފުޑް ސެކިއުރިޓީ އިތުރު ކުރުމާއި ފޮސިލް ފިއުލް އަށް ބަރޯސާވުން ކުޑަކުރުމާއި ދަނޑުވެރިކަން ކުރިއަރުވައި، ދިގު މުއްދަތުގައި ހަމަޖެހުމާއި ތަރައްގީ ކަށަވަރު ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

"އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެ ދެއްވުމަށް ޝައުގވެރިކަން އެބަހުރިކަން އެމަނިކުފާނު ހާމަކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގާއިމް ކުރުމަށް ވި އެއްބަސްވުމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރާއްޖެ އާއި ގަތަރުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ރޭ ވަނީ ސޮއިކޮށްފަ އެވެ. ހުޅުމާލެ 3 ގައި ގާއިމްކުރާ އެ ޒޯންގެ ބިންގާ ވެސް މިއަދު ވަނީ އަޅައިފަ އެވެ.

އެމްބީއެސް އިންވެސްޓްމަންޓްސްގެ ޗެއާމަން މަރްވާން އަލްހާޖިރީއާ ރައީސް މުއިއްޒު މިއަދު ބައްދަލުކުރައްވަނީ.

އެމްބީއެސް އިންވެސްޓްމަންޓްސްގެ ޗެއާމަން މަރްވާން އަލްހާޖިރީއާ ރައީސް މުއިއްޒު މިއަދު ބައްދަލުކުރައްވަނީ.

އެމްބީއެސް އިންވެސްޓްމަންޓްސްގެ ޗެއާމަން މަރްވާން އަލްހާޖިރީ ވެސް ރައީސް މުއިއްޒުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވި އެވެ. ދެ ފަރާތަށް ފައިދާވާނެ މަޝްރޫއުތައް ކުރިއަށް ގެންގޮސް، ކާމިޔާބުކަމާ އެކު، ލަނޑުދަނޑިތައް ހާސިލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސައޫދީ އަރަބިއްޔާގެ ޕްރިންސް ފަހަދް ސައުދު އަލްޝަލަން އާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ރައީސް ނާޔިފް ބިން އީދް އަލް ސާނީ ވެސް ރައީސް މުއިއްޒު އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތް ކުރެއްވި އެވެ.

ސައޫދީގެ ޕްރިންސް ފަހަދް ސައުދު އަލްޝަލަންއާ ރައީސް މުއިއްޒު މިއަދު ސަލާން ކުރައްވަނީ.

ސައޫދީގެ ޕްރިންސް ފަހަދް ސައުދު އަލްޝަލަންއާ ރައީސް މުއިއްޒު މިއަދު ސަލާން ކުރައްވަނީ.

ޕްރިންސް ފަހަދް ސައުދު އަލްޝަލަންގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީ އަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސައޫދީ އަރަބިއްޔާއިން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ދެއްވައި، ދެ ގައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"އަދި ދިވެހިރާއްޖޭގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަ މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް ތައުރީފު ކުރައްވައި، ދިވެހިރާއްޖެ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން އެ މަނިކުފާނު ފާޅުކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުންޏެވެ.