Roadha Mihaaru
ރާއްޖެ- ގަތަރުން އަލުން ގުޅުން ގާއިމުކުރަން ނިންމައިފި

ތިން އަހަރަށް ފަހު ރާއްޖެ އާއި ގަތަރުން އަލުން ގުޅުން ގާއިމުކުރަން ނިންމައިފި

06 ޖެނުއަރީ 2021

ސައޫދީ އަރަބިއްޔާ އިން ދޫދީ، ގަތަރާ އެކު ގުޅުން ގާއިމު ކުރުމާ އެކު، ރާއްޖޭގެ ނިންމުން ވެސް ބަދަލުކޮށް އަލުން ގަތަރާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރަން ދިވެހި ސަރުކާރުން މިއަދު ނިންމައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ސައޫދީ އަރަބިއްޔާ އިން ދޫދީ، ގަތަރާ އެކު ގުޅުން ގާއިމު ކުރުމާ އެކު، ރާއްޖޭގެ ނިންމުން ވެސް ބަދަލުކޮށް އަލުން ގަތަރާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރަން ދިވެހި ސަރުކާރުން މިއަދު ނިންމައިފި އެވެ.

މިކަން އިއުލާން ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެންމެ ކުރެއްވި ޓުވީޓެެއްގަ އެވެ.

ގަތަރާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ރާއްޖެ އިން ކަނޑައިލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޫން 5، 2017 ގަ އެވެ. އެ ނިންމުން އައީ ވެސް ސައޫދީން ގަތަރާ އެކު ގުޅުން ކަނޑައިލުމުންނެވެ.

ގަތަރާއި އީރާނާ އެކު ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމު ކުރުމަކީ ވެރިކަމަށް ވަޑައިގަންނަވަން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ކެމްޕެއިންގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ރާއްޖެ އިން އީރާނާ އެކު އަދި އަލުން ގުޅުނެއް ގާއިމެއް ނުކުރެ އެވެ.

ގަތަރާ އެކު އަލުން ގުޅުން ގާއިމުކުރަން ރާއްޖެ އިން ނިންމިކަން އިއުލާން ކުރައްވަމުން ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ގަލްފު ސަމިޓަށް ފަހު، ގައުމުތަކުން އެއްބަސްވި އެއްބަސްވުންތަކަށް ރާއްޖެ އިން މަރުހަބާ ކިޔާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ގަތަރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައި، އެ ގައުމާ އެކު އަލުން ގުޅުން ގާއިމުކުރަން ރާއްޖެ އިން ނިންމާފައިވާ ކަމަށެވެ.

ގަތަރާ އެކު ގުޅުން ކަނޑާލީ ޓެރަރިޒަމާ ދެކޮޅު ސިޔާސަތުގެ ދަށުން ކަމަށް ބުނެ

ގަތަރާއެކު، ރާއްޖެ އިން ގާއިމުކޮށްފައިވާ ސިޔާސީ ގުޅުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކަނޑާލީ ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅު ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް ބުނެ އެވެ. ނަމަވެސް އެ ނިންމުން އޭރު އައީ ޔާމީންގެ ސަރުކާރާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފައިވާ ސައޫދީން އިސްވެ، ގަތަރާ ގުޅުން ކަނޑާލުމާ އެކު އެވެ. އެ ލިސްޓުގައި ރާއްޖޭގެ އިތުރުން ޔޫއޭއީ، ބަހްރެއިން، ލީބިއާ އަދި މިސްރު ފަދަ ގައުމުތައް ހިމެނެ އެވެ.

ރާއްޖެ އިން ގަތަރާ އެކު ސިޔާސީ ގުޅުން ކަނޑާލިކަން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ބަންޑާރަ ނައިބު އަނިލް ޖޫން 5، 2017 ގައި ރައީސް އޮފީހުގައި އިއުލާން ކުރައްވާއިރު، އަރިހުގައި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އާސިމް އަދި ރައީސް އޮފީހުގެ އޭރުގެ ތަރުޖަމާން މުއާޒް.---މިހާރު ފައިލް ފޮޓޯ: ހުސެއިން ވަހީދު

ރާއްޖެ އިން ގަތަރާ އެކު ސިޔާސީ ގުޅުން ކަނޑާލިކަން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ބަންޑާރަ ނައިބު އަނިލް ޖޫން 5، 2017 ގައި ރައީސް އޮފީހުގައި އިއުލާން ކުރައްވާއިރު، އަރިހުގައި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އާސިމް އަދި ރައީސް އޮފީހުގެ އޭރުގެ ތަރުޖަމާން މުއާޒް.---މިހާރު ފައިލް ފޮޓޯ: ހުސެއިން ވަހީދު

މެއި 26، 1984 އިން ފެށިގެން ރާއްޖެ އާއި ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލިކަން އިއުލާންކޮށް، ޔާމީންގެ ސަރުކާރުން ނެރުނުނު ކުރު ބަޔާނުގައި ބުނެފައި ވަނީ އެ ގޮތަށް ނިންމީ ޓެރަރިޒަމާއި ހައްދުފަހަނަޅާ ދިއުމާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ. ރާއްޖެ އިން އަބަދުވެސް ގެންގުޅެނީ މެދުއިރުމަތީގައި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ތާއީދުކުރާ ސިޔާސަތެއް ކަމަށާއި ސުލްހަ އަށް މަސައްކަތްކުރާ ގައުމުތަކަށް އެއްބާރުލުން ދީ ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ.

ގަތަރާ އެކު އަލުން ގުޅުން ގާއިމުރީ ގަލްފު ސަމިޓަށް ފަހު

ގަތަރާ އެކު އަލުން ގުޅުން ގާއިމުކުރަން ގައުމުތަކުން ނިންމީ މިދިޔަ އަންގާރަ ދުވަހު ސައުދީގައި ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ސަމިޓަށް ފަހު އެވެ. ހަ ގައުމު ހިމެނޭ ޖީސީސީގެ ސަމިޓަށް ފަހު ސައުދީގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެންމެ މުހިންމު ކަމަކަށް ނިންމީ ގަތަރާ އެކު ފުރިހަމަ ސިޔާސީ ގުޅުން އަލުން ގާއިމްކުރުން ކަމަށެވެ. ގަތަރާ އެކު އަލުން ގުޅުން ގާއިމުކުރި ގައުމުތަކުގެ ތެރޭގައި ސައޫދީގެ އިތުރުން މިސްރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަހުރޭން ހިމެނެ އެވެ.

އެ ގައުމުތަކުން އެއްބަސްވެ، ގަތަރާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، ވަކި ކަންތައްތަކެއް ކުރުމަށް ގަތަރަށް ފިއްތުންތަކެއް ކުރިމަތި ކުރިޔަސް އެ ގައުމުން އެ ކަންކަމަކަށް ތަބައެއް ނުވި އެވެ. ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ސައޫދީން އިސްވެ ކުރާ ތުހުމަތުތަކަށް ވެސް ގަތަރުން ވަނީ ދެކޮޅު ހަދައިފަ އެވެ.

ގަތަރާ އެކު، ގުޅުން ގާއިމުކޮށް، ސައުދީން އެންމެ ފަހުން ވަނީ އެއްގަމާއި ކަނޑު އަދި ވައިގެ ބޯޑަރު ގަތަރަށް ހުޅުވާލުމަށް އެއްބަސްވެފަ އެވެ.