Roadha Mihaaru
ގަތަރަށް ވުރެ މިއަންމާގެ ގުޅުން މުހިންމު؟

ގަތަރަށް ވުރެ މިއަންމާގެ ގުޅުން މުހިންމު؟

07 ސެޕްޓެމްބަރ 2017

މިއަންމާގައި މުސްލިމުންނަށް ދޭ އަނިޔާތައް ހައްދުފަހަނަޅައި ދިއުމުން ރާއްޖެއިން އެޅި ފިޔަވަޅަކީ އެ ގައުމާ އެކު ކުރާ ވިޔަފާރީގެ ގުޅުން ކަނޑާލުމެވެ. އެއީ އިޒުރޭލާ މެދު ކުރީގެ ސަރުކާރުން އެޅި ފަދަ ފިޔަވަޅެކެވެ. ނަމަވެސް މިއަންމާ އާއި އިޒުރޭލާ އެކު ރާއްޖެއިން ވިޔަފާރީގެ މާ ބޮޑު ގުޅުމެއް ނުބާއްވަ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިއަންމާގައި މުސްލިމުންނަށް ދޭ އަނިޔާތައް ހައްދުފަހަނަޅައި ދިއުމުން ރާއްޖެއިން އެޅި ފިޔަވަޅަކީ އެ ގައުމާ އެކު ކުރާ ވިޔަފާރީގެ ގުޅުން ކަނޑާލުމެވެ. އެއީ އިޒުރޭލާ މެދު ކުރީގެ ސަރުކާރުން އެޅި ފަދަ ފިޔަވަޅެކެވެ. ނަމަވެސް މިއަންމާ އާއި އިޒުރޭލާ އެކު ރާއްޖެއިން ވިޔަފާރީގެ މާ ބޮޑު ގުޅުމެއް ނުބާއްވަ އެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖެ އާއި މިއަންމާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލީ، މުސްލިމުންނާ ދެކޮޅު ހަރަކާތްތައް ހުއްޓުވަން އެ ގައުމުގެ ސަރުކާރުން ފިޔަވަޅު އެޅުމާ ހަމައަށެވެ. އެހެންކަމުން އެއީ އެ ގައުމަށް ޕްރެޝަރުކުރަން ނިންމި ނިންމުމެއްކަން ސާފެވެ. ނަމަވެސް ސުވާލަކީ މި ފިޔަވަޅުން ނަތީޖާއެއް ނުކުންނާނެތޯ އެވެ؟

ވިޔަފާރީގެ ކުޑަ ގުޅުންތަކެއް

މިއަންމާއަކީ ބޮޑަށް ދަނޑުވެރިކަމުގެ މައްޗަށް އިގްތިސާދު ބިނާވެފައިވާ ގައުމެކެވެ. ކުރިން މިއަންމާ އިން ރާއްޖެ އަށް ހަނޑޫ ފަދަ ކާޑުގެ ބާވަތްތައް އެތެރެކުރި އެވެ. ނަމަވެސް މިހާރު އެ ބާވަތްތައް ގެންނަނީ އިންޑިއާ އާއި ތައިލެންޑުންނެވެ. މިއަންމާ އިން މިހާރު ރާއްޖެ އެތެރެކުރަނީ މަހުގެ ބައެއް ބާވަތްތަކާއި ފިނިކުރި މޭވާ ފަދަ އެއްޗިއްސެވެ.

މިދިޔަ އަހަރަށް ބަލާއިރު މިއަންމާއާ އެކު ރާއްޖެ އިން ކޮށްފައިވަނީ އާދައިގެ ވިޔަފާރިއެކެވެ. އެހެންކަމުން ރާއްޖެ އިން އެ ގައުމާ ދެތިން މިލިއަން ރުފިޔާއެއްގެ ވިޔަފާރީގެ ގުޅުން ކަނޑާލުމަކީ، އެއް ބަޔަކު ދެކޭ ގޮތުގައި، މާ ބޮޑު ފިޔަވަޅެއް ނޫނެވެ. ސިޔާސީ ގުޅުން އަދިވެސް ދަމަހައްޓަ އެވެ.

އެކަމަކު މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު އެ ގައުމުގެ ސިފައިންނާއި ހާމުދުރުންގެ އަނިޔާ ބޮޑުވެގެން ސިޔާސީ ގުޅުން ކަނޑާނުލި އިރު، ރާއްޖެއާ އެކު ކުރިންސުރެ ގާތް ގުޅުމެއް އޮތް މުސްލިމް ދެ ގައުމު ކަމަށްވާ ގަތަރާއި އީރާނާ ސިޔާސީ ގުޅުން ކުއްލިއަކަށް ކަނޑާލުމުން، ސަރުކާރުގެ ސިޔާސަތާ މެދު އެތައް ބަޔަކު ސުވާލު އުފައްދަ އެވެ. އޭގެ ތެރެއިން އެއް ސުވާލަކީ ރާއްޖެ އަށް ބޮޑެތި އެހީތަކެއް ދެމުން އައި ގަތަރުގެ ގުޅުމަށް ވުރެ މިއަންމާއާ އެކު އޮތް ސިޔާސީ ގުޅުން މުހިންމު ވަނީ ކީއްވެގެންތޯ އެވެ؟

ގަތަރާ އެކު ސިޔާސީ ގުޅުން ކަނޑާލީ ޓެރަރިޒަމަށް ވާގިވެރިވާ ކަމުގެ ތުހުމަތު އެ ގައުމަށް، ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ބައެއް ގައުމުތަކުން ކޮށް، ގަތަރު އެކަހެރިކޮށްލުމާ އެކު އެވެ.

މިދިޔަ އަހަރު އީރާނާ ގުޅުން ކަނޑާލީ ގަލްފު ސަރަހައްދުގެ ހަމަޖެހުމާއި ސުލްހައަކީ ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާ ވެސް ގުޅިފައިވާ ކަމެއްކަމަށް ބުނެ އެވެ. އެފަހަރު ވެސް ދިވެހި ސަރުކާރުން ހިނގީ ސައުދީން ދެއްކި މަގުންނެވެ.

މަތީ ތައުލީމު ހޯދާށާއި އެކި ވަޒީފާތަކަށް ވެސް ގަތަރަށް ދިވެހިންނަށް ދެ އެވެ. ލ. ގަމުގައި އަޅާފައިވާ ހަމަދު ބިން ހަލީފާ އައްސާނީ ސުކޫލާއި ހުޅުމާލޭގެ ބޮޑު މިސްކިތާއި ހުޅުމާލޭގައި އަޅަން ޕްލޭންކުރި ސުޓޭޑިއަމް ފަދަ މަޝްރޫއުތަކަކީ ގަތަރުން ރާއްޖެއަށް ދިން އަދި ދޭން ނިންމާފައި ހުރި އެހީތަކެވެ.

މިއަންމާއިން ރޮހިންޖާ މުސްލިމުންނަށް އެތައް އަނިޔާއެއް ދޭކަށް އެއީ ތުހުމަތެއް ނޫނެވެ. ދުނިޔޭގެ މީޑިއާތަކާއި ބޮޑެތި ގައުމުތަކުގެ އިތުރުން ބައިނަލްއަގުވާމި އެތައް ޖަމިއްޔާއަކުން ކަށަވަރުކޮށްދޭ އަމަލްތަކެވެ. ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލީ ސައުދީން އިސްކޮށް އޮވެ ކުރާ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވާ އިރު މިއަންމާއާ ދެކޮޅަށް އެ ފިޔަވަޅު ނޭޅީ ކީއްވެގެންތޯ ކުރެވޭ ސުވާލު ކުޑައެއް ނޫނެވެ.

ސައުދީ އުފާކޮށްދިނުން؟

އީރާނާއި ގަތަރާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލީ ހަމައެކަނި ސައުދީ އަރަބިއްޔާ އުފާކޮށްދޭން ކަމަށް، ހާރިޖީ ދާއިރާގެ މައުލޫމާތު ހުރި ބައެއް މީހުންނާއި ސިޔާސީ ފަރާތްތަކުން އޭރު ވެސް އަދި މިހާރު ވެސް ބުނެ އެވެ.

"ޝައްކެއް ނެތް ސައުދީގެ އެންގުމެއްކަން އެއީ. އީރާނާއި ގަތަރާ މައްސަލަ ޖެހުނީ ސައުދީއާ. ރާއްޖެއާ އެއްވެސް ގުޅުމެއް އޮތް މައްސަލައެއް ނޫން. އެހެންވީމަ އެމައްސަލާގައި ރާއްޖެއިން ގުޅުން ކަނޑާލީ ސައުދީގެ އެންގުމަށްކަން ޔަގީން،" ހާރިޖީ ދާއިރާގެ ތަޖުރިބާކާރަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، ވިދާޅުވި އެވެ.

ރާއްޖޭގެ ކުރީގެ ރައީސް އަދި ގިނަ ގައުމުތަކަކާ އެކު ސިޔާސީ ގުޅުން ގާއިމްކުރެއްވި މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވާ ގޮތުގައި ވަކި ބައެއްގެ އެންގުމަށް ރާއްޖެ އިން ސިޔާސީ ގުޅުން ކަނޑާލުމަކީ މިނިވަންކަމަށް ބުރޫއަރާނެ އަމަލެކެވެ.

"ވަކި ފަރާތަކުން ބުނެގެން ނުވަތަ ވަކި ފަރާތަކަށް ލެނބުމުގެ ގޮތުން އެ ގުޅުން ކަނޑާލުމަކީ ދިވެހި ރާއްޖޭގެ ސައްތައިން ސައްތަ މުސްލިމްވަންތަކަމަށް އަޅުގަނޑު ދެކޭ ގޮތުގައި ބުރޫއަރާފާނެ ކަމެއް. އެހެން ގައުމުތަކުން އެހެން ދެކޭނެ،" ރާއްޖެ އިން ގަތަރާ ގުޅުން ކަނޑާލީ ސައޫދީ އަރަބިއްޔާގެ ނުފޫޒުން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މައުމޫން ވިދާޅުވެފައިވެ އެވެ.

އޮންނަންވީ ހަމަހަމަ ގުޅުމެއް

ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ އިދާރާއެއްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖެއަށް ނުފޫޒް ފޯރުވަން އެހެން ގައުމުތަކުން ކުރާ މަސައްކަތް ހުއްޓުވަން އަޅަން ޖެހޭ އެންމެ ބޮޑު ފިޔަވަޅަކީ ގައުމުތަކުގެ މެދުގައި ހަމަހަމަކަން ގެންގުޅުމެވެ. އެއީ ނުފޫޒުން އެއްކިބާވެވޭނެ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގައި މުހިންމީ ޕޮރިން ޕޮލިސީގެ ތެރެއިން ބެލެންސް ގެންގުޅުން. ހުރިހާ ގައުމަކަށް ވެސް ފުރުސަތުތައް ހަމަހަމަކޮށް ދިނުން. އޭރުން ހުރިހާ ގައުމަކަށް ވެސް ރާއްޖެ އެބަ މުހިންމުވޭ،" އޭނާ ވިދާޅުވި އެވެ.

މިއަންމާ އާއި ރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ނިމުމަކަށް ގެނައުމަކުން މިއަންމާއަށް ވާނެ ގެއްލުމެއް އަދި ދެވޭނެ ޕްރެޝަރެއް ވެސް ނުފެނެ އެވެ. ނަމަވެސް ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލުމާ އެކު ރާއްޖެއަށް ވާނެ ގެއްލުންތައް އެބަ ހުއްޓެވެ. ރާއްޖެ އަށް މުހިންމު އަދި އެތައް އެހީއެއް ވެސް ދޭ މުސްލިމް ގައުމަކާ ސިޔާސީ ގުޅުން ކަނޑާފައި މުސްލިމުންނަށް އަނިޔާވެރި ގައުމަކާ ދެކޮޅަށް އެކަހަލަ ފިޔަވަޅެއް ނޭޅުމުން، ސަރުކާރުގެ ހާރިޖީ ސިޔާސަތާ މެދު ފާޑުކިއުން، އަނެއްކާވެސް، މިވަނީ ބޮޑުވެފަ އެވެ.