Roadha Mihaaru
ގަތަރާ ގުޅުން ކަނޑާލީ ވަކި ގައުމެއްގެ ނުފޫޒަކުން ނޫން

ގަތަރާ ގުޅުން ކަނޑާލީ ވަކި ގައުމެއްގެ ނުފޫޒަކުން ނޫން: ސަރުކާރު

05 ޖޫން 2017

ގަތަރާ އެކު އޮންނަ ސިޔާސީ ގުޅުން ދިވެހިރާއްޖެ އިން ކަނޑާލީ ވަކި ގައުމެއްގެ ނުފޫޒާ ހެދި ނޫން ކަމަށާއި އެ ނިންމުމުން ދިވެހި ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ދިވެހި ސަރުކާރުން މިރޭ ބުނެފި އެވެ.

ގަތަރާ އެކު އޮންނަ ސިޔާސީ ގުޅުން ދިވެހިރާއްޖެ އިން ކަނޑާލީ ވަކި ގައުމެއްގެ ނުފޫޒާ ހެދި ނޫން ކަމަށާއި އެ ނިންމުމުން ދިވެހި ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ދިވެހި ސަރުކާރުން މިރޭ ބުނެފި އެވެ.

މެއި 26، 1984 ގައި ގަތަރާ އެކު ގާއިމުކުރި ސިޔާސީ ގުޅުން ކުއްލިގޮތަކަށް މިއަދުން ފެށިގެން ކަނޑާލަން ނިންމީ ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި، ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވާ ސައޫދީ އަަރަބިއްޔާގެ ނުފޫޒުންނެވެ. ގަލްފް ސަރަހައްދުގައި އުފެދިފައިވާ ދެބަސްވުންތަކަށް ފަހު ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރެއިން، ލީބިއާ އަދި މިސްރުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލައިފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ސައޫދީގެ ނުފޫޒާ ގުޅޭގޮތުން ސުވާލުކުރުމުން އެޓާނީ ޖެނެރަލް އަނިލް ވިދާޅުވީ ރާއްޖެ އިން ނިންމާ ކޮންމެ ނިންމުމަކީ، މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ދިވެހިވަންތަކަމާ އެކު ނިންމާ ނިންމުންތަކެއް ކަމަށެވެ. އޭގެ އެއްވެސް ގައުމެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ހާރިޖީ ސިޔާސަތާ އެކީގައި އަޅުގަނޑުމެން ގެންގުޅޭ ގައުމީ ސިޔާސަތުތަކަށް ރާއްޖެ އިން އިސްކަންދޭ. ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް މިހާރު ކަނޑައެޅިގެން ދޭ އެއްސިޔާސަތު އެއީ ޓެރަރިޒަމާއި ހައްދުފަހަނާޅައި ދިއުމަށް ޒީރޯ ޓޮލަރެންސް ދިނުން. މި ސިޔާސަތުގެ ދަށުން އަޅުގަނޑުމެން ނިންމި ނިންމުމެއް މިއަދުގެ ނިންމުމަކީ،" އަނިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓެރަރިޒަމާއި ހައްދުފަހަނާޅައިދިއުމަށް ވާގިވެރިވާ މީހުންނާ އެކު ވެސް ގުޅުން ބޭއްވުމަކީ ދިވެހި ސަރުކާރުން ތާއީދުކުރާ ކަމެއް ނޫނެވެ. ކެބިނެޓުން މި ނިންމުމަކީ ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އަދި ދިވެހިރާއްޖެ އަށް ލިބިދާނެ އެކިއެކި ފައިދާތަކާއި ގެއްލުންތަކާއި އެ ނޫން ވެސް އެހެނިހެން ކަންކަމަށް ވިސްނުމަށް ފަހު މި ނިންމުން ނިންމީ،" އަނިލް ވިދާޅުވި އެވެ.

ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ވެސް، އަނިލް ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރުމަތްތެރިކޮށް ހިތައި އަޅާ ފިޔަވަޅުތަކެކެވެ. މިފަދަ ކޮންމެ ނިންމުމެއްގެ ވެސް އެންމެ މަތީ މަސްލަހަތަކީ ދިވެހި ގައުމާއި ރައްޔިތުން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ މި ނިންމުމާ ގުޅިގެން އިތުރަށް ގައުމުތަކާ އެކު މަޝްވަރާކުރާނެ ކަން ފާހަގަކުރައްވަމުން އަނިލް ވިދާޅުވީ ރާއްޖޭގެ ކުރިއެރުމާއި ރައްޔިތުންނަށް ހޯދަން ޖެހޭ އެކި އެހީތައް ހޯދުމުގައި ސަރުކާރުން އިތުރަށް މަސައްކަތް ކުރާނެ ކަމަށެވެ.

ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ އެހެން ގައުމުތަކުގެ ނިންމުމާ އެއްގޮތަށް ރާއްޖެ އިން ގަތަރާއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް ވިޔަފާރީގެ ގުޅުން ދެމިއޮންނާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެ ގުޅުންތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނިއުސް ބްރީފިންގައި ޚާރިޖީ ވަޒީރު އާސިމް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރައީސް އޮފީހުގައި މިރޭ ބޭއްވި ނިއުސް ބްރީފިންގައި ޚާރިޖީ ވަޒީރު އާސިމް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ގައުމުތަކާ އެކު ޒަމާންވީ ގުޅުންތައް ކަނޑާލަމުން ދަނީ ހާރިޖީ ސިޔާސަތަށް ބަދަލު ގެނެސްގެންތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން އާސިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ހާރިޖީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށެވެ. ރާއްޖެއަކީ އަބަދުވެސް ދޭދޭ ގައުމުތަކާ އެކު ގުޅުން ބަދަހިކުރާ، ހާއްސަކޮށް އަރަބި އިސްލާމީ ގައުމުތަކާ އެކު އޮންނަ ގުޅުން ދަމަހައްޓާ ބައެއް ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޚާރިޖީ ވަޒީރު އާސިމް، ނޫސްވެރިންގެ ސުވާލުތައް އަޑުއައްސަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރައީސް އޮފީހުގައި މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޚާރިޖީ ވަޒީރު އާސިމް، ނޫސްވެރިންގެ ސުވާލުތައް އަޑުއައްސަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"އެ ގުޅުންތައް އަދިވެސް އިތުރަށް ވަރުގަދަކުރަމުން އަޅުގަނޑުމެން ގެންދާނީ،" އާސިމް ވިދާޅުވި އެވެ.

މެދުއިރުމަތީގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ ކަމަށް ބުނެ ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން ބުނަނީ ގަތަރުން ދަނީ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވަމުން ކަމަށެވެ. އޭގެ ތެރޭގައި މުސްލިމް ބްރަދަހުޑާއި އީރާނަށް އެހީވުން ވެސް ހިމެނޭ ކަމަށް އެ ގައުމުތަކުން ތުހުމަތުކުރެ އެވެ.

މިގޮތަށް ތުހުމަތުކޮށްފައި ވަނީ ގަތަރުގެ ސަރުކާރުގެ ބްރޯޑްކާސްޓިން ކުންފުނީގެ ވެބްސައިޓުގައި، އީރާނަކީ ސަރަހައްދުގެ ހަމަޖެހުމަށް މަސައްކަތްކުރާ ގައުމެއް ކަމަށާއި ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ނޫން ކަމަށް ގަތަރުގެ ވެރިޔާ ޝައިޚް ތަމީމް ބިން ހަމަދާ ހަވާލާދީ ޖެހި ބަޔާނަކަށް ފަހުގަ އެވެ. ނަމަވެސް ގަތަރުން ބުނެފައި ވަނީ އެއީ ބައެއްގެ ބޮޑު ރޭވުމެއްގެ ތެރެއިން، ވެބްސައިޓް ހެކްކޮށްގެން ބަޔަކު އާންމުކޮށްފައިވާ ބަޔާނެއް ކަމަށެވެ.