Roadha Mihaaru
"ހާލަތާ މެދު ކަންބޮޑުވޭ، ތަރައްގީ އަށް އެހީވާނަން"

ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވޭ، ތަރައްގީއަށް އެހީތެރިވާނަން: ސައޫދީ/ޔޫއޭއީ

16 ފެބުރުއަރީ 2018

ރާއްޖޭގެ އަމާންކަމާއި ހަމަޖެހުމަށް ލޮޅުން އަރާ ކޮންމެ ކަމަކާ މެދު ކަންބޮޑުވާ ކަމަށާއި ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވުމުގައި ދެމިތިބޭނެ ކަމަށް ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީ އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ އަމާންކަމާއި ހަމަޖެހުމަށް ލޮޅުން އަރާ ކޮންމެ ކަމަކާ މެދު ކަންބޮޑުވާ ކަމަށާއި ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވުމުގައި ދެމިތިބޭނެ ކަމަށް ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީ އިން މިއަދު ބުނެފި އެވެ.

ސައޫދީ ފަންޑް ފޯ ޑިވެލޮޕްމެންޓުން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމާއި ޔޫއޭއީ އިން އަންނަނީ ރާއްޖޭގައި ހިނގާ ކަންކަން ވަރަށް ގާތުން ބަލަމުން ކަމަށެވެ. ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ މެދު ކަންބޮޑުވިއަސް އެއީ، ދާޚިލީ ކަންތައްތަކެއް ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ބަދަލުގައި، އެ ދެ ގައުމުން ބާރުއަޅަނީ ބޭރުގެ ފަރާތްތަކުން ވެސް ތަދައްޚުލު ވުމެއް ނެތި ކަމާބެހޭ ފަރާތްތަކުން ވާހަކަ ދައްކައިގެން ރާއްޖޭގެ ދުސްތޫރީ އޮނިގަނޑުގެ ތެރެއިން ހައްލެއް ހޯދުން ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެ ވާހަކަތަކުން މައްސަލަތަކަށް ސުލްހަވެރި ހައްލެއް ލިބޭނެ ކަމަށް ދެ ގައުމުން އުއްމީދުކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"މައްސަލަ ހައްލުކުރަން ދުސްތޫރީ އޮނިގަނޑުގެ ތެރެއިން އަޅާ ކޮންމެ ފިޔަވަޅަކަށް ދެ ސަރުކާރުން ތާއީދުކުރާނަން،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ސައޫދީ އާއި ޔޫއޭއީން ދޭ އެއްބާރުލުމުގެ ތެރެއިން ސައޫދީ ފަންޑާއި އަބޫދާބީ ފަންޑުން ރާއްޖޭގެ އެއާޕޯޓް ތަރައްގީކުރުމަށާއި މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން އެހީތެރިވާނެ ކަމަށެވެ. ދެ ފަންޑުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އަގު 160 މިލިއަން ޑޮލަރަށް އަރާ ކަަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީން ބަޔާނެއް ނެރެފައި މިވަނީ، ރާއްޖޭގެ ހާލަތު އޮޅުންފިލުވައިދޭން ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ސައޫދީ އަށް ވަޑައިގެން އެ ގައުމުގެ ސަރުކާރާ އެކު މަޝްވަރާ ކުރައްވާފައި ވަނިކޮށެވެ.

ދެ ގައުމުން މިރޭ ނެރުނު ބަޔާނުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދީފައިވާތީ މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ރާއްޖެއާ ގުޅޭގޮތުން ސައޫދީ އާއި ޔޫއޭއީން ނެރުނު ބަޔާނާ ގުޅިގެން ޝައިނީގެ ޓުވީޓް.

ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު އަމުރާ ގުޅިގެން ރާއްޖޭގެ މަސްރަހު ހަލަބޮލިވެފައިވާ މައްސަލާގައި ގައުމުތަކުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އޭގެތެރޭގައި އިންޑިއާ އާއި ސްރީ ލަންކާ އާއި އެމެރިކާ އާއި އިނގިރޭސިވިލާތާއި ޖަރުމަން ފަދަ ގައުމުތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތައް ވެސް ހިމެނެ އެވެ.

މި ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި ބޭފުޅުން ހައްޔަރުކުރި ފަހުން، ސުޕްރީމް ކޯޓުން މި މަހު 1 ގައި ނެރުނު އަމުރު ވަނީ ބާތިލްކޮށްފަ އެވެ.

މިއީ، ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ބުނެ، އިދިކޮޅު ފަރާތްތާއި ބައެއް ގައުމުތަކުން ދަނީ ސަރުކާރަށް ޕްރެޝަރުކުރަމުންނެވެ.