ރާއްޖެ ޑިޖިޓަލްކުރުމަށް ސަރުކާރުން ހިންގާ "ދިވެހިރާއްޖެ 2.0" މަޝްރޫއުގެ ސަބަބުން ހިދުމަތްތައް ހޯދުމުގައި ކޮރަޕްޝަނާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު މަދުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
08 މެއި 2025
ރާއްޖެ ޑިޖިޓަލްކުރުމަށް ސަރުކާރުން ހިންގާ "ދިވެހިރާއްޖެ 2.0" މަޝްރޫއުގެ ސަބަބުން ހިދުމަތްތައް ހޯދުމުގައި ކޮރަޕްޝަނާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު މަދުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ނަމުގައި ރައީސް އޮފީހުން ގެންދާ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ސަރުކާރުން ދޭ ހިދުމަތްތައް ރަނގަޅުކުރަން ވީހާ ވެސް ބޮޑަށް ޑިޖިޓަލައިޒް ކުރާނެ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން "މޯލްޑިވްސް 2.0" ގެ ނަމުގައި މާދަމާ ރޭ ކޮންފަރެންސެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ޑިޖިޓަލައިޒްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮރަޕްޝަން ނައްތާލުމެވެ. އަދި ޑިޖިޓަލައިޒް ކުރުމުން ހިދުމަތްތައް ދިނުމުގައި ނާޖާއިޒް ފައިދާ ހޯދުމާއި، ނުފޫޒުތައް ފޯރުވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ވަރަށް ގިނަ މީހުން، އެ މީހުންގެ މަގާމުގެ ނުފޫޒުގެ ނާޖާއިޒު ގޮތުގައި މި ހިފަނީ އެ މީހާ އަމިއްލައަށް ހިދުމަތްތައް ދިނުމުގެ ބޭނުމުގައި ކަންތައްތަކެއް ކުރުމަށް ފުރުސަތުތަކެއް އޮވެގެން. އޭގެ ބަދަލުގައި، އޮޓޯ ނިޒާމެއްގެ ތެރެއިން ޑިޖިޓަލައިޒް ކުރެވިގެން ކުރިއަށްދާ ކަމުގައި ވަންޏާ ވަރަށް މަދުވާނެ މީހަކަށް އޭގެ ތެރެއަށް ނުފޫޒު ފޯރުވަން ފުރުސަތު އޮންނަވަރު. އޭގެ އިތުރުން އޭގެ ދެފުށް ފެންނަ ވަރު ބޮޑުވޭ. އެހެންވީމަ، ވަރަށް ބޮޑުތަނުން ކޮރަޕްޝަން ނައްތާލެވޭ." ރައީސް ވިދާޅުވި އެވެ.
ޑިޖިލައިޒް ކުރުމަށް އެހީ ހޯދުމަށް ރައީސް ވަނީ މި އަހަރުގެ ކުރީކޮޅު އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެއީ، ޓެކްނޮލޮޖީގެ އެހީގައި އެންމެ ރަނގަޅަށް ހިދުމަތްތައް ދޭ އެއް ގައުމެވެ.
ރައީސް ވިދާޅުވީ އެސްޓޯނިއާގައި ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ވެސް ހުރިހާ ދާއިރާތަކެއް ޑިޖިޓަލައިޒް ކުރަނީ އެ ގައުމުގެ އެހީއާއެކު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންނާއެކު" ނަމުގައި ކުރިއަށްގެންދާ ޕޮޑްކާސްޓުގައި ރައީސް ޑރ. މުއިއްޒު އަދި ޕްރޮގްރާމް ހޮސްޓު ކުރައްވާ ޝަކީބު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އޭގެ ތެރޭގައި ތައުލީމާއި ސިއްހީ ދާއިރާ އާއި ޖުޑީޝަރީ އާއި ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތައް އަދި އުރީދޫ އާއި ދިރާގު ފަދަ ކުންފުނިތަކުގެ ހިދުމަތްތައް ވެސް ޑިޖިޓަލް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަށް ހާއްސަ ގާނޫނެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަންގައި އައިޑީކާޑު ވެސް، ޑިޖިޓަލް ކާޑަކަށް ބަދަލުވާނެ ކަމަށެވެ. އޭރުން، ހިދުމަތްތައް ހޯދަން ވަރަށް ފަސޭހަވާނެ ކަމަށް، އެސްޓޯނިއާއިން މިސާލު ނަންގަވައި އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުން ރާއްޖޭގައި ޑިޖިޓަލް ނިޒާމު އެއްކޮށް ބަދަލުވާން. މިހާރު އެބަހުރި ވަކިވަކި އެއްޗެހި. މިސާލަކަށް ވަން.ގަވް ކިޔާ އެއްޗެއް އެބަ އިނދޭ. ޓްރޭޑްނެޓުން ގެންގުޅޭ ކަންނޭނގެ އެހެން ނިޒާމެއް. އެހެން ވެސް މި ކަހަލަ އެއްޗެހިތަކެއް އެބަހުރި. ޖެމްސް ނިޒާމު ވެސް އެބައޮތް. މި ހުރިހާ އެއްޗެއް ގުޅިލާމެހި ގޮތަށް،" ރައީސް ވިދާޅުވި އެވެ.
"މިއިން ހާސިލްވަނީ ކޮރަޕްޝަން މަދުކުރެވޭ، ސަރުކާރުގެ ހިންގުން ގަވަނެންސް އަވަސް ކުރެވޭ، ވަރަށް ބޮޑު ތަނުން ރައްޔިތުންނަށް ފަސޭހަވޭ އަދި މައުލޫމާތު، މީޑިއާއިން މައުލޫމާތު ހޯދުމުގައި ވެސް ވަރަށް ފަސޭހަ ނިޒާމަކަށް މި ނިޒާމުވޭ. މުޅި ދުނިޔޭގައި ޕްރެސް ފްރީޑަމްގައި ދުނިޔޭގައި ދެވަނައިގައި އޮތީ އެސްޓޯނިއާ. ކަމެއްވީމަތާ ޑިޖިޓަލައިޒޭޝަނާ ގުޅިފައި އޮތް ކަމެއް މިއީ. އެހެންވެ، އަޅުގަނޑު ބޭނުން ކުރު ރާސްތާގައި އެ ހިސާބަށް ރާއްޖެ ގެންދަން." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލައިޒް ކުރުމުގައި މަސައްކަތް ކުރަނީ އެސްޓޯނިއާއިން 25 އަހަރުގެ ތެރޭގައި ހާސިލްކުރި ކަންތައް ރާއްޖެއިން އެންމެ ހަތަރު އަހަރުގެ ތެރޭގައި ހާސިލް ކުރުމަށް އަމާޒުކޮށްގެން ކަމަށެވެ.
ރައީސް މުއިއްޒަށް އެސްޓޯނިއާއިން ހޫނު މަރުހަބާއެއް
ރިފަރެންޑަމް ބިލް ރައީސް ތަސްދީގު ކުރައްވައިފި
އެޗްއާރުސީއެމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ކޯޓުން އަމުރުނުކުރާތީ ޖުވެނައިލް ހާފްވޭ ހައުސް ހުހަށް
ފަލަސްތީނާ ގުޅޭ ގަރާރު ބަލައިގަތުމުން ރައީސްގެ މަރުހަބާ
ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު
ގިނަ ދުވަހު ހިދުމަތްކުރެއްވި 94 ބޭފުޅަކަށް އިނާމު
ޓާމިނަލަށް ފައިސާ ހަމަޖައްސައިދިން ފަރާތްތަކަށް ޝުކުރު
"ސަލާމަތަށް ކޮންމެ އިންޗިއެއް ބަލަހައްޓާނީ ދިވެހިން"
ފަރުވާއަށް ދާ މީހުންނަށް ދޭ ޑޮލަރު އިތުރުކޮށްދެނީ