Roadha Mihaaru

ވާނުވާ ބަންދުގައި ތިބި މީހުން މޮނީޓާކުރެވޭނެ ގޮތަށް ދޫކޮށްދޭން ރައީސްގެ އަރިހުގައި އެދިއްޖެ

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން މޮނީޓާކުރެވޭނެ އިންތިޒާމެއްގެ ދަށުން ޖަލުން ދޫކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުން މިއަދު އެދިއްޖެ އެވެ.

ވާނުވާ ބަންދު: މޮނީޓާކުރެވޭ ގޮތަށް ދޫކޮށްދޭން އެދިއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

07 މެއި 2025

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން މޮނީޓާކުރެވޭނެ އިންތިޒާމެއްގެ ދަށުން ޖަލުން ދޫކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުން މިއަދު އެދިއްޖެ އެވެ.

"ވާނުވާ ބަންދު" ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ބަންދުގައި ތިބޭ މީހުންނާ ގުޅޭ ގޮތުން ވަކާލާތުކުރާ މީހުންނާއި ރައީސް މުއިއްޒު މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ވަނީ ބައްދަލުކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ "ވާނުވާ ބަންދު"ގައި ތިބި މީހުންގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން މަސައްކަތްކޮށް، ރަނގަޅު ނަތީޖާއެއް ފެނުމުގެ އުންމީދު އެބައޮތް ކަމަށް، އެ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުން މި ބައްދަލުވުމުގައި ބުނެފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި މައްސަލަ ހައްލުކުރަން އެ މީހުން ވަނީ ބައެއް ކަންކަން ވެސް ރައީސަށް ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

• "ވާނުވާ ބަންދު"ގައި ތިބި މީހުން ވަކި ހަމައެއްގެ މަތިން މޮނިޓާކުރެވޭނެ އިންތިޒާމެއް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށް ފަހު ދޫކޮށްލުން.

• މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން ހަމަޖައްސައިދިނުން.

"ވާނުވާ ބަންދުގައި" ތިބި މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

"ވާނުވާ ބަންދުގައި" ތިބި މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

އިންސާނީ ކަރާމާތް ގެއްލޭ ފަދަ ކަންކަމަށް "ވާނުވާ ބަންދު"ގައި ތިބި މީހުން ހުށަހެޅިފައިވާ ކަމަށާއި އިސްލާމް ދީނުގައި އެ ކަންކަމަށް އޮންނަ ރިވެތި އުސޫލުތައް ފާހަގަކޮށް، އެ މީހުންނަށް އިހުސާންތެރިވުމަށާއި އަދުލުވެރިކަން އިސްކުރުމަށާއި އަނިޔާވެރިކަމާ ދެކޮޅަށް ދީނުގައި އައިސްފައިވާ ކަންކަން ވެސް، އެ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުން މި ބައްދަލުވުމުގައި ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގައި ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ މައި ސިޔާސަތެއް ކަމަށް ރައީސް އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ޕްރޮސިކިއުޓާ ޖެނެރަލް އާއި އެޓާނީ ޖެނެރަލްއާ މަޝްވަރާކުރައްވައިގެން މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ދަށުން "ވާނުވާ ބަންދު"ގައި ތިބި މީހުންނަށް އެ ފުރުސަތު ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ ބައްލަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށެވެ.

ކޯޓު ކޮމްޕްލެކްސް އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ވަގުތީ ގޮތުން ވެސް މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް މިހާރު ވެސް މަސައްކަތްކުރައްވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"މީގެ އިތުރުން ޖަލުތަކުގެ ހާލަތު ބައްލަވާނެ ކަމަށާއި އަދި ބައްދަލުވުމުގައި ފާހަގަކުރެއްވި އެހެނިހެން ކަންކަން ވެސް، ހާއްސަ އިސްކަމެއްދެއްވައިގެން ބައްލަވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ "ވާނުވާ ބަންދު"ގައި ތިބި މީހުންގެ މައްސަލައަށް މިހާރުން މިހާރަށް ގެނެވޭނެ ކަމަށް ބެލެވޭ ބައެއް ހައްލުތައް ހިމަނާފައިވާ ކަރުދާހެއް ވެސް އެ ބައްދަލުވުމުގައި ރައީސަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކަރުދާހުގައި "ވާނުވާ ބަންދު"ގެ ތަފާސްހިސާބުތަކާއި އެކި މައްސަލަތަކުގެ މައުލޫމާތު ހިމަނާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.