Roadha Mihaaru

ޖުޑީޝަރީއަށް ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ކަނޑައަޅަން ނިންމައިފިން: ރައީސް

ޖުޑީޝަރީއަށް މާލީ ބާރުވެރިކަން ދިނުމަށް، އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައި ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް އެ ދާއިރާއަށް ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޖުޑިޝަރީއަށް އާމްދަނީން ވަކި ޕަސެންޓެއް ކަނޑައަޅަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

11 ސެޕްޓެމްބަރ 2025

ޖުޑީޝަރީއަށް މާލީ ބާރުވެރިކަން ދިނުމަށް، އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައި ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް އެ ދާއިރާއަށް ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޖުޑީޝަރީ މިނިވަންކަމާ އެކު ހިންގުމަށް އެންމެ މުހިއްމު ކަމަކީ މާލީ މިނިވަންކަން ލިބުން ކަމަށާއި އެކަމަށް މަގުފަހިކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން އިއްޔެގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ޖުޑިޝަރީއަށް މާލީ ގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މި އަންނަ އަހަރަށް ފާސްކުރާ ބަޖެޓާ އެކު ޖުޑިޝަރީއަށް ލިބިގެންދާނެ ބޮޑު ބަދަލެއް ގެނައުމުގެ މަޝްވަރާ ވަނީ ކުރެވިފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ވަކި ޕަސެންޓެއް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރަން އިއްޔެ ނިންމަވާފައިވާ ކަމަށެވެ.

"އެގޮތުން ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގްރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށްވަނީ ނިންމާފައި،" އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ޕަސެންޓަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގްތަކަށް ވުރެ ބޮޑު އަދަދަކަށް ވާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ގާނޫނީ އަދި ފަންނީ ގޮތުންނާއި ނިޒާމީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ވެސް ރައީސް ވިދާޅުވި އެވެ.

ޖުޑީޝަރީއަށް މާލީ މިނިވަންކަން ނެތުމަކީ މިނިވަންކަމާ އެކު މަސައްކަތްކުރުމަށް އޮތް ހުރަހެއްގެ ގޮތުގައި އެ ދާއިރާގެ ބޭފުޅުން އަބަދުވެސް ފާހަގަކުރައްވަ އެވެ.