14 ޖުލައި 2024
ރިޔާސީ އިންތިހާބުގެ ސިޔާސީ ފޯރީގައި ސަރުކާރާއި ޕާޓީތަކާއި ރައްޔިތުން އަހަރެއްހާ ދުވަސް ހޭދަކޮށް، އެ އިންތިހާބު ނިންމާލުމާ އެކު، މާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް ފެށެނީ އިންތިހާބުގެ ކެމްޕެއިނެކެވެ. އަލަށް ހޮވޭ ސަރުކާރު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ހުސްވާން ޖެހި، ސިޔާސީ ހަލަބޮލިކަމުގައި އަނެއްކާވެސް މަސްތަކެއް ހޭދަވެގެން ދެ އެވެ. މިކަމުގައި އެތައް ހަރަދެއް ދައުލަތާއި ސަރުކާރު އަދި ޕާޓީތަކުން ވެސް ކުރަން ޖެހޭއިރު، ގައުމު އޮންނަނީ ހުއްޓިފަ އެވެ. މަޖިލިހުގެ އިންތިހާބު ނިމޭއިރު އޮންނަނީ ވާނެ އެއްޗެއް ވެފަ އެވެ.
ރިޔާސީ އިންތިހާބުގެ ސިޔާސީ ފޯރީގައި ސަރުކާރާއި ޕާޓީތަކާއި ރައްޔިތުން އަހަރެއްހާ ދުވަސް ހޭދަކޮށް، އެ އިންތިހާބު ނިންމާލުމާ އެކު، މާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް ފެށެނީ އިންތިހާބުގެ ކެމްޕެއިނެކެވެ. އަލަށް ހޮވޭ ސަރުކާރު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ހުސްވާން ޖެހި، ސިޔާސީ ހަލަބޮލިކަމުގައި އަނެއްކާވެސް މަސްތަކެއް ހޭދަވެގެން ދެ އެވެ. މިކަމުގައި އެތައް ހަރަދެއް ދައުލަތާއި ސަރުކާރު އަދި ޕާޓީތަކުން ވެސް ކުރަން ޖެހޭއިރު، ގައުމު އޮންނަނީ ހުއްޓިފަ އެވެ. މަޖިލިހުގެ އިންތިހާބު ނިމޭއިރު އޮންނަނީ ވާނެ އެއްޗެއް ވެފަ އެވެ.
ރިޔާސީ އިންތިހާބުގެ ނިމޭތާ ގާތްގަނޑަކަށް ފަސް މަސް ފަހުން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވަން ޖެހޭ އިރު، އެ ދެ އިންތިހާބު އެއްކޮށްލުމުގެ ބަހުސް ދޭތެރެދޭތެރެއިން ކުރެ އެވެ. މި ބަހުސް މިހާރު އާ ހަރުފަތަކަށް ގޮސްފައިވަނީ ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމެވުމުންނެވެ.
"މި ދެ އިންތިހާބު އެކުއެކީގައި ބޭއްވުން ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ. އެހެންވީމާ ގާނޫނުއަސާސީ އަށް މިކަމުގައި ގެންނަންޖެހޭ އިސްލާހު އެބައޮތް. އޭރުން އަޅުގަނޑުމެންނަށް އެބަ ސަލާމަތް ކުރެވޭ ރައްޔިތުންގެ ފައިސާއިން 120 މިލިއަން ރުފިޔާ. އެ 120 މިލިއަން ރުފިޔާ އިން ނިކަމެތި އެތައް އާއިލާއެއްގެ ކަންކަން ދައުލަތަށް، ސަރުކާރަށް ނިންމައި ދެވޭނެ." ދާދި ފަހުން ބޭއްވި ޕީއެންސީގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންގެ މިގޮތަށް ނިންމަވައި ދެއްވައިފިއްޔާ ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ދެން 2028 ވަނަ އަހަރު މި ދެ އިންތިހާބު އެކު އެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތް."
ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިން ފާހަގަކޮށްފައިވާއިރު، ގާނޫނުއަސާސީ ބައްޓަން ކޮށްފައިވަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ މައްޗަށެވެ. އެއީ ސަރުކާރު ހިންގަން ވަކި ބާރަކާއި ސަރުކާރު ޖަވާބުދާރީ ކުރުވަނިވި ބާރުތައް އެކުލެވޭ ރައްޔިތުންގެ މަޖިލީހުގެ ނިޒާމެވެ. މިހާތަނަށް ދެ އިންތިހާބު ވަކިން ބާއްވަމުން އަންނަނީ ގާނޫނުއަސާސީ އެގޮތަށް އޮތީމަ އެވެ.
ރާއްޖެ ނޫން މިފަދަ ތިން ބާރު ވަކިވެފައިވާ ގިނަ ގައުމުތަކެއްގައި ވެސް ދެ އިންތިހާބު ބާއްވަނީ ވަކިންނެވެ. އެމެރިކާގެ ރައީސް ހޮވުމާއި ކޮންގްރެސް އިންތިހާބު ކުރަން ބާއްވަނީ ވަކިވަކި އިންތިހާބުތަކެވެ. ބްރެޒިލް، މެކްސިކޯ އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުގައި ވެސް މިކަން ކުރަނީ އެގޮތަށެވެ. އެ ގައުމުތަކުގެ ގާނޫނުތަކުގައި ވެސް އެކަން ބަޔާންކޮށްފައި އޮވެ އެވެ. އެގޮތަށް އަމަލުކުރާ ގިނަ ގައުމުތަކުގައި ދެ އިންތިހާބު ވަކިން ބާއްވާ މައިގަނޑު ސަބަބެއް ކަމަށް ބަހުސް ކުރެވިފައި އޮތީ، ތިން ބާރު ވަކިވެފައިވާ ނިޒާމެއް ޔަގީން ކުރުމެވެ.
ސިޔާސީ މީހުން ވެސް މި އުޅެނީ އަވަދި ނެތި، ޕާޓީތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވެސް ކެމްޕެއިންގައި. އެއް އިންތިހާބަކަށް ފަހު އަނެއް އިންތިހާބުގައި ވަރަށް ގިނަ ވަގުތު މީގަައި ހޭދަކުރަން އެބަ ޖެހޭ. އެހެންވީމާ މުޅި ގައުމު އަބަދުވެސް މި އޮންނަނީ އިންތިހާބުގައި،"--- ހަބީބު
ރިޔާސީ އަދި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ވަކިން ބޭއްވުމުން ވޯޓުލާ މީހުންނަށް ކޮންމެ އިންތިހާބަކާ މެދު ވަކިން، ރަނގަޅަށް ވިސްނުމަށް ފުރުސަތު ލިބި، ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅަން ރައްޔިތުންނަށް ފަސޭހަވާނެ ކަމަށް އެ ގައުމުތަކުން ގަބޫލުކުރެ އެވެ. ރާއްޖޭގައި ވެސް ކަން ކުރަމުންދަނީ އަދި ކުރަން ވެސް ޖެހޭނީ މި މަގުން ކަމަށް ދެކޭ ބޭފުޅުން އެބަ ތިއްބެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެއްކޮށްލަން ތާއިދު ކުރަން. އެކަމަކު ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނީ ވަކިން. އެއީ މުޅި ގައުމުގެ މަސްލަހަތުު ހިމެނޭ ކަމެއް،" 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ އޭރުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެފައި ވެ އެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން: ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
ނަމަވެސް، ދެ އިންތިހާބު އެކުގައި ނުބޭއްވޭނެ ކަމަކަށް ރާއްޖޭގެ ގާނޫނުއަސާސީގައި ނެތެވެ. އިންތިހާބު ބާއްވަން ގާނޫނުއަސާސީގައި ކަނޑައަޅާފައިވަނީ ދައުރު ނިމުމުގެ ވަކި ދުވަހެއް ކުރިންނެވެ. އެ ދުވަހުގެ ކުރިން އިންތިހާބު ބާއްވާން މަޖުބޫރު ކުރުން ފިޔަވައި އެހެން ކަމެއް ގާނޫނުއަސާސީގައި ލިޔެފައި ނެތެވެ. އެހެންކަމުން، ގާނޫނަށް ބަދަލު ގެނެސްގެން ވެސް ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ.
ގާނޫނުއަސާސީ ވުޖޫދު ކުރަން މަސައްކަތް ކުރިއިރު ވެސް އިންތިހާބު ބާއްވާނެ ވަކި ގޮތަކާ މެދު މާބޮޑު މަޝްވަރާއެއް ކޮށްފައެއް ނުވެ އެވެ. އިންތިހާބު ބާއްވަނީ ވަކިންތޯ ނުވަތަ އެކައިގައިތޯ އޭރު ބަހުސެއް ނެތެވެ.
"ގާނޫނުއަސާސީ ހެދިއިރު އެ އިޝޫއަށް އެއްވެސް ވަރަކަށް އެޑްރެސް ކުރެވިފައި އޮތް ކަމަކަށް ނުބެލެވޭ، އެއީ ހިޔާލުފާޅު ކުރެވިފައި އޮތް ކަމެއް ކަމަކަަށް އަޅުގަނޑުގެ ހަނދާނަކަށް އެގޮތަކަށް ވެސް ނާދޭ. އެއީ މިހެން ބާއްވާން ވެސް އަދި އެހެން ގޮތަކަށް ވެސް ބާއްވަން ވެސް،" ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި އިންނެވި ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވި އެވެ.
"އެ ދުވަސްވަރު ފާހަގަކުރެވުނީ އަވަހަށް އިންތިހާބެއް ބާއްވައި، މިނިވަން މަޖިލީހެއް އެކުލަވާލަން. އިންތިހާބު ބާއްވާނެ ގޮތަކާ މެދު މާބޮޑު ބަހުސެއް ކުރެވި، މިހެން ހެދުމުން ވާނެ ގޮތަކާ މެދު ހިޔާލު ފާޅުކުރެވިފައެއް ނުވޭ."
ރިޔާސީ އިންތިހާބާއި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާ ގައުމުތައް ވެސް މަދެއް ނޫނެވެ. މިސާލަކަށް ރަޝިއާ އާއި ފްރާންސް އަދި ސައުތު ކޮރެއާގައި ރިޔާސީ އިންތިހާބައި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ބާއްވަނީ އެކުގަ އެވެ. އެކަމަކު، މި ތިން ގައުމަކީ ވެސް ރާއްޖޭގައި އޮންނަ ފަދަ ރިޔާސީ ނިޒާމެއް އޮތް ގައުމުތަކެއް ނޫނެވެ. އެ ގައުމުތަކުގެ އޮންނަ "ސެމީ ޕްރެސިޑެންޝިއަލް" ނިޒާމުގައި ރައީސްގެ އިތުރުން ބޮޑުވަޒީރަކު ވެސް ހުންނަވަ އެވެ. ނަމަވެސް، ބޮޑެތި ބާރުތައް ރައީސްގެ އަތްޕުޅުގައި އޮންނައިރު، ބޮޑުވަޒީރަކީ ބަރުލަމާނީ ނިޒާމް ފަދައިން މަޖިލީހުން އިންތިހާބުވާ ބޭފުޅެކެވެ.
ސައުތު ކޮރެއާ އިން ދެ އިންތިހާބު އެކުގައި ބާއްވާ ސަބަބަކީ، އެގޮތަށް އިންތިހާބު ބޭއްވުމުން ނުކުންނަ ނަތީޖާ ރަނގަޅުވާނެ ކަމަށް ދެކޭތީ އެވެ. އެއް ވަގުތެއްގައި ދައުލަތުގެ ދެ ބާރު ބަދަލުވެގެން ދިޔުމަކީ ސަރުކާރު ބަދަލުވުމުގެ މަރުހަލާ ފަސޭހަވެ، ދައުލަތް ހިންގުމަށް އެއްވެސް ބުރުލެއް ނާރައި ގައުމު ކުރިއަށް ދާނެ ކަމެއް ކަމަށް އެ ގައުމުން ގަބޫލުކުރެ އެވެ.
"ވަރަށް ގިނަ ގައުމުތަކެއްގެ ބޮޑު އިންތިހާބުތައް އޮންނަނީ އެކީގައި އެއް ވަގުތެއްގައި އެއް ވޯޓު ކަރުދާހެއްގަ ފާހަގަލާން ޖެހެނީ. މީގައި ފައިދާތަކެއް އެބަހުރި. އެއީ އާންމު ގޮތެއްގައި ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު ވެސް ގިނަވާނެ. މަޖިލިސް އިންތިހާބު ތަންކޮޅެއް މަދުވޭ. ވޯޓުލާ މީހުންގެ އަދަދު ތަންކޮޅެއް ގިނަ ވެދާނެ އެކުގައި އިންތިހާބު ބާއްވާ ނަމަ،" އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވި އެވެ.
މިއީ ބައެއް މީހުން އުފައްދާ ސުވާލެކެވެ. ކުރިމަގަށް ވެދާނެ ގޮތެކެވެ.
ދެ އިންތިހާބު އެއްކޮށްލައިފި ނަމަ ވެރިކަން ކުރާ ބާރާއި ރައްޔިތުންގެ މަޖިލީހަކީ ވަކިވެފައި އޮތް، މުޅިން ތަފާތު ދެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއްކަން ރައްޔިތުންނަށް އޮޅި، ނިޒާމު މަސްހުނިވުމަކީ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ. ރައީސާ އެކު "ސަރުކާރުގެ މަޖިލީހެއް" ހޮވަން އިތުރަށް ފުރުސަތު ބޮޑުވާނެ ކަމަށް ގަބޫލުކުރާ ބަޔަކު އެބަތިއްބެވެ. އެއީ ރާއްޖޭގައި މިހާރު ވެރިކަން ހިންގަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކާ އިދިކޮޅު ނިޒާމަކަށް ވާތީ އެވެ.
އެކަމަކު، މިއީ ދެ އިންތިހާބު ވަކިން ބާއްވާއިރު ވެސް ކަން ހިނގަމުންދާ ގޮތް ކަން އިންތިހާބުތަކުގެ ނަތީޖާ ދައްކަ އެވެ. ފެހި ގާނޫނުއަސާސީގެ ދަށުން އެންމެ ފުރަތަމަ 2009 ވަނަ އަހަރު އިންތިހާބުކުރި ރައްޔިތުންގެ މަޖިލީހުގައި އޭރުގެ އެމްޑީޕީގެ ސަރުކާރަށް މެޖޯރިޓީއެއް ނުލިބެ އެވެ. އެކަމަކު، އޭގެ ފަހުން ދެން އައި ތިން އިންތިހާބުގައި ވެސް ސަރުކާރަށް މެޖޯރިޓީ ދިނުމުގެ ޓްރެންޑް ފުޅާވަމުން އައިކަން ނަތީޖާތަކުން ދައްކަ އެވެ. ޕީޕީއެމްގެ ސަރުކާރުން 2014 ވަނަ އަހަރު މަޖިލީހުގެ އެކަށީގެންވާ ވަރުގެ އަޣުލަބިއްޔަތެއް ޔަގީންކުރި އެވެ. އޭގެ ފަހުން އައި އެމްޑީޕީގެ ސަރުކާރުން 2019 ވަނަ އޮތް މަޖިލިސް އިންތިހާބުގައި ސުޕަ މެޖޯރިޓީގެ 65 ގޮނޑި ކާމިޔާބުކުރި އެވެ. އެންމެ ފަހުން މި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީން 67 ގޮނޑި ކާމިޔާބުކޮށް، ސަރުކާރަށް ތާއީދުކުރާ އެހެން ކެންޑިޑޭޓުންނާ އެކު 70 އަށް ވުރެ ގިނަ ގޮނޑި ނެގި އެވެ ސަރުކާރު ނުވަތަ ޕީއެންސީގައި އެ އޮތީ ސާފު ސުޕަ މެޖޯރިޓީއެކެވެ. އެހެންވެ، ރައްޔިތުން އަބަދުވެސް ހޮވަން އިސްކަން ދެނީ ސަރުކާރު ހިންގުމަށް އަންނަ ޕާޓީގެ މަޖިލީހެއް ކަން އިންތިހާބުގެ ނަތީޖާތަކުން ސާފެވެ.
އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ސުޕަ މެޖޯރިޓީ ފާހަގަކުރަން ސަރުކާރުން ބޭއްވި އިވެންޓްގެ ތެރެއިން: ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ގަބޫލުކުރައްވާ ގޮތުގައި ގާނޫނުއަސާސީގައި ބަޔާން ކުރާ މަޖިލީހުގެ ދައުރު ދަނީ ގެއްލެމުންނެވެ. މަޖިލިސް އިންތިހާބަށް ނުކުންނަ ކެންޑިޑޭޓުން އެންމެ ކުޑަމިނުން ލެޖިސްލޭޓިވް އެޖެންޑާއެއްހާ ހިސާބު ވެސް ހުށަނާޅާއިރު، އެ ކެންޑިޑޭޓުން ހޮވަނީ އެއިރަކު ސަރުކާރުގައި އޮތް ފަރާތެއްގެ ނުފޫޒާއި އާރާއި ބާރާއި ވަޒީފާ އާއި މަޝްރޫއުތައް ހުވަފެންތައް ދައްކައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވާ ގޮތުގައި ދައުލަތުގެ ހުރިހާ ވަސީލަތަކާ އާންމު ފަރުދަކަށް ވާދައެއް ނުކުރެވޭނެ އެވެ. މާނައަކީ، ސަރުކާރުގެ ކެންޑިޑޭޓަކަށް ލިބޭ ވަސީލަތްތަކެއް ކެމްޕެއިންގައި އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ނެތް ކަމެވެ. ސަރުކާރު ވަޒީފާތަކުގެ ޔަގީންކަމާއި މަޝްރޫއުތަކުގެ ވައުދު ވެވެން އޮތީ ސަރުކާރު ކެންޑިޑޭޓުންނަށް ކަމަށް ވާއިރު، އާންމު ކެންޑިޑޭޓަކަށް އެއާ ވާދައެއް ނުކޮށްލެވޭނެ އެވެ. އެހެންވީމާ މިހާރު ނިޒާމު ބައްޓަންވަމުން އަންނަ ގޮތުން، ވައްޑެ ވިދާޅުވި ގޮތުގައި ސަރުކާރަށް މެނުވީ އިންތިހާބެއް އެފޯޑެއް ނުކުރެވޭނެ އެވެ.
އިލެކްޝަން ކޮމިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ހަބީބު ދެކެވަޑައިގަންނަވާ ގޮތުގައި ދެ އިންތިހާބު އެކުގައި ބޭއްވުމުން ވައްޑެ ފާހަގަ ކުރެއްވި މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ އެވެ.
"ރައީސުލްޖުމްހޫރިއްޔާ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ވަޑައިގަންނަވާ ނަމަ އަމިއްލަފުޅު ދަތުރެއްގައި ނޫން މި ވަޑައިގަންނަވަނީ. ރައީސުލްޖުމްހޫރިއްޔާ ވަކި ލޯންޗުކޮޅެއްގައި ވަޑައިގެންނެވި ނަމަވެސް ހަމަ ސެކިއުރިޓީންނާއި ހުރިހާ ބޭފުޅުން ދާނެ. ހަމަ ހަރަދުތައް ހުންނާނެ. އެހެންވީމާ ދައުލަތުން އެބަ ހަރަދުކުރެވޭ މި ކެމްޕެއިނަށް،" ހަބީބު ވިދާޅުވި އެވެ.
"އެހެންވީމާ ދެ އިންތިހާބު އެކުގައި ބޭއްވީމާ އެ ނުފޫޒުން ވަރަށް ބޮޑަށް އެބަ ސަލާމަތްވޭ. އެއީ ވަރަށް ބޮޑު ފައިދާއެއް ހުރިހާ ޕާޓީތަކަށް ވެސް."
ހަބީބު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި އޮތީ ފުރިހަމަ ރިޔާސީ ނިޒާމެއް ނޫނެވެ. ވަރަށް ބޮޑަށް މަސްހުނި ނިޒާމެކެވެ. ސަރުކާރު އޮންނަނީ ވަރަށް ބޮޑަށް ގާނޫނު ހަދާ މަޖިލީހަށް ބަރޯސާވާ ގޮތަށް ކަމަށް ކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން، ދެ އިންތިހާބު އެކުގައި ބޭއްވިޔަސް ނިޒާމަށް ވަކި އަންނާނެ އިތުރު ބުރުލެއް އޮންނާނެ ކަމަކަށް ހަބީބަށް ގަބޫލެއް ނުކުރެވެ އެވެ.
އޭނާ ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލައިފި ނަމަ، އޭގެ ފައިދާ ދައުލަތަށާއި ޕާޓީތަކަށް އަދި ކެންޑިޑޭޓުންނަށް ވެސް ކުރާނެ ކަމަށެވެ. އެންމެ ބޮޑު ފައިދާއަކަށް ވާނީ ހުރިހާ ދިމާލަކުން ވެސް ހަރަދު ކުޑަވުން ކަމަށާއި ދެ އިންތިހާބު އެއްކޮށްފި ނަމަ، މިހާރު ދައުލަތުން ކުރާ ހަރަދުގެ 60 ޕަސެންޓް ސަލާމަތް ކުރެވޭނެ ކަމަށް ހަބީބު ވިދާޅުވި އެވެ.
ބޮޑު ދެ އިންތިހާބެއް އެހާ ކައިރިކައިރީގައި ބާއްވަން ބޮޑު ހޭދައެއް ކުރަން ޖެހުމަކީ، ދައުލަތަށް ނުއުފުލޭ ވަރުގެ ބުރައެއް ކަމަށް ބައެއް މީހުން ދެކެ އެވެ. ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވާ ގޮތުގައި އިންތިހާބުތައް އެކުގައި ބޭއްވުމަކީ އެންމެ އެފިޝިއެންޓް އަދި އެންމެ ހަރަދު ކުޑަ ގޮތެވެ.
"އަޅުގަނޑު ވިސްނާލިއިރުގައި އިންތިހާބުތައް އެކުގައި ބޭއްވޭ ގޮތް ވެއްޖެ ނަމަ، މި ހުރިހާ ހަރަދެއް ވަރަށް ބޮޑު ތަން އެބަ ކުޑަކުރެވޭ. ހުރިހާ އިންތިހާބެއް އެއްކޮށްލައިފި ނަމަ 87 މިލިއަން ރުފިޔާ ހޭދަކޮށްގެން މިކަން ކުރެވިދާނެ އެއީ 92.3 މިލިއަން ރުފިޔާގެ ސޭވިންއެއް ރައްޔިތުންނަށް ލިބެނީ،" ނަވާރަ ވަނަ މަޖިލީހުގައި ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވެފައިވެ އެވެ.
ނަމަވެސް، ގާނޫނީ ވަކީލް މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި އިންތިހާބުތައް ވަކިކުރުމަކީ ހަމައެކަނި ހަރަދު ކުޑަ ކުރެވޭނެ ކަމެއް ނޫނެވެ. އޭނާ ވިދާޅުވީ އިންތިހާބުތަކުގެ ހަރަދު ބޮޑުވެގެން އުޅެން ޖެހެނީ އެކަން ކުރަމުންދާ އުސޫލުގެ ސަބަބުން ކަމަށެވެ.
"ޒަމާނުންސުރެ އިންތިހާބުތަކުގައި ބޭނުން ކުރަމުންދިޔައީ ސަރުކާރުން ވީއްލާ ސަރުކާރު މުވައްޒަފުން ބޭނުންކޮށްގެން. ދެން އެމީހުންނަށް އިތުރު ގަޑިއެއް ދެނީ. މިހާރު ކީއްވެގެންތޯ އެ އުސޫލު އުވާލާފައި ދުވާލަކަށް 5،000 ރުފިޔާ ދީގެން ވަކިން މީހުން ނަގައި، ބޮޑު ކެއުންގަނޑެއް ހަދައި ކޮފީ މެޓާ ފުޅިތަކެއް ހޯދާ. މި ހަރަދު ބޮޑު ނިޒާމެއް ހެދީ ނޫންތޯ؟ މި ދެ އިންތިހާބު ވެސް އަގު ހެޔޮކޮށް ބޭއްވޭނެ ނޫންތޯ؟،" މުއިއްޒު ވިދާޅުވި އެވެ.
"ޕަބްލިކް ސާވެންޓުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި މިކަން އޮވެގެން ހަރަދު ކުޑަކުރެވޭނެ. ހަމަ މިހާރު ވެސް ސަރުކާރު މުވައްޒަފުން އޮފިޝަލުންގެ ތެރޭގައި ގިނައީ. އެހެންވީމާ އެ މީހުންގެ މިނިވަންކަމެއް ވަކި އިތުރު ވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ."
އެހެންވެ، މުއިއްޒު ހުށަހަޅުއްވާ ގޮތަކީ އިންތިހާބުތައް ބާއްވާ އުސޫލު ދިރާސާކޮށް، ހަރަދު ބޮޑުވާ ސަބަބުތައް ދިރާސާ ކުރުމެވެ. އެ ދިރާސާ ކުރުމަށް ފަހު ،ހަރަދުތައް ކުޑަކޮށްގެން އިންތިހާބުތައް ކުރިއަށް ގެންދިޔުމަކީ މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ ރަނގަޅު ގޮތެވެ.
ހަބީބު ވެސް ގަބޫލު ކުރައްވާ ގޮތުގައި ދެ އިންތިހާބު އެއްކޮށްލާ ނަމަ، އެކަން ކުރަން ޖެހޭނީ ލިބޭނެ ފައިދާ އާއި ގެއްލުން އެނގޭނެ ރަނގަޅު ދިރާސާއެއް ކުރުމަށްފަހު އެވެ.
އިންތިހާބުތަކުގެ ކެމްޕެއިންތަކުގެ އެންމެ ބޮޑު އާދައަކަށް މިހާރު ވެފައި ކަމަކީ ވޯޓު ގަނެ ވިއްކުމެވެ. ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރިޝްވަތުގެ މި އަމަލުތައް އިންތިހާއަށް އިތުރުވެގެންދެ އެވެ. ބައެއް މީހުން ދެކޭ ގޮތުގައި އަމިއްލަ ޖީބަށް އެއްޗެއް ވަނުމުން ނޫން ގޮތަކަށް ވޯޓު ދިނުމަކީ އޮތް ކަމެއް ނޫނެވެ.
ހަބީބު ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގައި ގޯސްވަމުންދާ މި އާދައަށް ވެސް ދެ އިންތިހާބު އެއްކޮށްލުމުން ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބޭނެ އެވެ.
"ރާއްޖޭގައި ވޯޓު ގަނެ ވިއްކުމުގެ ވިޔަފާރި ވަރަށް ބޮޑުވޭ އެބަ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އަމިއްލަ އަށް ކުރާ ކޮންމެ ވެސް މަންފާއަކަށް ވޯޓު މި ލެވެނީ. އެއީ މުޅި މުޖުތަމައުއަށް ކުރާ ފައިދާއަށް ކުރާ ކަމަކަށް ނުވޭ،" ހަބީބު ވިދާޅުވި އެވެ.
"އެހެންވީމަ އެ ބައި ކަނޑާވާލުމަށްޓަކަައި ވެސް ވަކިވަކި މީހުންނަށް ވަކިވަކި ދާއިރާތަކަށް މިދާ ހަރަދުތަކަށް ވުރެ ޖުމްލަކޮށް މުޅި އިންތިހާބަށް ހަރަދުކުރީމާ މި ވޯޓު ގަތުމުގެ ބަޔަށް ވެސް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބޭނެ."
ރައީސް ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި: ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
ހަމައެއާ އެކު، ސިޔާސީ ހަލަބޮލިކަމުގައި ރާއްޖެ އޮތުން ކުޑަވެގެންދާ ކަމަށް ވެސް ހަބީބު ގަބޫލުކުރައްވަ އެވެ.
ރިޔާސީ އިންތިހާބެއް އޮންނަ އަހަރު ފެށުނީންސުރެ ސަރުކާރާއި ޕާޓީތަކުން އަވަދިނެތި އުޅެނީ ކެމްޕެއިނުގަ އެވެ. ރައިސުލްޖުމްހޫރިއްޔާ ވެސް އެކަމަށް ހުސްވެ، ކެމްޕެއިން ދަތުރުތައް ކުރައްވާއިރު ގައުމު އޮންނަނީ ހުއްޓިފަ އެވެ. އަހަރުގެ ފަހުކޮޅު ރިޔާސީ އިންތިހާބު ނިމުމަށް ފަހު، އެއާ ޖެހުނު އަހަރުގެ އޭޕްރީލް މަސް އަންނަން ދެން ތިބެނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެއްކޮށްލަން ތާއިދު ކުރަން. އެކަމަކު ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނީ ވަކިން. އެއީ މުޅި ގައުމުގެ މަސްލަހަތުު ހިމެނޭ ކަމެއް،"--- އީސީގެ ކުރީގެ ރައީސް ޝަރީފު
މިހެން ބަލާއިރު، ކޮންމެ ފަސް އަހަރަކުން ދޮޅު އަހަރު، ސިޔާސީ މި ހަލަބޮލިކަމުގެ ތެރޭގައި ގައުމަށް ގެއްލިގެންދެ އެވެ.
"ސިޔާސީ މީހުން ވެސް މި އުޅެނީ އަވަދި ނެތި، ޕާޓީތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވެސް ކެމްޕެއިންގައި. އެއް އިންތިހާބަކަށް ފަހު އަނެއް އިންތިހާބުގައި ވަރަށް ގިނަ ވަގުތު މީގަައި ހޭދަކުރަން އެބަ ޖެހޭ. އެހެންވީމާ މުޅި ގައުމު އަބަދުވެސް މި އޮންނަނީ އިންތިހާބުގައި،" ހަބީބު ވިދާޅުވި އެވެ.
"އެކަމަކާ ހެދި ސަރުކާރުން ވެސް ތަރައްގީ އަށް ކުރާ މަސައްކަތަށް ވުރެ ކެމްޕެއިންގައި މި އުޅެނީ. އެހެންވީމާ ދެ އިންތިހާބު އެއްކޮށްފި ނަމަ މިކަމަށް ބޮޑު ހައްލެއް އަންނާނެ."
މިކަމުގައި ރައްޔިތުންނަށް ބޭނުންވަނީ ކޮން ގޮތެއްތޯ ނިންމުން އޮތީ ވެސް ހަމަ ރައްޔިތުންނަށެވެ. ރައީސް މުއިއްޒު ނިންމަވާފައިވާ ގޮތުން، ދެ އިންތިހާބު އެއްކޮށްލާނީ ރައްޔިތުން އެކަމަށް ތާއިދުކުރާ ނަމަ އެވެ. ރައްޔިތުން އެކަމަށް އެއްބަސްވާ ނަމަ 2028 ގެ ރިޔާސީ އިންތިހާބާ އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް އޮންނާނެ އެވެ. މި ބަދަލަށް ފުރޮޅާލަން ރައްޔިތުން ތައްޔާރު ހެއްޔެވެ؟
ދެ އިންތިހާބު އެއްކޮށްލަން ގާނޫނު އިސްލާހުކުރަނީ
ކުރަހާ ވޯޓު ކަރުދާސް ބާތިލްވާގޮތަށް އަލުން ހުށަހަޅައިފި
ބިލް ތަސްދީގު ނުކުރާނަމަ، ތާރީހު ބަދަލު ނުވާނެ: އީސީ
ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެދުނިން: ރައީސް
އިންތިހާބު ފަސްކުރާ ބިލާ މެދު ގޮތެއް ނިންމުން މިއަދު
އިންތިހާބު ފަސްކުރާ ބިލް ތަސްދީގު ނުކުރަން ނިންމަވައިފި
ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދައުވާ ކުރަން ފޮނުވަނީ
މާލީބަޔާން ހުށަނާޅާ 39 މީހުންނާ މެދު ގޮތެއް ނިންމަނީ
މާލީ ބަޔާން ހުށަނާޅާއިފި ނަމަ ޖަލު ހުކުމެއްގެ ބިރު!
ވޯޓުތައް ބާތިލްކުރި މައްސަލައިގައި އަދި ފިޔަވަޅެއް ނާޅާ