Roadha Mihaaru
އިންތިހާބު ފަސްކުރާ ބިލް ތަސްދީގު ނުކުރަން ނިންމަވައިފި

އިންތިހާބު ފަސްކުރާ ބިލް ތަސްދީގު ނުކުރަން ރައީސް ނިންމަވައިފި

26 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން، ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ތަސްދީގު ނުކުރައްވައި، އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން، ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ތަސްދީގު ނުކުރައްވައި، އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވާށެވެ. އެކަމަކު، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ބޭނުންވަނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވާށެވެ. އެހެންވެ، އެ ދެ ޕާޓީން ބޭނުންވާ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް އެ ބޭފުޅުންގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލިހުން ފާސްކުރީ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ބިލް ތަސްދީގު ނުކުރަން ރައީސް ނިންމެވީ މައިގަނޑު ފަސް ސަބަބެއްގެ މައްޗަށެވެ. އެ ބިލް މިހާރު އޮތް ގޮތުން ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ފުށުއަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިލް ތަސްދީގު ނުކުރަން ނިންމެވި ސަބަބުތައް:

1- މިހާރު ބިލް އޮތްގޮތުން ވޯޓުދޭ މީހުންގެ ލިސްޓް ގެޒެޓްކުރާއިރު ހުރިހާ ރައްޔިތުންގެ އައިޑީކާޑު ނަންބަރު އާއްމުކުރަން އޮތުން.

2. އިލެކްޝަންސް ކޮމިޝަނުން ކަނޑަޅާ "ފޯކަލް ޕޮއިންޓް" ތަކަކަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވީއިރު، އެ ފޯކަލް ޕޮއިންޓަކީ ކިހިނެއް އައްޔަންކުރާ ކާކުކަން، ފަދަ އެއްވެސް ތަފްސީލެއް ބިލުގައި ބަޔާންވެފައި ނެތުން.

3. ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި، މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސްކުރިން އާ މަޖިލީހުގެ އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ބުނެފައިވީ ނަމަވެސް ބިލުގައިވާ ގޮތަށް އިންތިޚާބު ބާއްވާ ނަމަ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އިންތިޚާބުގެ ހުރިހާ ކަންކަން ނިންމާ ނުލެވުމުގެ އިހްތިމާލު އޮތުމުން އެފަދަ ބިލުގައިވާ ގޮތަށް ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ޚިލާފުވާނޭ ކަމެއް ކަމަށް ވުން.

4. ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީސް މެންބަރުން ގައުމުގެ މަސްލަހަތާ އެއްގޮތަށް ކަންކަންކުރަން ބުނެފައިވީ ނަމަވެސް އިންތިހާބުގެ ތާރީޚަށް ބަދަލު ގެންނަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިޚާބުގައި ވާދަކުރާތީ އަމިއްލަ މަސްލަހަތަކަށް ކަމަށް ބެލުމުގެ ފުރުސަތު އޮތުން.

5. އިންތިހާބާ ބެހޭ ގާނޫނާ މިގޮތަށް ކުޅެ އިންތިހާބު ބާއްވާ ތާރީހް ބަދަލުކުރުމަކީ އިންތިހާބާ މެދު އޮތް އިތުބާރު ގެއްލޭނެ ކަމަކަށްވުން

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އިދިކޮޅު އެމްޑީޕީން އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު އޮތީ ރޯދަމަހުގެ ފަހުން އިންތިހާބު ބާއްވާ ގޮތަށެވެ. ރޯދަމަހު އިންތިހާބުތައް ނުބާއްވާ ގޮތަށް ގާނޫނަށް އެ އިސްލާހު ގެނައީ ވެސް މަޖިލިސް އިންތިހާބު ފަސްކުރުމަށެވެ.

އިދިކޮޅުން ގާނޫނަށް މި އިސްލާހު ގެނައީ، ގައުމީ ލަފާ ދޭ ކޮމިޓީގެ މަޝްވަރާއާ އެކު އިންތިހާބުގެ ތާރީހުތައް ކަނޑައަޅައި ރޯދަމަހުގެ ފުރަތަމަ ހަފުތާގައި އިންތިހާބު ބާއްވަން އީސީން ތައްޔާރުވެފައި ވަނިކޮށެވެ.

ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އިންތިހާބު ބާއްވަން ޖެހޭނީ އޭޕްރީލް 20 ގަ އެވެ. ރައީސް މުއިއްޒު އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންތިހާބާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކުގައި އިންތިހާބު ލަސްނުކުރައްވާނެ ކަމުގެ އިޝާރާތެއް ވަނީ ދެއްވައިފަ އެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުން ބިލު ފާސް ކުރާތާ ހަތް ދުވަސް ތެރޭގައި އެ ބިލު ތަސްދީގު ކުރުމަށް ރައީސަށް ފޮނުވަން ޖެހެ އެވެ. އަދި އެ ބިލް ރައީސަށް ލިބިވަޑައިގަންނަވާތާ 15 ދުވަސް ތެރޭގައި ތަސްދީގު ކުރަން ވާނެ އެވެ. އެ މުއްދަތު މިއަދަށް ހަމަވާނެ އެވެ.

ތަސްދީގު ނުކުރައްވާ ނަމަ 15 ދުވަސް ތެރޭގައި މަޖިލީހަށް ބިލް އަނބުރާ ފޮނުވާލަން ޖެހެ އެވެ.

ރައީސް ބިލު އަނބުރާ ފޮނުވާލުމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް ލިބެ އެވެ. އެގޮތަށް ދެ ވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލު ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ.

ރޯދަމަސް ތެރޭގައި އިންތިހާބު ބޭއްވުމަކީ އީސީގެ ވެސް ކަންބޮޑުވާ މައްސަލައެކެވެ. އެއީ، އެ ކޮމިޝަންގެ މެންބަރުން މަޖިލީހުގައި ވިދާޅުވި ގޮތުގައި ރޯދަމަސް ތެރޭގައި އިންތިހާބު ބާއްވައިފި ނަމަ ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު ވާނެ ކަމަށް ލަފާ ކުރެވޭތީ އެވެ. އޮފިޝަލުން ހޯދުމާއި ތަމްރީން ކުރުމާއި އެހެނިހެން މަސައްކަތްތަކަށް ވެސް ވަރަށް އުނދަގޫ ވާނެ ކަމަށް އެ ކޮމިޝަނުން ގަބޫލު ކުރެ އެވެ.