Roadha Mihaaru

ޕްރައިމަރީ ނުބާއްވާނެ، ދެވަނަ ދައުރަކަށް ޕީއެންސީގެ ޓިކެޓު ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާނެ: އަބްދުއްރަހީމް

މީގެ ހަތަރު އަހަރު ފަހުން 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅަަން ޕްރައިމަރީއެއް ނުބާއްވާނެ ކަމަށާއި އެ އަހަރު ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

"2028ގައި ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު"
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

23 ނޮވެމްބަރ 2024

މީގެ ހަތަރު އަހަރު ފަހުން 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅަަން ޕްރައިމަރީއެއް ނުބާއްވާނެ ކަމަށާއި އެ އަހަރު ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މިއަދު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ހިނގަމުން އަންނަ ވެރިކަމުގައި އެ ޕާޓީގެ މެމްބަރަކު ރައީސްގެ މަގާމުގައި ހުންނެވި ނަމަ އެ ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ދެވަނަ ދައުރަކަށް ވެސް ޓިކެޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެހެންވެ، އެ އުސޫލުން ބަލާ ނަމަ ޕީއެންސީގެ 2028 ގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަސާސީ ގަވާއިދު ބުނަނީ ޕީއެންސީގެ ޓިކެޓުގައި ނިކުމެވަޑައިގެން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންވާ ބޭފުޅަކު އެ މަގާމުގައި ހުންނަވައި ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ވަންޏާ ރިޔާސީ ޕްރައިމަރީ އަކާ ނުލައި އެ ޓިކެޓު އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް، އެހެންވެ އެއީ ޕްރައިމަރީ ބާއްވަން ޖެހޭ ކަމެއް ނޫން،" ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވި ނަމަވެސް ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ މެދު ރައީސް މުއިއްޒު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

މަޖިލީހުގެ ރައީސް، ރައީސް މުއިއްޒާއެކު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މަޖިލީހުގެ ރައީސް، ރައީސް މުއިއްޒާއެކު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރައީސާއި އަބްދުއްރަހީމާ ދެމެދު ސިޔާސީ ނުތަނަވަސްކަން އޮތް ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ، ވެރިކަމުގެ ކުރިން ރައީސް މުއިއްޒާ މާ ގާތް ގުޅުމެއް ނެތް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެކަމަކު، މިހާރު އެ ގުޅުން ދުވަހަކަށް ވުރެ ދުވަހެއް އަންނަނީ ވަރުގަދަ ވަމުން ކަމަށެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ވިސްނުންފުޅު އެއްވެސް ވަރަކަށް ގެންގުޅުއްވަންތޯ ކުރި ސުވާލެއްގެ ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ، ރިޔާސީ އިންތިހާބެއްގައި ވާދަކުރެއްވުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ.

"ރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ދުވަހަކު ވެސް ނުގެންގުޅެން. އަދި ކުރިއަށް އޮތްތާކު ވެސް ނުގެންގުޅޭނަން. ވާދައެއް ނުވެސް ކުރާނަން. އެފަދަ ފުރުސަތެއް ލިބުނަސް އެކަމުން ސަލާމަތް ވާނަން،" ރައީސް މުއިއްޒަށް މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމުގައި އެންމެ އިސްކޮށް މަސައްކަތްޕުޅު ކުރެއްވި އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނު އަނބިކަނބަލުން ސާޖިދާ އަދި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނު އަނބިކަނބަލުން ސާޖިދާ އަދި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ދެހާސް އަށާވީސް ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވާހަކަތައް ދެއްކެވެން މި ފެށީ އިދިކޮޅު އެމްޑީޕީގެ ޓިކެޓު ހޯއްދަވަން ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު އިއުލާން ކުރެއްވުމާ އެކު އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އިއުލާން ކުރައްވައިފަ އެވެ.