ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަކީ ވަކާލަތު ކުރައްވާ ގޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
21 އެޕްރީލް 2025
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަކީ ވަކާލަތު ކުރައްވާ ގޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ވަޓްސްއެޕް ގުރޫޕުގައި ލިޔުއްވި މެސޖެއްގަ އެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނު ވަކާލާތު ކުރައްވާ ވޯޓިން ނިޒާމަކީ ޕްރިފެރެންޝަލް ވޯޓިން ނިޒާމު ކަމަށެވެ.
ޕްރިފެރެންޝަލް ވޯޓިން ބަހުސް އަނެއްކާވެސް ފެށުނީ އެގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދަށް ރައީސް މުއިއްޒު އެދިވަޑައިގެންފައިވާތީ އެވެ. އެގޮތަށް އެދިވަޑައިގެންނެވީ މިދިޔަ ހަފުތާގައި މުލީއާގޭގައި ޕީއެންސީގެ މެންބަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ރައީސްގެ އެ އެދިވަޑައިގެންނެވުމާ އެކު، ސިޔާސީ އަދި ގާނޫނީ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެފައިވަނިކޮށް، އެ ނިޒާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ތާއިދު ކުރައްވައިފަ އެވެ. ނަމަވެސް، އިދިކޮޅު އެންމެ ބޮޑު ޕާޓީގެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެ ނިޒާމާ ދެކޮޅު ކަން ހާމަކުރައްވައިފަ އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، އިންތިހާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ އެވެ. ހާއްސަކޮށް ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވޯޓު ގުނައި، ނަތީޖާ އިއުލާނު ކުރާއިރު އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާ އެކު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، 'ހަރަދު ކުޑަކުރުން' ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި މިކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަން ޖެހެ އެވެ.
ސްރީ ލަންކާ އާއި އެމެރިކާ އަދި އިނގިރޭސި ވިލާތުގައި ވެސް ބޭނުންކުރާ ޕްރިފެރެންޝަލް ވޯޓިން ނިޒާމަކީ ތާއިދު ކުރާ ކެންޑިޑޭޓުން ނުވަތަ އިހުތިޔާރު ކުރާ ކެންޑިޑޭޓުން ތަރުތީބުކޮށް ވޯޓުލާ ނިޒާމެކެވެ. މި ނިޒާމުގައި ވޯޓުދޭ މީހުން ހަމައެކަނި އެއް ކެންޑިޑޭޓަކު ހޮވުމުގެ ބަދަލުގައި ކެންޑިޑޭޓުން ތަރުތީބުކޮށް (1 ވަނަ، 2 ވަނަ، 3 ވަނަ، އަދި މިފަދައިން) އިސްކަންދޭ ތަރުތީބުން ވޯޓުލަ އެވެ.
ނިޒާމުގައި ވޯޓުދޭ ބައެއް ގޮތްތައް:
- ވޯޓުދޭ މީހުން ކެންޑިޑޭޓުން ތަރުތީބުކުރުން - ވޯޓު ކަރުދާހުގައި، ވޯޓުދޭ މީހުން އެންމެ ބޮޑަށް އިސްކަންދޭ ކެންޑިޑޭޓު (1) އިން ފެށިގެން އެންމެ ކުޑަކޮށް އިސްކަންދޭ ކެންޑިޑޭޓާ ހަމައަށް ނަންބަރު ޖެހުން - ވޯޓު ގުނުން - އެއްވެސް ކެންޑިޑޭޓަކަށް ސީދާ އަޣުލަބިއްޔަތު (50%+1) ނުލިބޭ ނަމަ އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓު އިންތިހާބުގެ ވާދައިން ވަކިކުރުން
- ވޯޓުތައް އަލުން ބެހުން - ވަކިކުރި ކެންޑިޑޭޓަށް ލިބުނު ވޯޓުތައް، ވޯޓު ދިން މީހުން ދެވަނަ އަށް އިސްކަންދީފައިވާ ކެންޑިޑޭޓުންނަށް ބަހާލުން
- އަޣުލަބިއްޔަތު ލިބެންދެން ތަކުރާރުކުރުން - މި ޕްރޮސެސް ކުރިއަށް ގެންދާނީ އެއް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބި، ކާމިޔާބުކުރި ކެންޑިޑޭޓެއްގެ ގޮތުގައި އިއުލާން ކުރެވެންދެން.
ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުމެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ ދިރާސާތައް ކުރަމުން ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވިދާޅުވި އެވެ.
"މާނައަކީ އެއްބުރުން [ރިޔާސީ އިންތިހާބު] ނިމޭނެ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން،" ރައީސް އޭރު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭރުން ހަރަދު ވެސް ކުޑަކުރެވޭނެ އެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ ބައެއް މުހިންމު ކަންކަން ތައާރަފު ކުރުމަށްޓަކައި ރައްޔިތުންގެ ގާތު އަހައިގެން ނިންމުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
ފަސް ގޮނޑިއާ އެކު، ޕީއެންސީ އަށް ބޮޑު ކާމިޔާބީއެއް!
ފުރަތަމަ ބަލަންވީ ސިޔާސީ މުވައްޒަފުން މަދުކުރެވޭތޯ: ފައްޔާޒް
ސަރުކާރުން ދެއްކީ ހުއްދަ ނެތި އެއްވެވޭނެ ތަަންތަން
ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަކީ ލިބުނު އިތުރު ހިތްވަރެއް: ފައްޔާޒު
އެމްޑީޕީން ޑިމޮކްރެޓްސްގެ ނިންމުމަށް މަރުހަބާ ކިޔައިފި
ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާ ބައްދަލުކޮށްފި
ޕްރިފެރެންޝަލް ވޯޓިން އަށް ތާއީދުކުރަން: ނަޝީދު
އޮގަސްޓްގައި އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ
އެމްޑީޕީ މުޒާހަރާގައި ދެއްކި ވާހަކަ ކުށްވެރިކޮށްފި
ބައި އިލެކްޝަންގެ ގިނަ ގޮނޑިތައް ސަރުކާރަށް