Roadha Mihaaru

ބައި އިލެކްޝަންގެ ގިނަ ގޮނޑިތައް ސަރުކާރަށް

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ބައިލެކްޝަނުގައި 12 ގޮނޑީގެ ތެރެއިން 9 ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިއްޖެ އެވެ.

ބައި އިލެކްޝަންގެ ގިނަ ގޮނޑިތައް ސަރުކާރަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

08 ފެބުރުއަރީ 2025

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ބައިލެކްޝަނުގައި 12 ގޮނޑީގެ ތެރެއިން 9 ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީ އަށް 9 ގޮނޑި ލިބުނުއިރު އިދިކޮޅު އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ ދެ ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރި ދެ މީހަކު ވެސް އިންތިހާބު ކާމިޔާބުކުރި އެވެ.

ޕީއެންސީން ކާމިޔާބުކުރީ ނ. ލަންދޫ ކައުންސިލުގެ އަންހެން މެމްބަރުގެ ގޮނޑި އާއި ހދ. ހިރިމަރަދު އާއި ބ. ގޮއިދު އާއި ބ. ފެހެންދު އާއި ރ. އިންނަމާދުގެ ދެ ގޮނޑި އާއި ލ. ގަމާއި ގއ. ކަނޑުހުޅުދޫ އާއި ތ. ބުރުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި އެވެ.

ނ. މިލަދު އާއި އދ. ހަންޏާމީދޫގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީންނެވެ. އަމިއްލަ ގޮތުން ވާދަކުރި ދެ މެމްބަރުން ހޮވުނީ ހދ. މަކުނުދު އާއި ދ. ހުޅުދެލިންނެވެ.

މި އަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ފަސް ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވައިލި އެވެ. ނަމަވެސް، އޭގެ ތެރެއިން 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބާއްވަ އެވެ. އެ ކެންޑިޑޭޓުންނަކީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެހެންވެ، އިންތިހާބަކާ ނުލައި އެ 21 ގޮނޑި ވެސް ލިބުނީ ޕީއެންސީއަށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ބޭއްވި ގިނަ ބައި އިލެކްޝަންތައް ބުރަވަނީ މިހާތަނަށް ސަރުކާރުގެ ކެންޑިޑޭޓުންނަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަދުގެ ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދިޔަ އިންތިހާބުގެ ވަގުތު ހަމަވިއިރު ވޯޓުލާފައި ވަނީ 6،275 މީހެކެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 55.41 ޕަސެންޓް މީހުންނެވެ.