12 މާޗް 2020
ރ. އަތޮޅު ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުކަމަށް އަމިއްލަ ގޮތުން ކުރިމަތި ލައިގެން އުޅުނަސް ވޯޓްލާން ދާކަށް އޭނާ ބޭނުމެއް ނުވެ އެވެ. ވޯޓަށް ވުރެ އޭނާއަށް ސިއްހަތު މާ މުހިންމެވެ.
ރ. އަތޮޅު ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުކަމަށް އަމިއްލަ ގޮތުން ކުރިމަތި ލައިގެން އުޅުނަސް ވޯޓްލާން ދާކަށް އޭނާ ބޭނުމެއް ނުވެ އެވެ. ވޯޓަށް ވުރެ އޭނާއަށް ސިއްހަތު މާ މުހިންމެވެ.
"މަށެއް ނުދާނަން [ވޯޓްލާކަށް]، އިޖުތިމާއީ ރޫހަށް ވުރެ ރައްކާތެރިކަން މާ މުހިންމު،" ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވިޔަސް ވޯޓްލާން ނުދާން ގޮވާލާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން އެ ކެންޑިޑޭޓް ލިޔެފައިވެ އެވެ.
އެއީ މިހާރު ގިނަ ބައެއްގެ ޝުއޫރެވެ. ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރި އެ ވައިރަސް ހުރި އަށް މީހަކު ރާއްޖެއިން ޕޮޒިޓިވް ވުމުން އާންމުންނާއި ސިޔާސީ ބައެއް ފަރާތްތަކުން ގޮވާލަމުން އަންނަނީ އެޕްރީލް 4 ގައި ބާއްވަން އޮތް އިންތިހާބުތައް ފަސްކުރުމަށެވެ. އެ އަޑު ވެސް މިހާރު ގަދަ އެވެ. އޭގެ ތެރެއިން ސޯޝަލް މީޑިއާއިން ފެންނަ އެއް ކެމްޕޭނަކީ ވޯޓު ލާން ނުދާނެ ކަަމަށް ބުނެ މީހުން ކުރާ ޕޯސްޓްތަކެވެ.
"ކަލޭމެން ވޯޓު ފޮށި ބަހައްޓައިގެން އިންތިޚާބު ބާއްވާ. އަހަންނެއް ގާއިމު ނުދާނަން ވޯޓުލާކަށް،" އިންތިޚާބާ ގުޅޭ ހަބަރަކަށް މީހަކު ކޮމެންޓް ކުރަމުން ބުންޏެވެ.
@ElectionsMv We will lose a lot more than 30 mil if it spreads across the country, crashing both the healthcare system and the economy. Lives will be lost too. How is saving just 2m dollars worth risking so much? If you’re going to spew propaganda, try harder!
— Umar Hilmy (@umar_hilmy) March 11, 2020
ކަންބޮޑުވުން ފާޅުކޮށް މީހަކު ކުރި ޓްވީޓެއް--
ގިނަ ބަޔަކު އެއްވެ އުޅުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން މިހާރު ވަނީ މަނާ ވެސް ކޮށްފަ އެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވެސް ގޮވަމުން ގެންދަނީ ގިނަ މީހުން އެއް ތަނެއްގައި ބައްދަލުކުރުން މި ދުވަސްވަރު މަޑުޖައްސާލާށެވެ.
ކޮރޯނާވައިރަސް ފެތުރެމުން ދަނީ ވަރަށް ހަލުއިކޮށެވެ. ގައިންގަޔަށް އަރާ މި ބަލީގެ ނުރައްކާތެރިކަން ނިސްބަތުން ކުޑަޔަސް، މިއީ އަލަށް ފެނިގެން އުޅޭ ވައިރަހަކަށް ވާތީ ކޮންމެ ފަދަ ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެހެންކަމުން ވައިރަސް ފެތުރުން ކޮންޓްރޯލްކުރަން ބޮޑެތި ސިޓީތައް ވެސް ކަރަންޓީން އެބަ ކުރެ އެވެ.
އާއްމުންނާއި ކަމާ ބެހޭ މާހިރުންގެ ލަފާގެ މަތިން ސްކޫލްތަކުގެ ކިޔެވުން އެއް ހަފްތާއަށް މިވަނީ ފަސްކޮށްފަ އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއަކަށް ވެފައި، ކޯޓަށް ގޮސްގެން އަމިއްލައަށް ކަންކަން ނިންމުމުގެ ބާރު އޮތަސް، އެފަދަ ފިޔަވަޅަކާ ދިމާއަށް ދާން އުޅުމުގެ ކުޑަ ވެސް ވިސްނުމެއް، މެމްބަރުންގެ ނެތެވެ. ދާދި ފަހުން އޮތް ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުންތަކުގައި ވެސް އިންތިޚާބު ފަސްކުރުމާ ގުޅޭ ގޮތުން މަޝްވަރާއެއް ނުކުރެ އެވެ.
އިންތިހާބް ލަސްކުރީމަ ޖޫރިމަނާ ވަނީތަ މިވަރުމިވަނީ
— Firdous (@Firdous_H) March 11, 2020
އިންތިޚާބު ފަސް ކުރަން ބާރު އަޅައި މީހަކު ކޮށްފައިވާ ޓްވީޓެއް--
އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވާ ގޮތުގައި އިންތިޚާބު ފަސްކުރަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ކޮމިޝަންގެ މެމްބަރުންނަކަށް އަދި ގަބޫލެއްނުކުރެއްވެ އެވެ.
ދެމް އޭނާ ދައްކަވާ އުޒުރު އަދި މާ ތަފާތެވެ: އިންތިޚާބަށްޓަކައި މިހާރު ވެސް ގިނަ ހަރަދުތަކެއް ކޮށްފައި ހުރުމެވެ. އެހެންކަމުން އިންތިހާބު ފަސްކޮށްފި ނަމަ 30 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރާއި ސަރުކާރުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަކި ގޮތެއް ނުނިންމާތީ އީސީ މެމްބަރުން ޖެހިލުންވެވަޑައިގަންނަވަނީ ކަމަށް ވެދާނެ އެވެ. އެކަމަކު އާންމުންގެ ވިސްނުން ތަފާތެވެ. އެމީހުން އިންތިހާބަށް ކުރަން ޖެހޭ ހަރަދަށް ވުރެ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން މާ މުހިންމު ކަމަށެވެ.
"ތިރީސް މިލިއަނަށް ވުރެ ގިނައިން އަހަރުމެންނަށް ގެއްލޭނެ މި ބަލި މުޅި ރާއްޖެއަށް ފެތުރިއްޖެ ނަމަ، ސިއްހީ ނިޒާމާއި އިގްތިސާދު ފުނޑުފުނޑު ވާނީ. މީހުންގެ ފުރާނެ ވެސް ގެއްލޭނެ. މި ހުރިހާ ކަމެއް ހުރި އިރު އެންމެ ދެ މިލިއަން ޑޮލަރު ސަލާމަތްކުރަންތަ މުހިއްމީ؟ ޕްރޮޕެގަންޑާ ފަތުރަން ބޭނުން ނަމަ، ތިއަށް ވުރެ ބުރަކޮށް މަސައްކަތްކުރޭ،" ކަންބޮޑުވުން ފާޅުކުރަމުން އާންމުންގެ މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ބަލި ކަމަށް ވާ ކޮވިޑް-19 މިހާތަނަށް ފެނުނީ ތިން ރިސޯޓެއްގައި ތިބި ބައެއްގެ ފަރާތުންނެވެ. އެ އެންމެން ސަރުކާރުގެ ކަރަންޓީން ފެލިސިޓީތަކަށް ގެންދިޔަ އިރު، އެ ތިން ރިސޯޓް ވެސް ކަރަންޓީންކުރި އެވެ. އެކަމަކު މިހާރު ވަނީ ރިސޯޓްތަކުގެ ކަރަންޓީން ދޫކޮށްލައިފަ އެވެ.
އޭގެ އިތުރުން ވޯޓް ފޮށި ބަހައްޓާ އިންޑިއާ ފަދަ ގައުމުތަކަށް އެޕްރީލް 15 ގެ ކުރިން ބޭރު މީހުންނަށް ދަތުރުނުކުރެވޭނެ ކަމަށް ވަނީ ހަމަޖައްސައިފަ އެވެ. އެެހެންކަމުން އެ ގައުމުގައި ވޯޓްލުން ކުރިއަށް ގެންދެވޭނެ ކަމާ މެދު ވެސް ސުވާލު އުފެދެ އެވެ.
ޝަރީފް ވަނީ އެފަދަ ކަމަކުން އިންތިޚާބަށް ހުރަސް އެޅިދާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އާއްމުން ކިތަންމެ ކަންބޮޑުވުމެއް ފާޅުކުރި ނަމަވެސް ވޯޓް ކަރުދާސް ޕްރިންޓް ކުރަން އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ. އަދި އަންނަ އާދިއްތަ ދުވަހު ޕްރިންޓް ކުރުމުގެ މަސައްކަތް ފަށަން ވެސް ވަނީ ނިންމައިފަ އެވެ. އެހެންކަމުން އީސީގެ މެމްބަރުން ތިއްބެވީ ގޮތްދޫކުރައްވާ ގޮތަށް ނޫންކަން އެނގެ އެވެ.
ގާނޫނު ބުނާ ގޮތުން މިހާރު މިއޮތް ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ މަސް ދުވަސް ކުރިން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެ އެވެ. އެހެންކަމުން މޭ 3ގެ ކުރިން އިންތިޚާބު ބާއްވަން ޖެހެ އެވެ. ނަމަވެސް ގާނޫނުގައި ބުނާ މުއްދަތައް ވުރެ ލަސްކޮށް އިންތިޚާބުތައް ބޭއްވުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. އަދި މިހާރު ކުރިމަތިވެފައިވާ ހާލަތަށް ވުރެ މާ އާދައިގެ ކަންކަމުގައި ވެސް އިންތިޚާބު ފަސްކޮށްފައި އެބަ ހުއްޓެވެ.
އެންމެ ފަހުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ވަނަ އަހަރު ފަސްކުރަން ކޯޓުން އަމުރުކުރީ އޭރު ވެރިކަން ކުރި ޕީޕީއެމްގެ އެތެރޭގެ ކޯޅުންތަކާ ހެދި އިންތިޚާބަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބުނު ކަމަށް ބުނެ އެވެ. އެ އިންތިޚާބު ދެ މަހަށް ފަސްކުރީ ކައުންސިލްތަކަށް އާ މެމްބަރުން އިންތިޚާބުވެ، މަގާމާ ހަވާލު ވަންދެން ކުރީގެ ކައުންސިލަރުން މަގާމުގައި ދެމިތިބޭ ގޮތަށެވެ.
އޭގެ އިތުރުން 2013 ގެ ރިޔާސީ އިންތިޚާބު އެކި ސަބަބުތަކާ ހުރެ ފަސްވަމުން ގޮސް، ކުރިންސުރެ ރާއްޖޭގެ ރައީސް ހުވާކުރައްވާ ނޮވެމްބަރު 11 އައި އިރު ވެސް ނުނިމެ އެވެ. އެހެންވެ ރައީސް އަބްދުﷲ ޔާމީނަށް ހުވާކުރެއްވުނީ ވެސް ގާނޫނުގައި ބުނާ މުއްދަތު ހަމަވި ފަހުން، ނޮވެމްބަރު 17 ގަ އެވެ.
އޭރު ސުޕްރީމް ކޯޓުން ނިންމި ގޮތުން ރިޔާސީ ދައުރު ހަމަވި ނަމަވެސް އާ ރައީސް ހުވާކުރައްވަންދެން އޭރުގެ ރައީސް މުހައްމަދު ވަހީދަށް މަގާމުގައި ހުންނެވޭނެ އެވެ.
އެހެންކަމުން އިންތިޚާބެއް ފަސްކުރުމަކީ އެއްގޮތަކަށް ވެސް ރާއްޖެއަށް އާ ކަމެއް ނޫނެވެ.
ޝަރީފް ވިދާޅުވެފައިވާ ގޮތުގައި އިންތިޚާބު ފަސްކުރަން ކޯޓް އަމުރެއް ބޭނުންވާ ހާލަތެއް އަތުވެއްޖެ ނަމަ ހައި ކޯޓްގެ ލަފައެއް ހޯދުމުގެ ވިސްނުން ގެންގުޅުއްވަ އެވެ.
ފޯރީގައި މުޅި ރާއްޖޭގައި ކުރަމުން ދިޔަ ކެމްޕެއިންތައް މި ހާލަތާ ގުޅިގެން ވަނީ މެދުކަނޑާލައިފަ އެވެ. ދޮރުން ދޮރަށް ހިނގުމާއި ޖަލްސާތައް ބޭއްވުން ފަދަ ހަރަކާތްތަކުގެ ބަދަލުގައި ކެމްޕެއިން ކުރިއަށް ދަނީ ސޯޝަލް މީޑިއާގަ އެވެ.
އެމްޑީޕީގެ ވާހަކަތަކަށް ބަލާއިރު އިންތިޚާބު ފަސްކުރަން އެ ޕާޓީގެ ލީޑާޝިޕަކުން ބޭނުމެއް ނުވެ އެވެ. އަންނަ މަހު އިންތިޚާބު އޮންނާނެ ކަމަށް ބަލައި ސޯޝަލް މީޑިއާގައި އެ ޕާޓީން އަންނަނީ ކެމްޕެއިން ކުރަމުންނެވެ.
އިދިކޮޅު ކޯލިޝަންގެ އަޑު ވެސް މި މައްސަލާގައި ވަރަށް މަޑެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިންތިޚާބު ފަސްކުރަން ޖެހޭ ހާލަތަކަށް ހިނގައްޖެ ނަމަ، އެކަމަށް އިދިކޮޅު ކޯލިޝަނުން ތާއީދުކުރާނެ ކަމަށެވެ. ނަމަވެސް އެކަމުގައި ގޮތް ނިންމަން ޖެހޭނީ ސަރުކާރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން އެ ކޯލިޝަނުން ބުނެފައިވަނީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުން ނޫނީ އިންތިޚާބު ފަސްކުރުމުގެ މަޝްވަރާގައި ބައިވެރިނުވާނެ ކަމަށެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމުން އިލެކްޝަންސް ކޮމިޝަންގައި މިހާރު ވަނީ އިންތިހާބު ފަސްކޮށްދޭން އެދިފަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި އިންތިޚާބު ފަސްކުރުމާ މެދު ސަރުކާރުގެ ވިސްނުން ހާމަކުރާނީ ހުރިހާ ޕާޓީތަކާ މަޝްވަރާ ކުރުމަށް ފަހު އެވެ.
އެކަމަކު މިހާރު ވަގުތު ކުޑަތަންވަނީ އެވެ. ހަރަދުތައް އެދަނީ ކުރަމުންނެވެ. ކޮވިޑް-19 ގެ ނުރައްކާ ވެސް ދުވަހުން ދުވަހަށް ދަނީ ބޮޑުވަމުންނެވެ. ގައުމާއި ރައްޔިތުންގެ ސަލާމަތަށް ދެން ކުރަން ޖެހޭ ކަންކަން ނުވިސްނިގެން އަދި އުޅެނީ އީސީ ކަހަލަ މަދު ބަޔަކަށެވެ.
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
ބޭނުމީ އީސީގެ ރައީސްކަމަށް ފުއާދު ގެންނަން: އިދިކޮޅު
އިންތިޚާބު ފަސްކުރަން ޖެހޭނަމަ ތާއީދު ކުރާނެ:އަދުރޭ
އިންތިހާބު ލަސްކުރުމަކީ ސިޔާސީ ކަމަކަށް ވެގެން ނުވާނެ
ކައުންސިލް އިންތިޚާބު ފަސްކުރަން އެދިވަޑައިގެންފި
ނަޝީދަށް ރައްދު ދެއްވަން މުއިއްޒު ބޭނުމެއް ނޫން
އީސީގެ އަކްރަމަކީ އެމްޑީޕީގެ އެޖެންޓެއް: ޝުޖާއު
އިންތިހާބުގެ ތާރީހު ބަދަލުކުރަން ތާއީދުކުރަން: ޕީޕީއެމް