Roadha Mihaaru
ޝަކުވާތަކާ އެކު ދެފަރާތް ވެސް ކާމިޔާބީގެ އުއްމީދުގައި

ޝަކުވާތައް ހުއްޓަސް ދެ ފަރާތް ވެސް ކާމިޔާބީގެ އުއްމީދުގައި!

06 މެއި 2017

ވޯޓު ލުމުގެ ހައްގު ލިބުނު ފަހުން، ހަފީޒާ އިބްރާހީމް މިހާތަނަށް ހުރިހާ އިންތިހާބެއްގައި ވެސް ވޯޓު ލަމުން އައީ ހެންވޭރު ދެކުނު ދާއިރާ އަށެވެ. އެކަމަކު މި އިންތިހާބުގައި އޭނާ ވޯޓުލާން ދިޔަ އިރު، އެ ގޭ އެންމެންގެ ނަން އެ ދާއިރާގެ ލިސްޓުގައި އޮތް އިރު، އޭނާގެ ނަން ނަން އޮތީ މެދު ހެންވޭރުގެ ލިސްޓުގަ އެވެ. އެ ވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ. އެހެންވެ އިލެކްޝަންސްގެ ކޮމިޝަނުގެ އޮފިޝަލުންނަށް ޝަކުވާ އޮއްސާލީ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވޯޓު ލުމުގެ ހައްގު ލިބުނު ފަހުން، ހަފީޒާ އިބްރާހީމް މިހާތަނަށް ހުރިހާ އިންތިހާބެއްގައި ވެސް ވޯޓު ލަމުން އައީ ހެންވޭރު ދެކުނު ދާއިރާ އަށެވެ. އެކަމަކު މި އިންތިހާބުގައި އޭނާ ވޯޓުލާން ދިޔަ އިރު، އެ ގޭ އެންމެންގެ ނަން އެ ދާއިރާގެ ލިސްޓުގައި އޮތް އިރު، އޭނާގެ ނަން ނަން އޮތީ މެދު ހެންވޭރުގެ ލިސްޓުގަ އެވެ. އެ ވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ. އެހެންވެ އިލެކްޝަންސްގެ ކޮމިޝަނުގެ އޮފިޝަލުންނަށް ޝަކުވާ އޮއްސާލީ އެވެ.

ގާނޫނުން ލިބިދީފައިވާ ވޯޓުލުމުގެ ހައްގު ދޫކޮށްލާކަށް ހަފީޒާ ބޭނުމެއް ނުވެ އެވެ. އެކަމަކު މެދު ހެންވޭރު ދާއިރާ އިން ވާދަކުރަނީ ހަފީޒާގެ ދާއިރާ އިން އޭނާ އިންތިހާބުކުރަން ބޭނުންވާ ކެންޑިޑޭޓެއް ނޫނެވެ. އެހެންވެ އޭނާ ހުރީ މައްސަލަ ހައްލުކޮށް، 4:00ގެ ކުރިން ވޯޓު ލެވޭނެ ކަމުގެ އުއްމީދުގަ އެވެ.

އެ ފޮއްޓަށް ވޯޓުލާން ދިޔަ އެހެން މީހަކަށް ވެސް އެފަދަ މައްސަލައެއް ކުރިމަތިވި އެވެ. އެއީ، ވޯޓުލާން ދިޔައިރު، އޭނާގެ ނަމުގައި އެހެން މީހަކު ވޯޓުލާފައި ވުމެވެ.

"އޮފިޝަލުންނަށް ޝަކުވާ ހުށަހެޅީމަ ބުނީ، ވޯޓުލާފައިވާ ކަމަށޭ ލިސްޓުގައި މިއޮތީ. ދެން ޝަކުވާ ކޮށްގެން އެންމެ ފަހުން ވޯޓުލުމުގެ ފުރުސަތު ލިބިއްޖެ،" އެ މީހާގެ ދައްތަ ބުންޏެވެ.

މާލޭގައި މިއަދު ވޯޓު ލަނީ -- ފޮޓޯ: / މިހާރު

މާލޭގައި މިއަދު ވޯޓު ލަނީ -- ފޮޓޯ: / މިހާރު

ވޯޓުލާން ޖެހޭ މަރުކަޒުގެ ލިސްޓުގައި ނަން ނެތުމާއި އެ ނޫން ވެސް އިދާރީ ޝަކުވާތަކެއް ހުއްޓަސް މި އިންތިހާބަކީ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ވެސް މުހިއްމު އިންތިހާބެކެވެ. އެކަން އެނގެނީ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ދެ ފަރާތުގެ އޮފިޝަލުންނާއި މޮނިޓަރުން އަދި ވޯޓުލާން ކިޔޫގައި ތިބި މީހުންގެ އަދަދުންނެވެ.

ވޯޓު ލާން ނުގޮސް ގޭގައި ތިބި މީހުންނަށް ގުޅައިގެން ވޯޓުލާން ގެންނަން މަސައްކަތް ކުރި މަންޒަރު ވެސް ފެނުނެވެ. އެ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައި ތިބި މީހުންގެ ތެރެއިން ވޯޓުލީ މީހުންނާއި ވޯޓު ނުލާ މީހުންގެ އަދަދުތައް ވެސް ބަރާބަރަށް ދެ ފަރާތުން ވެސް އަންނަނީ ބަލަހައްޓަމުންނެވެ.

ވެރިކަން ކުރާ ޕީޕީއެމަށް ތާއީދު ކުރާ މީހުން ބުނި ގޮތުގައި އެ މީހުންނަށް މި އިންތިހާބު މުހިއްމު ވަނީ ތަރައްގީ ބޭނުންވާތީ އެވެ. އިދިކޮޅު މީހުން ބުނާ ގޮތުގައި ކޮރަޕްޝަން އާއްމުވެފައި އޮއްވައި، ތަރައްގީ ނުހޯދޭނެ ކަން މި އިންތިހާބުން ސަރުކާރަށް ސާބިތުކޮށްދޭން ބޭނުމެވެ.

އެ މީހުންގެ ވާހަކަތަކުން އެނގެނީ، މި އިންތިހާބަކީ އިންތިހާ އަށް ސިޔާސީ ވާދަވެރިކަން އޮތް މި ދުވަސްވަރު، ދެ ފަރާތަށް ވެސް މުހިއްމު އިންތިހާބެއް ކަމެވެ. އެހެންވެ ދެ ފަރާތުން ވެސް އުއްމީދުކޮށްގެން އެ ތިބީ ކާމިޔާބު ލިބޭނެ ކަމަށެވެ.

ކަލާފާނު ސްކޫލުގައި ހުރި ފޮއްޓަކަށް ވޯޓުލާން ގޮސް ހުރި ޒުވާން އަންހެން ކުއްޖަކު ބުނީ އޭނާ ވޯޓުލަނީ ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރަކަށް ވެފައި، ޕާޓީގެ ކެންޑިޑޭޓުން ހޮވަން ކަމަށެވެ.

"ޕާޓީގައި އުޅޭއިރު ޕާޓީގެ ކެންޑިޑޭޓުން ހޮވަން ޖެހޭތީ، ވޯޓުލުން މުހިއްމު ވަނީ،" އޭނާ ބުންޏެވެ.

ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓު ލި މީހެއްގެ އިނގިލީގައި ފާހަގަ ޖަހަނީ -- ފޮޓޯ:/ މިހާރު

ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓު ލި މީހެއްގެ އިނގިލީގައި ފާހަގަ ޖަހަނީ -- ފޮޓޯ:/ މިހާރު

އިދިކޮޅަށް ތާއީދުކުރާ ފިރިހެނަކު ބުނި ގޮތުގައި މި އިންތިހާބަކީ މުޅި ގައުމަށް ވެސް މުހިއްމު އިންތިހާބެކެވެ. ސަބަބަކީ ސަރުކާރާ މެދު ރައްޔިތުންގެ ހިތްހަމަޖެހުން އޮތް މިންވަރާއި ހިތްހަމަނުޖެހުން އޮތް މިންވަރު ވަޒަންކުރަން މި އިންތިހާބުން ފުރުސަތު ލިބޭތީ އެވެ.

"ސަރުކާރުގެ އަމަލުތަކާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ ނަމަ އެކަން އަންގައިދޭން ފުރުސަތެއް މިއީ. އަޅުގަނޑުމެންގެ އުއްމީދަކީ އެ ކަން މި ފަހަރު ސާފުވެގެންދާނެ ކަމަށް،" އޭނާ ބުންޏެވެ.

ހެންވޭރުގައި ބެހެއްޓި ފޮއްޓަކަށް ވޯޓުލާފައި ނުކުތް އައިމިނަތު ސީމާ ބުނި ގޮތުގައި އިންތިހާބުތަކަކީ ރައްޔިތުންގެ ބާރު އޮތް މިންވަރު ފެންނާނެ އެއްޗެކެވެ. އެ ފުރުސަތުގެ ބޭނުން ހިފުމަކީ ގައުމަށްޓަކައި ކޮންމެ މީހެއްގެ ވެސް ފަރުދީ ވާޖިބެއް ކަމަށް އޭނާ ދެކެ އެވެ.

ކަލާފާނު ސްކޫލުގައި ހުރި ޅ. ހިންނަވަރު ފޮއްޓަށް ވޯޓު ލާން ގޮސް ހުރި މީހަކު ބުނި ގޮތުގައި މިފަހަރުގެ އިންތިހާބަކީ ރައްޔިތުން ތިބި ގޮތް ސަރުކާރަށް ދައްކައިދޭން ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ. މީގެ ކުރީ ފަހަރުތަކުގައި ވެސް ރައްޔިތުންގެ އަޑު އިއްވި ފަދައިން މި އިންތިހާބުގައި ވެސް ރައްޔިތުންގެ އަޑު ފުރިހަމަ މާނައިގައި އިއްވުން މުހިންމު ވާތީ ގިނަ ބަޔަކު ވޯޓުގައި ބައިވެރިކުރުމަށް މަސައްކަތް ކުރެ އެވެ. އެހެންކަމުން އެމީހުން މަސައްކަތް ކުރަނީ، މާލޭގައި ތިބި އެ އަތޮޅުގެ ވީހާ ގިނަ މީހުން ގެނެސް ވޯޓު ލާށެވެ.

ކަންބޮޑުވުންތަކާއި ޝަކުވާތައް ހުއްޓަސް އިދިކޮޅު އެމްޑީޕީ އާއި ސަރުކާރުގެ ސަޕޯޓަރުން ވެސް ތިބީ މި އިންތިހާބުގައި ދޫ ދޭ ގޮތަކަށް ނޫނެވެ. އިންތިހާބުގައި ވޯޓު ލައި ނިމެން ބާކީ އޮތީ ގަޑިއެއްހާ އިރެވެ. ޝަކުވާތަކާއި މައްސަލަތައް ހުއްޓަސް ދެ ފަރާތުން ވެސް އުންމީދު ކުރަނީ ކާމިޔާބަށެވެ.

އެ އުއްމީދު ހާސިލްވަނީ ކޮން ބަޔަކަށް ކަން ސާފުވާނީ ވޯޓުގެ ނަތީޖާ އިންނެވެ.