Roadha Mihaaru
އެމްޑީޕީގެ ކެންޑިޑޭޓަކު ވޯޓަކާ ނުލައި ހޮވިއްޖެ

ޕީޕީއެމް މީހާގެ ކެންޑިޑެސީ ބާތިލް ކުރުމުން އެމްޑީޕީގެ ކެންޑިޑޭޓު ވޯޓަކާ ނުލައި ހޮވިއްޖެ

03 އެޕްރީލް 2021

ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލް ކުރުމުން އެމްޑީޕީގެ ކެންޑިޑޭޓް އިންތިޚާބަކާ ނުލައި ހޮވިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލް ކުރުމުން އެމްޑީޕީގެ ކެންޑިޑޭޓް އިންތިޚާބަކާ ނުލައި ހޮވިއްޖެ އެވެ.

މި މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ހަސަން މޫސާގެ ކެންޑިޑެސީ މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށް، އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ހުކުމްކޮށްފަ އެވެ. އެއީ އޭނާ އިންތިޚާބަށް ކުރިމަތިލިއިރު ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ އޮތުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައިވަނީ ހަސަންގެ ކެންޑިޑެސީ ބާތިލް ކުރުމުން އެ ގޮނޑިއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރީހާން އިންތިޚާބަކާ ނުލައި، ހޮވިފައިވާ ކަމަށެވެ.

މިއީ ރީހާން އެ މަގާމަށް އިންތިޚާބުވި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އެކަން އިއުލާންކުރީ ހަސަންގެ ކެންޑިޑެސީ އެ ކޮމިޝަނުން އަމިއްލައަށް ބާތިލް ކުރުމަށް ފަހު އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން އޭރު ނިންމީ ކެންޑިޑެސީ ބަލައިގަތުމަށް ފަހު އެ ކޮމިޝަނަށް އަމިއްލައަށް ކެންޑިޑެސީ ބާތިލް ނުކުރެވޭނެ ކަމަށާއި އެހެންވެ، ހަސަންގެ ކެންޑިޑެސީ އަލުން ދިނުމަށެވެ. އަދި ކެންޑިޑެސީ ބާތިލް ކުރެވޭނީ ސުޕްރީމް ކޯޓަށް އެކަނި ކަމަށް އެ ކޯޓުން ހުކުމްކުރި އެވެ.

އެހެންވުމުން ހަސަންގެ ކެންޑިޑެސީ އަލުން ދިނުމަށް ފަހު އޭނާގެ ކެންޑިޑެސީ ބާތިލް ކުރަން ސުޕްރީމް ކޯޓަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި އެވެ. އެ މައްސަލަ ބެލުމަށް ފަހު، އޭނާގެ ކެންޑިޑެސީ ކޯޓުން ބާތިލްކުރީ މިދިޔަ ހަފުތާގަ އެވެ.