Roadha Mihaaru
އެހެން ދާއިރާއެއްގެ ބަޔަކު ވޯޓުދިން ކަމުގެ ޝަކުވާއެއް

ގާދިއްފުށީ ކެންޑިޑޭޓުންނަށް އެހެން ދާއިރާއެއްގެ ބަޔަކު ވޯޓުލީ ކަމުގެ ޝަކުވާއެއް

12 އެޕްރީލް 2021

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ތ. ގާދިއްފުށީ ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް އެހެން ދެ ރަށެއްގެ ދެ މީހަކު ވޯޓުލީކަމުގެ ޝަކުވާ، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ތ. ގާދިއްފުށީ ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް އެހެން ދެ ރަށެއްގެ ދެ މީހަކު ވޯޓުލީކަމުގެ ޝަކުވާ، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ގާދިއްފުށީ ކައުންސިލަށް ކުރިމަތިލެއްވި އެމްޑީޕީ ކެންޑިޑޭޓެއްގެ މަންދޫބަކު "މިހާރު" އަށް މިރޭ ވިދާޅުވީ އެހެން ދެ ދާއިރާއެއްގެ ދެ މީހަކު ގާދިއްފުށީ ކައުންސިލަށްް ވޯޓުދިން ކަމަށް ބެލެވުނީ ވޯޓުލައި ނިމުނު އިރު އެ ދެ ދާއިރާގެ ވޯޓުކަރުދާސް ބާކީ އޮތުމުން ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ގާދިށްފުށީ ފޮއްޓަށް ވޯޓުލާން ރަޖިސްޓަރީ ކޮށްފައިވާ ދެ މީހުންގެ ތެރެއިން އެކަކީ ރ. އިންނަމާދޫ މީހެކެވެ. ދެވަނަ އަށް ހުރީ ލ. ކުނަހަންްދޫ މީހެކެވެ.

"ވޯޓުލައި ނިމިގެން ބާކީ ހުރި ކަރުދާހުގެ ތެރޭގައި އެ ދެ މީހުންގެ ކަރުދާސް އޮތީ. އެކަމަކު އެ ދެ މީހުން ވެސް ވޯޓުލީ. އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރަނީ އެ ދެ މީހުން ވޯޓުލާފައި އެ އޮތީ ގާދިއްފުށީ ކެންޑިޑޭޓުންނަށޭ،" މަންދޫބު ވިދާޅުވި އެވެ.

"އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގީމާ ބުނީ [ވޯޓު] ގުނުން ކުރިއަށް ގެންދާށޭ. އެކަން ޝަކުވާއެއްގެ ގޮތުގައި ހުށަހަޅާށޭ."

ކެންޑިޑޭޓުގެ މަންދޫބު ބުނީ، އެހެން ދާއިރާއެއްގެ ދެ މީހެއްގެ ވޯޓު ގާދިއްފުށީ ކެންޑިޑޭޓުންނަށް ދީފައިވާ ކަމަށް ތުހުމަތުކުރެވޭ އިރު، އަންހެނުންނަށް ހާއްސަ ކޮށްފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި އަށް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކު އިންތިހާބުވީ ވެސް ދެ ވޯޓުގެ ތަފާތަކުންނެވެ. އެކަމުގައި އޮތް އަނެއް މައްސަލައަކީ އެ ދެ މީހުން ނިސްބަތްވާ ދާއިރާގެ ކެންޑިޑޭޓުންނަށް ލިބެން އޮތް ވޯޓެއް ނުލިބުމެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިދިކޮޅަށް ގިނަ ގޮނޑިތަކެއް ލިބުނު އިރު ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ އަށް ވަނީ ކުރިން އެ ޕާޓީ އަށް ތާއީދު ބޮޑު ބައެއް ދާއިރާތައް ގެއްލިފަ އެވެ. ނަމަވެސް ޖުމުލަ ގޮތެއްގައި ގިނަ ވޯޓު ލިބުނީ އެމްޑީޕީއަށެވެ.